07 Apr 2013, 15:05
ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ އިސް ފަރާތްތަކާ ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގުމުގެ އިތުރުން ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭ، އަރްމީނިއާގެ، އާތާ ބްރަދާސްގެ އާތާ ސާގްސްޔަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމަނިކުފާނުގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހިމް ހުސެއިން ޒަކީ ބައްދަލުކުރައްވާ ކަމަށް ސޯޝަލް މީޑިއާގައި ތުހުމަތުކުރާ ފޮޓޯއެއް އާއްމުވެއްޖެ އެވެ.
އެ ފޮޓޯއާއި ބެހޭ ގޮތުން ސަން އަށް ދެއްވި އިންޓަވިއެއްގައި ރައީސް ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޒުހެއިރު (ޒުހާ) މިއަދު ވިދާޅުވީ އާތާ ބްރަދާސްގެ އެއްވެސް ބޭފުޅަކު ރައީސް ނަޝީދުގެ އަރިހަށް ރަސްމީ އަދި ނުރަސްމީ ޒިޔާރަތެއް ވެސް ކުރައްވާފައިނުވާނެ ކަމަށެވެ. އަދި މުލިއާގޭގައި ބޭއްވި އެފަދަ ނުރަސްމީ ބައްދަލުވުމަކަށް ވެސް އޭގެން ބޭފުޅަކު ވަޑައިނުގެންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ރައީސް އޮފީހުގެ ރައީސް ނަޝީދު އިވެންޓްތަކާ ބެހޭ ހުރިހާ ލިޔެކިޔުންތައް ބަލަހައްޓަމުން ގެންދިޔައީ، އެއިން އެއްވެސް ބޭފުޅަކާ ބެހޭ (އާތާ ބްރަދާސް) ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތް. އެއްވެސް ކަމެއް ހިނގި ކަމަށް ބުނެވޭނީ ރަސްމީ ލިޔެކިޔުމުން ފެންނަން އޮވެގެން، މިސާލަކަށް ދައުވަތު ދިނުމުގެ ލިސްޓެއް ނުވަތަ ސެކިއުރިޓީ ހުއްދަ ކުރައްވާ ބޭފުޅުންގެ ލިސްޓެއް މިހުރިހާ ކަމެއް ވެސް ބެލެހެއްޓީ އަޅުގަނޑު. އެހެންވެ އަޅުގަނޑަށް ހަމަ ޔަގީން އެބޭފުޅުން ރަސްމީކޮށް ހައިސިއްޔަތަކުން ވަޑަނުގަންނަވާކަން،" ޒުހެއިރު ވިދާޅުވި އެވެ.
އެ ފޮޓޯ އިން ފެންނަނީ މުލިޔާގޭ ގޯތި ތެރޭގައި ރައީސް ނަޝީދު އާއި އިބްރާހިމް ހުސެއިން ޒަކީ ހުންނަވަނިކޮށް، އެތަނަށް އާތާ ބްރާދާސްގެ ބޭފުޅަކު ވަޑައިގެން ސަލާމްކުރައްވާ ތަނެވެ. ޒުހެއިރު ވިދާޅުވީ އެފަދަ ފޮޓޯއެއް ހެދުމަކީ މިޒަމާނުގައި މާބޮޑު އުނދަގުލަކަށް ނުވާ އިރު އެފަދަ ފޮޓޯއަކާ ގުޅޭ ވީޑިއޯއެއް އެއާ އެކު ނެތް ނަމަ އެފޮޓޯގެ ހަގީގަތް ހާމަވެގެން ނުދާނެ ކަމަށެވެ. ރައީސް ނަޝީދުގެ އަރިހަށް އެފަދަ އެއްވެސް ބޭފުޅަކު ވަޑައިގެންނެވި ނަމަ އެކަމާ ބެހޭ ލިޔެކިޔުންތައް ހުންނަން ޖެހޭނެ ކަމަށާއި ނަމަވެސް އެކަން ހާމަވެފައިނުވާތީ އެއީ ސައްހަ ފޮޓޯއެއް ކަމަށް ބެލެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފޮޓޯއެއް ހުރެފަ އެ ފޮޓޯއާއި ގުޅޭ ވީޑިއޯއެއް ހުރެއްޖެ ނަމަ އެ ފޮޓޯ ސައްހަކަން އެނގޭނީ. މިސާލަކަށް އާތު ބްރާދާސްގެ ބޭފުޅުންނާ އެކު ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއްމުވި ފޮޓޯ އާއި ބެހޭ ވީީޑިއޯ އެބަހުރި އެ ފޮޓޯއާ ގުޅުން ހުރި. އެހެންވެ ރައީސް ނަޝީދުއާ ބައްދަލުކުރައްވަން ވަޑައިގެންނަވާ ބޭފުޅުންނާ ބެހޭ މައުލޫމާތުތައް ހުދު އަޅުގަނޑުމެން ވަތް ކަމުގައިވީ ނަމަވެސް ލިޔެކިޔުންތަކުން އެނގެން އޮންނާނެ. އެހެންވެ އާތު ބްރާދާސްގެ ބޭފުޅުން އެގެއަށް ވަޑައިގެން ކަން އެނގޭކަށް ނެތް. އެފަދަ ކަމެއް އުޅޭ ނަމަ މިހާރު މި އޮތް ސަރުކާރުގެ ބޭފުޅުން އެތައް ފަހަރަކު އެކަމާ ބެހޭ ލިޔެކިޔުންތައް ބައްލަވާނެ،" ޒުހެއިރު ވިދާޅުވި އެވެ.
ރައީސް ނަޝީދު އާތާ ބްރާދާސްގެ ބޭފުޅަކާ އެކު ހުންނެވި ކަމަށް ތުހުމަތުކޮށް އެފަދަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ އިރު މީގެކުރިން ވަނީ ޓޫރިޒަމް މިނިސްޓަރު އަދީބާއި ޑިފެންސް މިނިސްޓަރު ނާޒިމާ އެކު އާތާ ބްރަދާސްއާ ދެމެދު ގުޅުންތަކެއް އޮންނަ ކަމަށް ބުނެ ފޮޓޯ އާއްމުކޮށްފަ އެވެ. އަދި އެ ފޮޓޯއާ ބެހޭ ވީޑިއޯ ވެސް ވަނީ އާއްމުކޮށްފަ އެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅަކާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް އަދީބް ވަނީ ވިދާޅުވެފަ އެވެ.
އާތާ ބްރާދާސްގެ ދެބެއިން ރާއްޖެ އައިސް މި ސަރުކާރުން ބޭއްވި ބައެއް ފަންސަންތަކުން ފެނިފައިވާ އިރު އާތާ ބްރާދާސްގެ ނަމުގައި ކުންފުންޏެއް ރާއްޖޭގައި ރަޖިސްޓްރީ ކުރަން އުޅުނު މައްސަލައެއް ފެންމަތިވެ، ފުލުހުންނާ ކަސްޓަމްސްއިން ވަނީ އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފަ އެވެ.