ޔުނައިޓެޑް ނޭޝަންސްގެ ރާއްޖޭގެ ކަންޓްރީ ޓީމުން ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކާ ގުޅޭ މައުލޫމާތު މީޑިއާ މެދުވެރިކޮށް އާއްމު ރައްޔިތުންނާ ހިއްސާކުރާ މިންވަރު ކުރިއަށް ވުރެ އިތުރުކުރުމަށް އަމާޒުކޮށްގެން "ކޮފީ ވިތު މީޑިއާ"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ.

މިއަދު ރޯޝަނީ ބިލްޑިންގްގައި ބޭއްވި "ކޮފީ ވިތު މީޑިއާ"ގެ ފުރަތަމަ ބައްދަލުވުމަކީ މިއަދު ދުނިޔޭގައި ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްހަތާ ބެހޭ ދުވަސް ފާހަގަކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެކެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)ގެ ފަރާތުން މިއަދުގެ "ކޮފީ ވިތު މީޑިއާ" ހޯސްޓްކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޑަބްލިޔުއެޗްއޯގެ ރެޕްރެޒެންޓޭޓިވް ޑރ. އަކްޖެމާލް މަހުތީމޯވާ އެވެ.

އެ ޕްރޮގްރާމްގެ ފުރަތަމަ ބައްދަލުވުން އިފްތިތާހުކުރައްވަމުން ރާއްޖޭގައި ހުންނަ އދ.ގެ ވަގުތީ ރެޒިޑެންޓް ކޯޑިނޭޓާ ޒޭބާ ބުހާރީ ވިދާޅުވީ މީޑިއާއަކީ އދ. އިން ރާއްޖޭގައި ހިންގާ ތަފާތު މަޝްރޫއުތަކާއި ކެމްޕެއިންތަކުގެ މައުލޫމާތު އާއްމު ރައްޔިތުންނަށް ހިއްސާކޮށް، އދ.ގެ މަސައްކަތް ކުރިއެރުވުމަށް މުހިއްމު ވަސީލަތެއް ކަމަށެވެ. އަދި މީޑިއާއާ އެކު މިއަދު ފެށި މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ ކަމަށް ޒޭބާ ވިދާޅުވި އެވެ.

މީގެ 65 އަހަރު ކުރިން 1948 ވަނަ އަހަރުގެ އޭޕްރިލް މަހު 7 ވަނަ ދުވަހު ޑަބްލިޔުއެޗްއޯ ވުޖޫދަށް އައިސްފައިވާ އިރު، އެ ޖަމިއްޔާ އިން ރާއްޖޭގައި މަސައްކަތް ކުރަން ފަށާފައި ވަނީ 1950ގެ އަހަރުތަކުގެ ތެރޭގައި ލަންކާގައި ހުރި ޑަބްލިޔުއެޗްއޯގެ އޮފީސް މެދުވެރިކޮށެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ ޝިއާރަކަށް ކަނޑައަޅާފައި ވަނީ ލޭ މައްޗަށް ދިއުމެވެ. މިމައްސަލަ އަށް ހޭލުންތެރިކުރުން އުފެއްދުމަށް ޑަބްލިޔުއެޗްއޯ އާއި ސަރުކާރުގެ ސިއްހަތާ ބެހޭ ވުޒާރާ ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.