19 Oct 2010, 08:18
ރައްޔިތުންގެ މަޖިލީހުގައި ޑީއާރްޕީގެ މެންބަރުން މިއަދު އިންކާރު ކުރަންޖެހުނީ ސަރުކާރާއި ވަޒީރުން ޖަވާބުދާރީ ކުރުވުމުގެ ގޮތެއް ނުހޯދޭ ނަމަ ރައްޔިތުންގެ މަޖިލިސް ކުރިޔަށް ގެންދިއުމުގެ މާނައެއް ނެތުމުން ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކެންދޫން ދާއިރާގެ މެންބަރު އަހުމަދު ތަސްމީން ވިދާޅުވެއްޖެ އެވެ.
ތަސްމީން ވިދާޅުވީ މަޖިލީހުގައި މިއަދު ކަންތައް ހިނގައިދިޔައީ ވަރަށް ދެރަކޮށް ކަމަށާއި އެއީ ވަޒީރުންގެ ރުހުމުގެ މައްސަލަ ލަސްކުރެވޭތޯ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަޖީ ކަމަށެވެ.
"މިހާރު ވަޒީރުން ޖަވާބުދާރީ ކުރެވޭ ގޮތެއް އޮތީއަކީ ނޫން، އެ ބޭފުޅުން ހިތުހުރި ގޮތަކަށް ކަންތައްތައް ކުރައްވަނީ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި މަޖިލީހުގެ ދައުރު ވަނީ ވަރަށް ބޮޑަށް ހަނިވެގެން ގޮސްފައި. އަނެއްކާ މާދަމާ ކަންނޭނގެ ސަރުކާރުން ހުށަހަޅުއްވަފާނެ ގަނޑުކޮށްނޭ، ނޫނީ ވަކިންނޭ ކިޔާފައި މައްސަލައެއް. އަނެއްކާ ވެސް ގޮތެއް ނިމެންދެން ލަސްކުރަން ޖެހިދާނެ." ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ މިކަމަށް ގޮތެއް، ހައްލެއް ނުހޯދައި މަޖިލިސް ކުރިޔަށް ގެންދިއުމުގެ މާނައެއް ނެތް ކަމަށާއި އެކަންކަން އެހެންވިޔަ ނުދޭން އިންކާރުކޮށް އުފުލަން ޖެހޭ ހުރިހާ އަޑެއް އުފުއްލަވާނެ ކަމަށެވެ. އެކަމާ ދެކޮޅަށް ކުރާ މަސައްކަތެއްގެ ގޮތުގައި މިރޭ ޑީއާރްޕީން މުޒާހަރާއަކަށް ނުކުންނާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"ހަގީގަތުގައި ވަޒީރުން ޖަވާބުދާރީ ކުރުވެން ޖެހޭނެ. ވަޒީރުންނާ މެދު ގޮތެއް ނިންމޭނެ ގޮތްތަކެއް ވާން އެބަޖެހޭ، އެކަންކަން އެހެންވާ އިރު އަޅުގަނޑުމެން ބަލަހައްޓައިގެނެއް ނުތިބޭނަން،" ތަސްމީން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓްގެ އަމުރާ މެދު ތަސްމީން ވިދާޅުވީ އެއީ ވަޒީރުންނަށް ރުހުން ދިނުމާއި ނުދިނުމާ ގުޅޭ އަމުރެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި އެއީ ކޯޓުގައި އޮތް މައްސަލައަށް އަސަރުކުރާ ފަދަ ކަމެއް ނުކުރުމަށް ބުނެފައިވާ އަމުރެއް ކަމަށެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ކޯޓުގައި އޮތް މައްސަލައަކީ ކޮމެޓީއަށް ގެނެސް ކޮމެޓީގައި ސުވާލު ކުރުމުގެ ފުރުސަތު ދީފައި އޮންނަ މާއްދާ އަކީ ސަރުކާރުން ގަބޫލުރާ މާއްދާއެއް ނޫން ކަމަށްބުނެ ހުށަހަޅައިވާ މައްސަލައެއް. ވަޒީރުންނަށް ރުހުން ދިނުމާއި ނުދިނުމުގެ މައްސަލައެއް ނޫން. ޕޮއިންޓަކީ ސަރުކާރުން ކޮންމެ ފަހަރަކު މި ވަޒީރުގެ ތެރެއިން ބައެއް ބޭފުޅުންނަށް ރުހުން ނުލިބޭނެކަން އެނގޭތީ އެ ހިސާބަށް ދިޔަ ނުދޭން ހުރަސްތައް ކުރިމަތި ކުރުވުން." ތަސްމީން ވިދާޅުވި އެވެ.