08 Apr 2013, 09:06
ކާބުލް (އެޕްރީލް 8): އަފްޣާނިސްތާނަށް އަރައި ހަނގުރާމަ ކުރަމުން ގެންދާ ނޭޓޯ ސިފައިން އަފްޣާނިސްތާނުގެ ޢާންމުން ދިރިއުޅޭ ގެތަކަކަށް ދިން ޙަމަލާއެއްގައި ގިނަ ޢަދަދެއްގެ ތުއްތުކުދިންތަކެއް މަރުވެއްޖެ އެވެ.
މިޙަމަލާތައް ދިންކަމަށް ޚަބަރުލިބެނީ ނޭޓޯ އަށް ނިސްބަތްވާ އެމެރިކާ ސިފައިންނެވެ. އެމެރިކާގެ ޢަސްކަރީ މަތިންދާބޯޓުތަކުން މިޙަލާތައް ދީފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އަފްޣާނިސްތާނުގެ އިރުމަތީގެ ކޫނާރު ސްޓޭޓްގެ ޝީގާލް ސަރަހައްދަށް ކަމަށް އެ ސަރަޙައްދުގެ މަސްއޫލުވެރިއެއް ކަމަށްވާ ވަސީފުﷲ ވަސްފީ ވިދާޅުވި އެވެ. އެމެރިކާގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޝީގާލް ސަރަޙައްދުގެ ފަގީރު އަވަށްތަކުގެ އާންމުން ދިރިއުޅޭ ގެތަކަށްކަމަށާ އެމެރިކާގެ މިޙަމަލާތަކުގައި އިތުރު ދެއަންހެނަކު މަރުވެ ހަ އަންހެނަކު ޒަޚަމްވި ކަމަށް ވެސް ވަސީފުﷲ ވިދާޅުވި އެވެ.
ނޭޓޯ އިން ބުނީ އެ ޖަމާއަތުގެ ޙަމަލާތައް އަމާޒުކުރީ ތާލިބާން ހަނގުރާމަވެރިންނަށް ކަމުގަ އެވެ. ކޫނާރު ސްޓޭޓަށް ދިން ޙަމަލާތަކުގައި ގިނަ އަދަދެއްގެ ތާލިބާނުން މަރާލާފައިވާ ކަމަށް ވެސް ނޭޓޯ އިން ބުނެ އެވެ. ނަމަވެސް ތާލިބާނުންނަށް އަމާޒުކޮށްގެން ދިން ކަމަށް ބުނާ މިޙަމަލާތައް އަމާޒުކުރީ ޢާންމުން ދިރިއުޅޭ ގެތަކަކަށް ކަމަށް އެއްބަސްވުމަށާއި އަދި ތުއްތުކުދިންތަކެއް މަރާލިކަމަށް އިޢްތިރާފް ވުމަށްކާބުލްގައި ހުންނަ ނޭޓޯގެ ކޮމާންޑުން ދެކޮޅު ހަދާފައިވެ އެވެ. ނަމަވެސް މައްސަލަ ތަހްޤީގު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
ނޭޓޯގައި ހިމެނޭ އެމެރިކާ ސިފައިން ތާލިބާނުންނަށް ޙަމަލާދިނުމުގެ ނަމުގައި އަފްޣާން އާންމުންނަށް ޙަމަލާދީ ކުޑަކުދިންނާއި އަންހެނުންނާ އަދި ފިރިހެނުން މެރުމަކީ ވަރަށް ޢާންމު ކަމެކެވެ. އެމެރިކާ މީހުން މަރާލަން ބޭނުންވާ ތާލިބާނުންގެ ބަޔަކު ތިބޭތަނެއްގައި ކިތަންމެ ގިނަ އަދަދެއްގެ ޢާންމުން ދިރުއުޅުނު ނަމަވެސް އާންމުންގެ ފުރާނައަށް ބެލުމެއް ނެތި އެތަންތަނަށް ޙަމަލާދިނުމަކީ އެމެރިކާ ތަކުރާރުކޮށް ކުރަމުންދާ ކަމެއްކަމަށް އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި ވެސް ވަނީ ތުހުމަތު ކުރައްވާފަ އެވެ. އަދި އަފްޣާނިސްތާނުގައި ހިނގާ ހުރިހާ ނުބައިކަމެއްގެ އަސްލަކީ ހުޅަނގު ކަމަށްވެސް ކަރުޒާއި ދާދިފަހުން ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ހަނގުރާމައިގާ ޢާންމުން މެރުމަކީ ހަނގުރާމައިގެ ޖަރީމާ ކަމަށްވާތީ ޢިރާޤާއި އަފްޣާނިސްތާނުގައި ފުޅާދާއިރާއެއްގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާކަމުގެ ތުހުމަތު އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އެމެރިކާގެ އިސްމަސްއޫލުވެރިން ފެށިގެން އެމެރިކާގެ އެންމެ އާދައިގެ ސިފައިންގެ މައްޗަށް ވެސް ކުރެވިފައިވެ އެވެ. ޚާއްސަކޮށް އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ޖޯޖް ޑަބްލިޔު ބުޝްގެ މައްޗަށް ޢިރާޤާއި އަފްޣާނިސްތާނުގެ އާންމުންގެ އެތަށް ލައްކަ ބަޔަކު މެރިކަމުގެ ތުހުމަތު ވެސް ކުރެވިފައިވެ އެވެ. ނަމަވެސް މިތުހުމަތުތަކާ ގުޅިގެން އެމެރިކާގެ ކޯޓަކަށް ވެސް އަދި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ވެސް ބުޝް ޙާޒިރު ކުރެވިފައެއްނުވެ އެވެ.
މިދިޔަ ފެބްރުއަރީ މަހުވެސް އަފްޣާނިސްތާނުގައި އެމެރިކާ ދިން ޙަމަލާތަކެއްގައި 10 ކުޑަކުއްޖަކު މަރާލާފައިވެ އެވެ. އެމެރިކާގެ މިފަދަ ޖަރީމާތަކުގެ ސަބަބުން ދުނިޔޭގެ ގިނަ ބައަކު އެމެރިކާ ސިފަކުރަމުން ގެންދަނީ އަނިޔާވެރި ގައުމެއްގެ ގޮތުގަ އެވެ. އަފްޣާން ރައްޔިތުން ވެސް އެމެރިކާ އަށް ވަރަށް ނަފްރަތު ކުރާކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)