އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ އިން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ޖެހޭ ކަމުގައި އެކްލަބުގެ ސްޕެއިން ފޯވާޑް ހުއާން މަޓާ ބުނެފި އެވެ.

ސްޕެއިންގެ ޒުވާން ފޯވާޑް މަޓާ ވަނީ ޗެލްސީގެ ކުޅުންތެރިންނަށް ހިތްވަރުކޮށް ޕްރެމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެދިފަ އެވެ. އަދި ޗެލްސީ އިން މިސީޒަނުގެ އެފްއޭ ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވެސް ޓީމްގެ ކުޅުންތެރިންގެ ކިބައިން މަޓާ އެދިފައިވެ އެވެ.

"މިދިޔަ ސީޒަންގައި އަހަރެމެން ނިންމާލަން ޖެހުނީ ޕްރެމިއާ ލީގުގެ ހަވަނާގައި. މިސީޒަނުގައި ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެން ހިނގައްޖެ ނަމަ، އެއީ އިތުރު ކުރިއެރުމަކަށް ވެގެންދާނެ. މިދިޔަ އަހަރު އަހަރެމެންނަށް ކުށްތަކެއް ކުރެވުނު. ދެން އެކުށްތައް ތަކުރާރެއް ނުވާނެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް އަހަރެމެން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ. އަހަރެމެންނަށް އެފްއޭ ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބުކުރެވިއްޖެ ނަމަ، އެކަން ވެގެންދާނީ ބޮޑު ކާމިޔާބީއަކަށް." މަޓާ ބުންޏެވެ.

ފާއިތުވެގެންދިޔަ ދެއަހަރަކީ މަޓާއަށް ވަރަށް އުފާވެރި އަހަރުތަކެއް ކަމުގައި މަޓާ ބުނެއެވެ. "ނިމިގެންދިޔަ ދެ އަހަރަކީ އަހަރެންނަކީ އުފާވެރިކަމާއި ގިނަ ކާމިޔާބީތަކެއް ލިބުނު ދެ އަހަރު. އަހަރެން ކުރިން ބުނެފައިވާނެ ޗެލްސީގައި ހޭދަކުރި ފުރަތަމަ ބާރަ މަހަކީ އެންމެ އުފާވެރި ދުވަސްތައް ކަމަށް. އޭގެ ފަހުން ސްޕެއިންއާއެކު ޔޫރޯ ވެސް ކާމިޔާބުކުރެވުނު. މިއީ އަދި ފެށުން." މަޓާ ބުންޏެވެ.

ޕްރެމިއާ ލީގުގައި މިވަގުތު ޗެލްސީ އޮތީ ތާވަލްގެ ހަވަނާގަ އެވެ. ލީގުގައި މިރޭ ޗެލްސީ ބައްދަލުކުރަން ޖެހޭނީ ސަންޑަލޭންޑާއި ދެކޮޅަށެވެ. މިރޭގެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ، އެޓީމް ލީގުގެ ތިންވަނަ ޖެހިލާނެ އެވެ.

ސަންޑަލޭންޑާއި ދެކޮޅަށް ޗެލްސީ ނުކުންނާނީ ރާއްޖޭގެ ގަޑިން މިރޭ 7:00 ގައެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޗެލްސީގެ ސްޓެފަޑް ބްރިޖް ސްޓޭޑިއަމްގަ އެވެ.