07 Apr 2013, 20:34
ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ އިސް ފަރާތްތަކާ ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގުމުގެ އިތުރުން ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭ، އަރްމީނިއާގެ، އާތާ ބްރަދާސް އަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށް ފުލުސް އޮފީހުން އިކޮނޮމިކް މިނިސްޓްރީއަށް މިއަދު ލަފާދީފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ ރާއްޖޭގައި އިންވެސްޓް ކުރުމުގެ ހުއްދަ އާތާ ބްރަދާސް އަށް ދޭން ނުފެންނަ ކަމަށް އެ މިނިސްޓްރީއަށް ލަފާދީފައި ވަނީ އެމީހުންގެ މައްޗަށް ބޮޑެތި ޖިނާއީ ތުހުމަތުތަކެއް ކުރެވޭތީ، އިގްތިސާދީ އަދި ގައުމީ ސަލާމަތަށް ބަލާއިރު އެއީ ކުރުން ރަނގަޅު ކަމެއްކަމަށް ނުފެންނާތީ ކަމަށެވެ.
ކޮމިޝަނަރު ވިދާޅުވީ އާތާ ބްރަދާސް އާ ގުޅޭގޮތުން ފުލުހުން ކުރަމުންގެންދާ ތަހުގީގަކީ އެމީހުން ރާއްޖެ އައީ ކޮން މަގުސަދެއްގައި އަދި ކޮންބަޔަކާ ގުޅިގެންތޯ ބެލުން ކަމަށެވެ. އަދި އެ މީހުން ރާއްޖޭގައި ގާނޫނާއި ގަވާއިދާ ޚިލާފަށް އިންވެސްޓްކޮށްފައި ވޭތޯ އާއި އެފަދަ ގޮތަކަށް އިންވެސްޓްކުރަން ރާވާފައި ވޭތޯ ވެސް ތަހުގީގު ކުރުމުގައި ބަލާނެ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.
ފުލުސް އޮފީހުން އެފަދަ ލަފައެއް ދީފައިވާއިރު އާތާ ބްރަދާސް އިން ވަނީ "އާތާ ބްރަދާޒް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ރާއްޖޭގައި ކުންފުންޏެއް ރަޖިސްޓްރީކޮށްފަ އެވެ. އިކޮނަމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނި ރަޖިސްޓްރީ ކޮށްފައި ވަނީ އަރުތޫރު ސަރުގެސިއަންއާއި، އާތަކް ސަރުގެސިއަންގެ ހިއްސާއާ އެކު ކަމަށެވެ.
ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ހުއްދަ ނަގާފައިވާ، އާތާ ބްރަދާޒް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަސް ހިއްސާދާރުންގެ ތެރޭގައި ދިވެއްސަކު ހިމެނެ އެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު ރަޖިސްޓަރީކޮށްފައިވާ ކުންފުނީގެ ދިވެހި ހިއްސާދާރެއްގެ ގޮތުގައި އެންމެ ފުރަތަމަ ހުރީ ހ. އެވާޗާންސް، އިސްމާއިލް ވަސީމެވެ.
އާތާ ބްރަދާޒްގެ ދެބެންނާއި، އިސްމާއިލް ވަސީމްގެ އިތުރުން ކުންފުނި ރަޖިސްޓްރީކުރި އިރު ހިއްސާދާރުންގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ފަރަންސޭސިވިލާތުގެ ދެ މީހުން ކަމަށްވާ ގޮޑަޒިން ސަރުގެސިއަންއަކާއި އެޑްގާ ސަރުގެސިއަން އެވެ.
ކުންފުނީގެ ހިއްސާތައް ބަހާފައިވާ ގޮތަކީ އަރުމީނިއާގެ ދެބެންގެ ތެރެއިން އެކަކަށް ކުންފުނީގެ 61 ޕަސެންޓް ހިއްސާއާއި ދެވަނަ އާތާ ބްރަދާސް އަށް 19 ޕަސެންޓް ހިއްސާ އެވެ. ފަރަންސޭސި މީހުންގެ ތެރެއިން އެކަކަށް 10 އިންސައްތަ ހިއްސާ ދީފައިވާ އިރު، ފަރަންސޭސިވިލާތުގެ އަނެއް މީހާ އަށް ދީފައި ވަނީ ހަތް ޕަސެންޓް ހިއްސާ އެވެ. ކުންފުނީގައި ހިމެނޭ ދިވެހި ހިއްސާދާރަށް ދީފައި ވަނީ ތިން ޕަސެންޓް ހިއްސާ އެވެ.
އިކޮނަމިކް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އިސްމާއިލް ވަސީމަށްވާ ތިން ޕަސެންޓް ހިއްސާ ވަނީ ހ. އެވާޕީސް، އަބްދުﷲ ޝައްފަތުއަށް ބަދަލުކޮށްފަ އެވެ.