07 Apr 2013, 21:47
އޭސީ މިލާންގެ ފޯވަޑް މާރިއޯ ބަލެޓޮލީ ރޭލެއްގެ ފާހާނާ ތެރޭގައި ސިނގިރެޓް ބުއިމުގެ ސަބަބުން ޖޫރިމަނާ ކުރާން ނިންމައިފިއެވެ.
މިލާންގެ ޗީފް އެގްޒެކެޓިވް ގައްލިއާނީ ބުނީ، އިޓަލީ ލީގުގައި މިއަދު ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗަށް ފްލޮރެންސްއަށް ޓީމު ދަތުރުކުރަމުން ގެންދިޔަ ރޭލުގެ ފާހާނާ ތެރޭގައި ބަލެޓޮލީ ސިނގިރޭޓް ބޯން ހުއްޓާ ފެނިފައިވަނީ ރޭލުގެ ސެކިއުރިޓީ ގާޑަކަށް ކަމަށެވެ. އަދި އެމައްސަލައިގައި ބަލެޓޮލީ ޖޫރިމަނާ ކުރުމަށް ޓީމުން ނިންމާފައިވާ ކަމަށެވެ.
"އޭނާ ހުރީ ފާހާނާ ތެރޭގައި ސިނގިރޭޓް ބޯން. ކަލޭ ޖެހޭނެ އެވަގުތު އޭނާގެ ކަންފަތުގައި ހިފާ އަނބުރާލަން. އިޓަލީގެ ރޭލުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެއް. އެހެންވީމާ އެމައްސަލައިގައި އަހަރެމެން ބަލެޓޮލީ ޖޫރިމަނާ ކުރާނަން،" ރޭލުގެ ގާޑު ކައިރީގައި ގައްލިއާނީ ބުނިކަމަށް ވެއެވެ.
މެންޗެސްޓާ ސިޓީގައި ވެސް އެފަދަ އަހްލާގީ ބައެއް ކަންތައްތަކާ ހުރެ ދޭތެރެ ދޭތެރެއިން ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީއާ މައްސަލަ ޖެހުމުގެ ސަބަބުންނާއި އަދި އިތުރު އެހެން ސަބަބުތަކަކާހުރެ އެންމެ ފަހުގެ ޓްރާންސްފާ މާކެޓްގައި އޭސީ މިލާނަށް ބަދަލުވި ބަލެޓޮލީ ވަނީ މިލާނަށް އޭނާ މިހާތަނަށް ކުޅުނު އަށްވަރަކަށް މެޗުގައި ހަތް ލަނޑު ކާމިޔާބުކޮށްދީ ޓީމުގެ މެނޭޖްމަންޓާއި ކުޅުންތެރިންގެ އިތުބާރު ހޯދާފައެވެ.
ފިއޮރެންޓީނާއާ އޭސީ މިލާން މިއަދު ބައްދަލު ކުރި މެޗުގައި މިލާނުން ދެލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުން އަރައި ފިއޮރެންޓީނާއިންވަނީ މެޗުގެ ނަތީޖާ ދޭއް ދޭކުން ހަމަހަމަ ކޮށްފައެވެ. މެޗުގައި މިލާނުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ރިކާޑޯ މޮންޓޮލިވޯއާއި މެތިއު ފްލެމިނީއެވެ. އަދި ފިއޮރެންޓީނާގެ ދެ ލަނޑު އެ ޓީމަށް ލިބުނު ދެ ޕެނަލްޓީން ކާމިޔާބު ކޮށްދިނީ އެޑަމް ލަޖިޗްއާއި ޑޭވިޑް ޕިޒާރޯއެވެ.