އިޓަލީ ލީގުގައި އާދީއްތަ ދުވަހު އިންޓަ މިލާނާއި އެޓްލާންޓާ ބައްދަލު ކުރި މެޗުގައި ޖާމަން ޑެނިސް ކާމިޔާބުކުރި ހެޓްރިކާ އެކު ތިނެއް ހަތަރަކުން އެޓްލާންޓާ އަތުން އިންޓަ ބަލިވެއްޖެ އެވެ.

ސެންސީރޯގައި 49000 ކުޅިބެލުންތެރިންގެ ކުރިމަތީގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް އިންޓައަށް މެޗުގެ ކުރި ހޯދައިދިނީ 44 ވަނަ މިނިޓުގައި ތޮމާސޯ ރޮޝީ އެވެ. ދެވަނަ ހާފު ފެށިގެން 11 ވަރަކަށް މިނިޓުގެ ތެރޭގައި އެޓްލާންޓާގެ ގިއަކޯމޯ ބޮނަވެންޗޫރާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އެކަމަކު އޭގެ މިނިޓެއް ފަހުން އިންޓައަށް ދެވަނަފަހަރަށް ކުރިހޯދައިދިނީ ރިކާޑޯ ގަބްރިއެލް އަލްވަރޭޒް އެވެ. އަދި އަލްވަރޭޒް ވަނީ 61 ވަނަ މިނިޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ނަދީޖާ ފުޅާކޮށްފަ އެވެ.

ދެ ލަނޑުގެ ކުރިއެރުމެއްގައި އިންޓަ އޮއްވައި، އެޓްލާންޓާއަށް މެޗުގެ ނަތީޖާ ދެ ވަނަ ފަހަރަށް ހަމަހަމަ ކޮށްދިނީ 65 ވަނަ މިނިޓުގައި ލިބުނު ޕެނަންލްޓީއަކުންނާއި އަދި 71 ވަނަ މިނިޓުގައި ޑެނިސް ކާމިޔާބުކޮށްދިން ދެލަނޑުން ނެވެ. އަދި އެޓްލާޓާއަށް މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮށްދީ މެޗުގައި ޑެނިސް ހެދި ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 77 ވަނަ މިނިޓުގަ އެވެ.

ރޭގެ މެޗުގެ ނަތީޖާއާ އެކު އިންޓަ އަށް މިހާރު ވަނީ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފުރުސަތު ހޯދިދާނެ ކަމާމެދު މިހާރުވެސް ސުވާލު އުފެދެން ފަށާފަ އެވެ. އެގޮތުން މިހާތަނަށް 31 މެޗު ކުޅުނު އިރު އެކުލަބު އޮތީ 50 ޕޮއިންޓާއެކު ލީގު ތާވަލުގެ ފަސްވަނައިގައެވެ. އެއީ ތިންވަނައިގައި އޮތް ވާދަވެރި އޭސީ މިލާނަށްވުރެ އަށް ޕޮއިންޓު ފަހަތުގައެވެ. އަދި ހަތަރު ވަނަގައި އޮތް ފިއޮރެންޓީނާއަށްވުރެ ދެ ޕޮއިންޓު ފަހަތުގައެވެ.