ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް މިއަހަރަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވާ ޝިއާރަކީ "ބްލަޑް ޕްރެޝާ – ޓޭކް ކޮންޓްރޯލް" ނުވަތަ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުން މިޝިއާރެވެ.

މިކަމާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި މީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް "ހައިޕާޓެންޝަން"، "ހައި ބްލަޑް ޕްރެޝާ"، "ސްޓްރޯކް" އަދި "ހާޓު އެޓޭކް" ފަދަ ބަސްތައް އިވިގެންދިއުމަކީ ވަރަށް ގާތް ކަމެކެވެ. އެހެން ކަމުން، މިކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދައި އޮޅުންފިލުވުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ.

"ހައިޕާޓެންޝަން (އެޗްޓީއެން)" ނުވަތަ "ހައި ބްލަޑް ޕްރެޝާ"އަކީ ލޭ މައްޗަށް ދިއުމަށް ކިޔާ މެޑިކަލް ނަންތަކެކެވެ. ލޭ މައްޗަށް ދިއުމުގެ ސަބަބުން "ސްޓްރޯކް" އަދި "ހާޓު އެޓޭކު" ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ.

މިޒަމާނުގެ ހުރިހާ މުޖުތަމައެއްގައި ވެސް އާދައަކަށް ވެފައި ވަނީ އުމުރުން ދުވަސްވާ ވަރަކަށް ލޭ މައްޗަށް ދިއުމެވެ. އަދި އުމުރުން ދުވަސްވާ ވަރަކަށް ލޭ މައްޗަށް ދިއުމުގެ ސަބަބުން ޖެހޭ އެކިއެކި ބަލިތައް ޖެހުމުގެ ފުރުސަތު ވެސް ބޮޑުވެގެންދެ އެވެ.

ލޭ މައްޗަށް ދާން މެދުވެރި ވަނީ ހަށިގަނޑުގެ ތެރޭގައި ލޭ ދައުރުވާ އާޓްރީތަކުގެ ތެރޭގައި ޕްރެޝަރު މައްޗަށް ދިއުމުންނެވެ. މިހެން ވުމުން، މުޅި ހަށިގަނޑަށް ބޭނުންވާ ލޭ ދައުރުކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއް ހިތުން ކުރަން ޖެހެ އެވެ.

ހައިޕާޓެންޝަން ނުވަތަ ލޭ މައްޗަށް ދިއުމުގެ ދެވައްތަރެއްވާ ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ފުރަތަމަ ވައްތަރަކީ ޕްރައިމަރީ ހައިޕާޓެންޝަނެވެ. ލޭ މައްޗަށް ދާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަށް ޖެހެނީ ޕްރައިމަރީ ހައިޕާޓެންޝަން ކަމަށް ދިރާސާތަކުން ދައްކަ އެވެ. ޕްރައިމަރީ ހައިޕާޓެންޝަނަކީ ފާޅުކަން ބޮޑު ދިގު މުއްދަތަށް ފަރުވާ ހޯދަން ޖެހޭ ބައްޔެއް ނެތި، ލޭ މައްޗަށް ދިއުމެވެ.

ދެވަނަ ވައްތަރަކީ ސެކަންޑަރީ ހައިޕާޓެންޝަނެވެ. ދެވަނަ ވައްތަރަކީ ދިގު މުއްދަތަށް ފަރުވާ ހޯދަން ޖެހޭ ބައްޔަކާ ގުޅިގެން ލޭ މައްޗަށް ދިއުމެވެ. މިގޮތަށް ލޭ މައްޗަށް ދިއުމަށް މެދުވެރިވާ ބައެއް ސަބަބުތަކަށް ބަލާލާ އިރު، ކިޑްނީއާއި ހިތް އަދި ލޭ ދައުރުވުމުގެ ނިޒާމަށް ޖެހޭ ބަލިތަކުގެ ސަބަބުން ލޭ މައްޗަށް ދެ އެވެ.

ބައްޔެއް މެދުވެރި ނުވެ، ލޭ މައްޗަށް ދިއުން ނުވަތަ ޕްރައިމަރީ ހައިޕާޓެންޝަން ޖެހެން މެދުވެރިވާ ސަބަބުތައް ގިނަ އެވެ. ޒަމާނަށް އައި ބަދަލުތަކާ އެކު މުޖުތަމައެއްގައި ދިރިއުޅޭ މާހައުލަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ލޭ މައްޗަށް ދިއުމަށް މަގުފަހިވެ އެވެ. މިގޮތުން ބަލާލާ އިރު، ހަށިގަނޑަށް ބޭނުންވާ ކަސްރަތު ނުލިބި، ސަރުބީ ގިނަ ކެއުންތައް ކައި، ގިނައިން ލޮނު ބޭނުންކުރުން ފަދަ ކަންކަމުގެ ސަބަބުން ރިސްކް ފެކްޓާސް އިތުރު ވެގެން ދެ އެވެ.

ލޭ މައްޗަށް ދިއުމުގެ ސަބަބުން ނުރައްކާތެރި ގިނަ ބަލިތަކަކަށް ދޮރު ހުޅުވިގެންދެ އެވެ. މީގެ ތެރޭގައި ސްޓްރޯކް އަދި ހާޓު އެޓޭކް ފަދަ ނުރައްކާތެރި ބަލިތައް ފާހަގަކޮށްލެވެ އެވެ.

އިންސާނުންގެ މެދުގައި މިހާރު އާދައަކީ ބަލިން ރައްކާތެރިވުމަށް ވުރެ ބޮޑަށް ބަލި ޖެހުމުން ފަރުވާ ހޯދުން ކަމަށް ވެފައިވާ ނަމަވެސް، ލޭ މައްޗަށް ދިއުން ހުއްޓުވުމަކީ ނުވަތަ ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަކީ ދިރިއުޅުމަށް ގެނެވޭ ކުޑަ ބަދަލުތަކަކާ އެކު ކޮށްލެވިދާނެ ކަމެއް ކަމަށް ސިއްހީ ތަޖރިބާކާރުން ވިދާޅުވެ އެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން މިއަހަރުގެ ސިއްހަތާ ބެހޭ ދުވަސް ފާހަގަކުރުމަށްޓަކައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕެއިނަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށް ބާރު އަޅާ ކެމްޕެއިނެކެވެ.

މިކެމްޕެއިންގައި ޑަބްލިޔުއެޗްއޯ އިން ކުރުމަށް ބާރުއަޅާ ކަންތައްތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމާއި މޭވާއާއި ތަރުކާރީ ގިނަ ބެލެންސްޑް ޑައެޓެއް ގެންގުޅުމާއި ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު ދަށްކުރުމާއި ކަސްރަތުކޮށް ހަށިގަނޑުގެ ބަރުދަން ބޮޑީ މާސް އިންޑެކްސް (ބީއެމްއައި)ގެ މިންގަނޑުތަކުގައި ހިފެހެއްޓުމެވެ.

މިކަންކަމަކީ ބްރިޓިޝް ހައިޕާޓެންޝަން ސޮސައިޓީ އަދި 2002 ވަނަ އަހަރު އެމެރިކާ އިން ކުރިއަށް ގެންދިޔަ ހައި ބީޕީ އެޑިއުކޭޝަންގެ ޕްރޮގްރާމްގައިލޭ މައްޗަށް ދިއުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކުގެ ގައިޑްލައިންސްގައި ހިމަނާފައިވާ ކަންތައްތައް ކަން ފާހަގަކޮށްލެވެ އެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޕްރައިމަރީ ހައިޕާޓެންޝަން ހުއްޓުވުމަށްޓަކައި މިހާރު އުޅެމުންދާ ދިރިއުޅުމަށް މިބަދަލުތައް ގެންނާން ޖެހެ އެވެ.