07 Apr 2013, 19:37
މި އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ އަދުލުވެރި، އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ޓަކައި އިންޑިއާ ސަރުކާރުން ވެދެވޭން އޮތް ހުރިހާ އެހީތެރި ކަމެއް ދިވެހި ސަރުކާރަށް ފޯރުކޮށް ދެއްވާނެ ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ޝްރީ ރަޖީވް ޝަހާރޭ ވިދާޅުވެއްޖެ އެވެ.
އިންޑިއާ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އައު ސަފީރު ޝްރީ ރަޖީވް ޝަހާރޭ، ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ ގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމުގެ ގޮތުން މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވަނީ މި އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުންނާއި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާއި ގުޅޭ ގޮތުން މިނިސްޓަރު ގެ އަރިހުން މައުލޫމާތު އޮޅުން ފިލުވާފައި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި އަދުގެ ބައްދަލު ވުމުގައި މިހާރު ދިވެހިންނަށް ކުރިމަތި ވެފައިވާ ވިސާ ހޯދުމުގެ ދަތިކަމަށް ލުޔެއް ހޯދުމަށްޓަކައި، ދެ ގައުމުގެ އިސްވެރިންގެ މެދުގައި މަޝްވަރާ ކުރެއްވުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ މުހިއްމު ކަމުގެ މައްޗަށް ވެސް މި އަދުގެ ބައްދަލު ވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
އިންޑިއާގެ ހައިކޮމިޝަނުން ބުނެފައިވަނީ ހައި ކޮމިޝަނަރުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި ރަޖީވް ޝަހާރޭ ރާއްޖެ ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
ރަޖީވް ޝަހާރޭގެ ކުރިން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޑީއެމް މުލޭ އެ މަނިކުފާނުގެ ސަފީރު ކަމުގެ މުއްދަތު ފުރިހަމަ ކުރެއްވުމަށް ފަހު ރާއްޖެ އިން ފުރާ ވަޑައި ގެންފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.