ބަޓެލްކޯ އިން ކުރިއަށް އޮތްތާނގައި ދިވެހި ރާޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު)އާއި އަދި އެކުންފުނީގެ ކަސްޓަމަރުންނަށް ކުރިއެރުންތަކެއް ހޯދައިދޭނޭ ކަމަށް ރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭ ކުންފުނި ދިރާގުން އަލަށް އެކުލަވާލެވުނު ބޯޑަށް ބަހްރެއިން ޓެލެކޮމިއުނިކޭޝަންސް ކޮމްޕެނީ (ބަޓެލްކޯ) އިން އައްޔަން ކޮށްފައިވާ އެއް ޑިރެކްޓަރު ޝައިޚް މުޙައްމަދު ބިން ޢީސާ އަލްޚަލީފާ ވިދާޅުވެއްޖެ އެވެ.

ވޭތުވެ ދިޔަ 36 ވަރަކަށް އަހަރު ދުވަހު ރާއްޖެ އަށް މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި ދިރާގާ އެކު މަސައްކަތްކުރި އެ ކުންފުނީ ބައި ގިނަ ހިއްސާދާރު ކަމަށްވާ އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔަލެސް ކުންފުނިން އެ ކުންފުންޏަށް އޮތް ދިރާގުގެ 52 ޕަސެންޓް ހިއްސާ މި މަހުގެ ތިން ވަނަ ދުވަހު ބަޓެލްކޯއަށް ވިއްކާލުމާ ގުޅިގެން ދިރާގުގެ އަލަށް އެކުލަވާ ލެވުނު ބޯޑުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ދިރާގުގެ މައި އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ދިރާގު ބޯޑުގެ ޑައިރެކްޓަރު އަދި ބަޓެލްކޯ ގްރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝައިޚް މުޙައްމަދު ބިން ޢީސާ އަލްޚަލީފާ ވިދާޅުވީ މުވާސިލާތީ ހިދުމަތް ދިނުމުގައި ބަޓެލްކޯ އަށް މިހާތަނަށް ލިބިފައިވާ އެންމެހާ ތަޖުރިބާއެއްގެ އަލީގައި ދިރާގު ކުރިއަރުވަން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާނޭ ކަމަށެވެ.

ޝެއިހު މުހައްމަދު ވިދާޅުވީ ދިރާގު ފަދަ މަޝްހޫރު ކުންފުންޏެއް ބަޓެލްކޯ ގްރޫޕުގައި ހިމެނޭ ޕޯޓްފޯލި ކުންފުނިތަކުގެ ތެރެއަށް އެއްވުމުން އެކަމާ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ. އަދި ބަޓެލްކޯ އިން މަސައްކަތް ކުރަމުން އަންނަނީ އެކުންފުނިން ހިއްސާވާ ދިރާގު ފަދަ "ބްރޭންޑް"ތައް އެ ބްރޭންޑެއް ވުޖޫދުވެފައިވާ މާކެޓާ ގުޅޭ ގޮތަށް ތަރައްގީ ކުރުމަށް ކަމަށެވެ. އަދި ބަޓެލްކޯ ގްރޫޕުގައި ހިމެނޭ އެހެން ކުންފުނިތަކާއި ދިރާގަކީ ވެސް ކޭބަލް އެންޑް ވަޔަލެސް އިން ތަމްރީނުކޮށްގެން ހިންގާފައިވާ ކުންފުނިތަކަށް ވުމުން ދިރާގުގެ މަސައްކަތްތަކާއި އާދަކާދަތަކުގެ ތެރެއަށް ހޭނުމަށް ބަޓެލްކޯއަށް ވަރަށްފަސޭހަވާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝެއިހުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ބަޓެލްކޯއަކީ މީގެ ކުރިން ވެސް ރާއްޖެ ފަދަ ކުދިކުދި މާކެޓްތަކުގައި ދިގު މުއްދަތަކަށް ހަރަކާތްތެރިވެ އަދި ގިނަގުނަ ތަޖުރިބާތަކެއް ލިބިފައިވާ ކުންފުންޏެއް ކަމަށާއި އެހެންކަމުން އެކުންފުނީގެ ތަޖުރިބާއާއި ހުނަރާއި ގާބިލުކަން ދިރާގާއި އެކުންފުނީގެ މުވައްޒަފުންނާ ވެސް ހިއްސާކުރެވި މުސަތަގުބަލުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދޭނޭ ކަމަށެވެ. އަދި ދިރާގަކީ ރާއްޖޭގެ ފަންނުވެރިން މަސައްކަތުން ތަރައްގީކޮށްފައިވާ ކުންފުންޏެއް ކަމަށްވުމުން ކުރިއަށް އޮތްތާނގައި ވެސް އެ ކުންފުނި ތަރައްގީކުރުމުގައި އެ ފަރާތްތަކުގެ ތަޖުރިބާ ބޭނުން ކުރާނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ފަދަ ކުންފުންޏެއްގެ ގޮތުގައި އަބަދުވެސް ދިރާގު އޮންނާނޭ ކަމަށް ޝެއިހު މުހައްމަދު ވިދާޅުވި އެވެ.

މުސްތަގުބަލުގައި ދިރާގުގެ ހިދުމަތާއި އަގުތަކަށް އަންނާނޭ ބަދަލާ ގުޅޭގޮތުން ސުވާލުކުރުމުން ދިރާގުގެ ބޯޑުގެ ޗެއާޕާސަން އިބްރާހީމް އާތިފު ޝަކޫރު ވިދާޅުވީ ދިރާގުން މީގެ ކުރިން ވެސް އެކުންފުނީގެ ހިދުމަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކޮށް ތަރައްގީކޮށްފައި ވަނީ، ކުންފުނިންދޭ ހިދުމަތްތަކުގެ އަގުތަކާއި ވާދަވެރިކަމަށް ބަލައިގެން ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި އެކުންފުނިން އަބަދުވެސް ބަލަމުން ގެންދަނީ ކުންފުނީގެ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި ވާދަވެރި އެހެން ފަރާތްތަކެއް އުޅޭ ކަމުގައިވާ ނަމަ ދިރާގުން ވެސް ހިދުމަތްދޭ މާކެޓުގެ ފައިދާއާ މަންފާ ހޯދުމަށް މަސަކަތް ކުރާއިރު އޭގެ ފައިދާ އަބަދު ވެސް ރައްޔިތުންނަށް ކުރާނޭކަމަށް އޭނާ ވިދާޅުވި އެވެ.