07 Apr 2013, 21:56
ހދ. ނެއްލައިދޫގައި ސަރުކާރުން ފަށަފައިވާ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ނުގެން ގޮސް ހުއްޓާލާފައިވާތީ އެކަމާ ދެކޮޅު ހެދުމުގެގޮތުން އެރަށު ކައުންސިލް އިދާރާ މިއަދު ބަންދުކޮށްފިއެވެ.
ނެއްލައިދޫ ކައުންސިލް އިދާރާ ބަންދުކޮށްފައިވާ މައްސަލާގައި ވާހަކަ ދައްކަމުން އެރަށު ރައްޔިތެއްކަމުގައިވާ އިސްމާއިލް އިސްހާގް މިރޭ ބުނީ އެމީހުން އެރަށު ކައުންސިލް އިދާރާ ބަންދުކޮށް މިއަދު މުޒާހަރާކޮށްފައިވަނީ 2011 ވަނަ އަހަރު އެރަށުގައި ބަނދަރެއް ހަދާން ފެށުމަށް ފަހު އެއްވެސް ވަރަކަށް އެމަސައްކަތް ކުރިއަށް ނުދާތީ ކަމަށެވެ.
"އަޅުގަނޑުމެނަށް އެބަފެނޭ އަޅުގަނޑުމެންގެ ބަނދަރުގެ މަސައްކަތް ހުއްޓަލުމަށްފަހު އިތުރު ރަށްރަށުގައި ބަނދަރުތައް ހަނދަމުންދާތައް، އަޅުގަނޑުމެންގެ ރަށަކީ ވެސް ގިނަ ދޯނި ފަހަރުތަކެއް ދުއްވާ ރަށަކަށްވުމުން އަޅުގަނޑުމެނަށްވެސް ބަނދަރެއް ވަރަށް މުހިންމު،" އިސްހާގް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެރަށު ކައުންސިލް އިދާރާގެ ދޮރު ބަންދުކޮށް އެއިދާރާ ބަންދުކޮށްފައިވާއިރު ދެން އެއިދާރާ ހުޅުވަން ދޫކޮށްލާނެ ވަކިދުވަހެއް ވެސް އަދި ނުނިންމާ ކަމަށެވެ.
އާބާދީގައި 1200 ވަރަކަށް މީހުން ދިރިއުޅެ ނެއްލައިދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ވަސީމް މިރޭ ވިދާޅުވީ އެރަށުގައި 2011 ވަނަ އަހަރު ހަދަން ފަށާފައިވާ ބަނދަރުގެ މަސައްކަތް ނުނިމި ލަސްވަމުންދާތީ އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެރަށު ކައުންސިލް އިދާރާ މިހާރު ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެރަށުގެ ބަނދަރު މިހާތަނަށް ކޮނުމުގެ އިތުރުން އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިނުވާއިރު އެމަސައްކަތް ކުރިއަށް ނުދާ މައިގަނޑު ސަބަބެއްވެސް ސަރުކާރާއި ވާހަކަދައްކައިގެން ސާފުވެފައިނުވާ ކަމަށް ވިދާޅުވިއެވެ. އަދި ބަނދަރު ކޮނުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސްފައިވާތީ ތިމާވެށީގެ ގޮތުން އެރަށަށް ބޮޑެތި ގެއްލުންތަކެއް ދިމާވަމުންދާކަމަށް ވެސް ވަސީމް ވިދާޅުވިއެވެ.