07 Apr 2013, 15:50
އާތާ ބްރަދާސްގެ އާތާ ސާގްސްޔަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމަނިކުފާނުގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހިމް ހުސެއިން ޒަކީ ބައްދަލުކުރައްވާ ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާފޮޓޯއަކީއެއްވެސް ހަގީގަތެއް ނެތް އެއްޗެއް ކަން ހާމަވެއްޖެ އެވެ.
ސޯޝަލް ނެޓްވޯކްތަކުގައި އާއްމުކޮށްފައިވާ އެފޮޓޯއެއް28 ޖެނުއަރީ 2011ގައި ރައީސް ނަޝީދުގެ އަރިހަށް އެމެރިކާގެ ޑެޕިއުޓީ ސެކެޓްރީ އޮފް ސްޓޭޓް ކުރައްވާ ރަސްމީ ޒިޔާރަތެއްގައި ނަގާފައިވާ ފޮޓޯއެއް އެޑިޓްކޮށްގެން ހަދާފައިވާ ފޮޓޯއެކެވެ.
އެ ފޮޓޯ އިން ފެންނަނީ މުލިޔާގޭ ގޯތި ތެރޭގައި ރައީސް ނަޝީދު އާއި އިބްރާހިމް ހުސެއިން ޒަކީ ހުންނަވަނިކޮށް، އެތަނަށް އާތާ ބްރާދާސްގެ ބޭފުޅަކު ވަޑައިގެން ސަލާމްކުރައްވާ ތަނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ އެފަދަ ފޮޓޯއެއް ހެދުމަކީ މިޒަމާނުގައި މާބޮޑު އުނދަގުލަކަށް ނުވާ އިރު އެފަދަ ފޮޓޯއަކާ ގުޅޭ ވީޑިއޯއެއް އެއާ އެކު ނެތް ނަމަ އެ ފޮޓޯގެ ހަގީގަތް ހާމަވެގެން ނުދާނެ ކަމަށެވެ. ރައީސް ނަޝީދުގެ އަރިހަށް އެފަދަ އެއްވެސް ބޭފުޅަކު ވަޑައިގެންނެވި ނަމަ އެކަމާ ބެހޭ ލިޔެކިޔުންތައް ހުންނަން ޖެހޭނެ ކަމަށާއި ނަމަވެސް އެކަން ހާމަވެފައި ނުވާތީ އެއީ ސައްހަ ފޮޓޯއެއް ކަމަށް ބެލެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފޮޓޯއެއް ހުރެފަ އެ ފޮޓޯއާއި ގުޅޭ ވީޑިއޯއެއް ހުރެއްޖެ ނަމަ އެ ފޮޓޯ ސައްހަކަން އެނގޭނީ. މިސާލަކަށް އާތު ބްރާދާސްގެ ބޭފުޅުންނާ އެކު ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއްމުވި ފޮޓޯ އާއި ބެހޭ ވީީޑިއޯ އެބަހުރި އެ ފޮޓޯއާ ގުޅުން ހުރި. އެހެންވެ ރައީސް ނަޝީދުއާ ބައްދަލުކުރައްވަން ވަޑައިގެންނަވާ ބޭފުޅުންނާ ބެހޭ މައުލޫމާތުތައް ހުދު އަޅުގަނޑުމެން ވަތް ކަމުގައިވީ ނަމަވެސް ލިޔެކިޔުންތަކުން އެނގެން އޮންނާނެ. އެހެންވެ އާތު ބްރާދާސްގެ ބޭފުޅުން އެގެއަށް ވަޑައިގެން ކަން އެނގޭކަށް ނެތް. އެފަދަ ކަމެއް އުޅޭ ނަމަ މިހާރު މި އޮތް ސަރުކާރުގެ ބޭފުޅުން އެތައް ފަހަރަކު އެކަމާ ބެހޭ ލިޔެކިޔުންތައް ބައްލަވާނެ،" ޒުހެއިރު ވިދާޅުވި އެވެ.
ރައީސް ނަޝީދު އާތާ ބްރާދާސްގެ ބޭފުޅަކާ އެކު ހުންނެވި ކަމަށް ތުހުމަތުކޮށް އެފަދަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ އިރު މީގެކުރިން ވަނީ ޓޫރިޒަމް މިނިސްޓަރު އަދީބާއި ޑިފެންސް މިނިސްޓަރު ނާޒިމާ އެކު އާތާ ބްރަދާސްއާ ދެމެދު ގުޅުންތަކެއް އޮންނަ ކަމަށް ބުނެ ފޮޓޯ އާއްމުކޮށްފަ އެވެ. އަދި އެ ފޮޓޯއާ ބެހޭ ވީޑިއޯ ވެސް ވަނީ އާއްމުކޮށްފަ އެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅަކާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް އަދީބް ވަނީ ވިދާޅުވެފަ އެވެ.
އާތާ ބްރްދާސްއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ އިސް ފަރާތްތަކާ ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގުމުގެ އިތުރުން ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭ، އަރްމީނިއާގެ ދެބެއިންނެވެ.