ކުޑަކުދިންނަށް އިހުމާލުވާ މައިންބަފައިންގެ އަތުން ކުއްޖާ ނެގުމަށް ފަހު އެ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން އެހެން މީހަކާ ހަވާލުކުރެވޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖެންޑާ މިނިސްޓްރީން ނިންމައިފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށްޓައި ނިންމަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު މިއަދު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

"މިދެންނެވި އިސްލާހުގައި ކުދިންނާ މެދު އިހުމާލުވާ މައިންގެ ގާނޫނީ ބެލެނިވެރިކަން ނިގުޅައިގަނެވޭނެ ގޮތްތަކެއް ބަޔާންކޮށްފައި ވާނެ. އިސްލާމީ ޝަރީއާގެ ހަމަތަކުގެ ތެރެއިން ނިގުޅައިގަނެވޭ ގޮތަށް ގާނޫނީ ބެލެނިވެރިކަން ބެލެނިވެރިންގެ ފަރާތުން ނިގުޅައިގަތުމަށް ބޭނުންވާ އިސްލާހެއް މި ހުށަހަޅަނީ. އަދި ގާނޫނީ ބެލެނިވެރިކަން ނިގުޅައިގަތުމަށް ފަހު ބަލަހައްޓަން ތިބޭ ބަޔަކަށް ޝަރުއީ ބަލަދުވެރިކަމެއް ނޫން. އެހެންނަމަވެސް ގާނޫނީ ބެލެނިވެރިކަން ހަވާލު ކުރުމަށް ޓަކައި ބޭނުންވާ އިސްލާހެއް މިއަދު ރައީސް އޮފީހަށް މި ފޮނުވީ،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި އަޅާނުލައި ކުދިން އެއްލާލުމުގެ މައްސަލަތައް ކަންބޮޑުވާން ޖެހޭ ދަރަޖައަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ސިޔާސީ ފަރާތްތަކާއި ނޫސްވެރިން ވެސް މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް އާޒިމާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ތަފާތު އެކި ސަބަބުތަކާ ހުރެ ގާތްގަނޑަކަށް 86 ކުދިން މަހެއްގެ މައްޗަށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކުދިންގެ ހިޔާގައި ބަލަމުންގެންދާ ކަމަށާއި މިމަހުގެ މިހާތަނަށް ކުޑަކުދިންގެ ހިޔާއަށް އަލަށް ގެނެވުނު ކުދިންގެ އަދަދަށް ބަލާއިރު އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކުގައި 37 ކުއްޖަކު މިދިޔަ މަހުއެކަނި ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އާމިނަތު ރަމީލާ ވިދާޅުވީ ކުދިން ވިހާފައި އެއްލާލުމުގެ މައްސަލަތައް އިތުރުވަމުންދާއިރު ރަނގަޅު ވަޒީފާގައި އުޅޭ މީހުން ވެސް އެފަދަ ކަންތައް ކުރަމުންގެންދާކަން ހިތާމަޔާ އެކު ފާހަގަ ކުރަންޖެހޭ ކަމަށެވެ.

ޖެންޑާ މިނިސްޓްރީ ހިންގުމާ ހަވާލުވެހުންނެވި ބަންޑާރަ ނާއިބް އާޒިމާ ވިދާޅުވީ 70 އާއި ގާތްކުރާ އަދަދަކަށް ކުޑަކުދިންގެ ހިޔާގައި ކުދިން އެބަތިބި ކަމަށެވެ.

ހަދިޔާ ހިފައިގެން މައިންބަފައިން އެކުދިންނާ ބައްދަލުކުރުމަށް ވަރަށް ގިނައިން ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތް ކުރާ ކަމަށާއި އެކަމަކު ކުޑަވަގުތުކޮޅަކަށް މައިންބަފައިންނާ ބައްދަލުވާތީ އެކުދިން އެކަމާ ވަރަށް ބޮޑަށް ދެރަވެ ހިތާމަކުރާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ކުދިންނަށް އަޅާނުލައި އެކަހެރިކޮށްލާ މައިންނާ މެދު ޝަރުއީގޮތުން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މައިންބަފައިންގެ އަޅާލުން ނުލިބޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވެންދެން އެކުދިންނަށް ރައްކާތެރިކަން ލިބޭނެ ގޮތް ހެދުމަކީ އަމިއްލަ ފަރުދުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުން ވެސް އުފުލަންޖެހިފައިވާ ޒިންމާއެއް ކަމަށެވެ.

ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ނަންބޭނުން ކޮށްގެން އެކުދިންގެ މައިންބަފައިން މުދާހޯދުމާއި އެނޫން ވެސް މުއާމަލާތްތައް ކުރަމުންގެންދާކަމަށާއި އެއީ ޖެންޑާ މިނިސްޓްރީން ގަބޫލުކުރާނެ ކަމެއް ނޫންކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

"ކުދިންގެ ނަންބޭނުންކޮށްގެން މުދާގަތުން ފަދަ ކަންކަމަށް ކުދިންގެ އައިޑީކާޑު ހޯދުމަށް އަޅުގަނޑުމެންގާތު އެބަ އެދޭ. އެކުދިން އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ތިބިއްޔާ އެކުދިންގެ ނަން ބޭނުންކޮށްގެން އެހެން މުއާމަލާތްތައް ކުރުމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން،" އާޒިމާ ވިދާޅުވި އެވެ.