07 Apr 2013, 16:44
ސީޒަނެއްގައި ފަންސާސް ލަނޑު ކާމިޔާބުކުރެވޭނެ ހަމައެކަނި ކުޅުންތެރިޔަކީ ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ ކަމަށް އޭސީ މިލާންގެ ކޯޗް މަސިމިލިއާނޯ އަލެގްރީ ބުނެފި އެވެ.
އަލެގްރީ ވަނީ ފަހަކަށް އައިސް މިލާންގެ ފޯވާޑް ސްޓެފަން އެލް ޝާރަވީގެ ފަރާތުން ގިނަ ލަނޑުތަކެއް ނުފެނުނު ނަމަވެސް ހަމަޖެހުމަށް ގޮވާލައިފަ އެވެ.
މިސީޒަނުގެ ކުރީކޮޅުގައި އެލް ޝާރަވީގެ ފަރާތުން ގިނަ ލަނޑުތަކެއް ފެނި، ދުވަސްކޮޅަކު މިސީޒަނުގައި އިޓަލީ ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމްގައި އޮތެވެ. އެންމެ ފަހުން މިލާން ކުޅުނު ތޭރަ މެޗުގެ ތެރެއިން އެލް ޝާރަވީ އަށް ކާމިޔާބުކުރެވުނީ އެންމެ ދެ ލަނޑެވެ. މިހެން ކަންތައް ދިމާވާން ފެށީ މި އަހަރުގެ ޖެނުއަރީގައި މާރިއޯ ބަލޮޓެލީ މެންޗެސްޓާ ސިޓީ ދޫކޮށްލުމަށް ފަހު މިލާން އާ ގުޅުނު ހިސާބުންނެވެ.
"ސީޒަނެއްގައި ސާޅީސް ނުވަތަ ފަންސާސް ލަނޑު ޖެހޭނެ ހަމައެކަނި ކުޅުންތެރިޔަކީ މެސީ. ސީޒަންގެ ކުރީކޮޅުގައި އެލް ޝާރަވީ ވަނީ ސޯޅަ ލަނޑު ކާމިޔާބުކޮށްފައި. މިހާރު އެހެން ކުޅުންތެރިން ލަނޑުތައް ކާމިޔާބުކުރުމަކީ އާދައިގެ ކަމެއް. އެއީ މައްސަލައެއް ނޫން. ބަލޮޓެލީގެ އުމުރުން އަދި 22 އަހަރު. އޭނާގެ ކިބާގައި ވަރުގަދަ އަޒުމެއް އެބަހުރި. އެކަމަކު އޭނާ އަށް އަދި އެކަމެއް ނޭނގޭ. އޭނާގެ މަގްސަދަކަށް ވާން ޖެހޭނީ ދުނިޔޭގެ އެންމެ މޮޅެތި ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުން." އަލެގްރީ ބުންޏެވެ.