ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އިންޓާނަލް އޮޑިޓަރު އަދި ޗީލް ކޮމްޕަލަޔަންސް އޮފިސަރު، މރ. ލޫސިއާން ޖަޔަކޯޑީ އިއްޔެގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ލޫސިއާން ޖަޔަކޯޑީ ނިޔާވެފައިވަނީ، އޭނާގެ ދަރިފުޅާ ބައްދަލު ކުރެއްވުމަށް ޓަކައި ކެނެޑާއަށް ޒިޔާރަތް ކުރެއްވުމަށްފަހު އެނބުރި ރާއްޖެ އައުމަށް ޓަކައި ކެނެޑާއިން ދުބާއީއަށް ދަތުރު ކުރި މަގުމަތީގައި ފުލައިޓް ތެރޭގައެވެ.

ފައިނޭންޝަލް ދާއިރާގައި 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވާފައި ޖަޔަކޯޑީ ބީއެމްއެލްއާ ގުޅިވަޑައިގަތީ 11 އޮކްޓޯބަރު 2006ގައެވެ. ބީއެމްއެލްގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމުގެ އިތުރުން އެ ބޭންކުގެ ކޯޕަރޭޓް މެނޭޖްމަންޓް ޓީމުގެ މެންބަރެއްގެ ގޮތުން މަސައްކަތް ކޮށްފައިވާ، އޭނާ އަކީ މިވަގުތު ބީއެމްއެލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެކެވެ.

ޖަޔަކޯޑީ ނިޔާވުމާއި ގުޅިގެން ބީއެމްއެލްގެ މެނޭޖިންގް ޑައިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޕީޓާ ހޯޓޮން ވިދާޅުވީ އެ ހަބަރު ލިބިވަޑައިގަތުމުން ވަރަށް ބޮޑު ހިތާމައަކާއި ހިތްދަތިކަމެއް ލިބިވަޑައިގަތް ކަމަށެވެ.

ޖަޔަކޯޑީ އަކީ އަގުނުކުރެވޭފަދަ ބޮޑެތި ހިދުމަތްތަކެއް އެ ބޭންކަށް ކޮށްދީފައިވާ ފަރާތެއް ކަމަށާއި، އަދި ބޭންކުގައި އޭނާއާއެކު މަސައްކަތް ކޮށްފައިވާ ފަރާތްތަކުގެ ކުރިއެރުމަށާއި ބޭންކުގެ ކުރިއެރުމަށް ގިނަގުނަ ހިދުމަތްތަކަކާއި އެހީތެރިކަމެއް ފޯރުކޮށްދިން ފަރާތެއް ކަމަށާއި ޖަޔަކޯޑީގެ ވަކިވެދިއުމަކީ ބީއެލްއެލްއަށް ލިބިގެންދިޔަ ވަރަށްބޮޑު ގެއްލުމެއް ކަމަށެވެ.