ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރާ އާތާ ބްރަދާސް ކްލަބްފަރު ރިސޯޓު (ފަރުކޮޅުފުށި)ގައި ހޭދަކުރި ދުވަސްތަކުގެ ބިލަށް އެރި ފައިސާ ދައްކަން އެއްބަސްވި އެ ރިސޯޓުގެ ޖެނަރަލް މެނޭޖަރު ވަޒީފާ އިން ވަކިކޮށްފި އެވެ.

ކްލަބްފަރު ރިސޯޓުގެ ޖެނަރަލް މެނޭޖަރު ޒައިދުލް ހަލީލު ވަޒީފާ އިން ވަކިކޮށްފައި ވަނީ އާތާ ބްރަދާސް ކްލަބް ފަރުގައި ހޭދަކުރި 20 ދުވަހުގެ ބިލާ ގުޅޭ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

އެ ބިލަށް އަރާފައިވާ 6000 ޑޮލަރު ދައްކަން އެއްބަސްވީ ޒައިދު ކަމަށް އެނގިފައިވެ އެވެ. ޒައިދު އެ ފައިސާ ދައްކަން އެއްބަސްވީ އާތާ ބްރަދާސްގެ ބިލް ދައްކަން ޖެހޭނެ ފަރާތަކާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ކަމަށް އެނގިފައިވެ އެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހިންގާ ރިސޯޓުން ޒައިދު ވަޒީފާ އިން ވަކިކޮށްފައިވާ އިރު، ކްލަބްފަރު ރިސޯޓުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް "ކަންތައްގަނޑެއް" ހިންގާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ނަމުގައި ކުލަބުފަރަށް ވަގަށް މީހުން އަރުވައި، އެ ރަށުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށްވެ އެވެ.

ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް އާތާ ބްރަދާސް އިން ވަނީ އިކޮނަމިކް މިނިސްޓްރީގައި އާތާ ބްރަދާޒް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް ވެސް އުފައްދައިފަ އެވެ. އެ ކުންފުނި އުފެއްދީ ދިވެއްސަކު ވެސް ބައިވެރިވެގެންނެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު ރަޖިސްޓަރީކޮށްފައިވާ ކުންފުނީގެ ދިވެހި ހިއްސާދާރެއްގެ ގޮތުގައި އެންމެ ފުރަތަމަ ހުރީ ހ. އެވާޗާންސް، އިސްމާއިލް ވަސީމެވެ.