07 Apr 2013, 14:35
އެމްޕީއެލް އިން ހުޅުމާލެ އަށާއި ތިލަފުއްޓަށްދޭ ލޭންޑިން ކުރާފްޓްގެ ދަތުރުތައް ކޮންމެ ބުރާސްފަތި ދުވަހަކާއި ހޮނިހިރު ދުވަހަކު ދޭގޮތަށް ނިންމައި ދަތުރުތައް ފަށައިފި އެވެ.
އެމްޕީއެލް އިން މިއަދު ސަން އޮންލައިނަށް ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު ހުޅުމާލެއަށާއި ތިލަފުއްޓަށް ދޭ ލޭންޑިން ކުރާފްޓްގެ ހިދުމަތް ކޮންމެ ބުރާސްފަތި ދުވަހަކާއި ހޮނިހިރު ދުވަހަކު ދޭގޮތަށް ނިންމާފައިވާ އިރު އެ ދެ ދުވަހު މާލެއިން ތިލަފުއްޓަށް ފުރުމަށް ނިންމާފައި ވަނީ ހެނދުނު 10:00 ޖަހާއިރު އެވެ. އަދި ތިލަފުށިން މާލެ އައުމަށް ފުރަންހަމަޖައްސާފައި ވަނީ 12:30 ގަ އެވެ. އަދި މާލެ އިން ހުޅުމާލެ އަށް 13:30ގައި ފުރަން ހަމަޖައްސާފައިވާ އިރު ހުޅުމާލެ އިން މާލެއަށް ފުރުމަށް ހަމަޖައްސާފައި ވަނީ 16:00 ގަ އެވެ.
ކޮޅުވެއްޓިއެއްގައި މުދާގެންދިއުމުގެ ހިދުމަތް އެ ދެ ރަށަށް ވެސް ފަށާފައިވާ އިރު ހިދުމަތްތައް ދެނީ ދެ ރަށަށް ވެސް އެއްއަގެއްގަ އެވެ. އެގޮތުން 40 ފޫޓުގެ ކޮންޓެއިނާއެއް ގެންދިގޮސްދިނުމަށް ނިންމާފައި ވަނީ 2544ރ. އަށެވެ. އަދި 20 ފޫޓުގެ ކޮންޓެއިނާއެއް 1272ރ. އަށް ގެންގޮސްދޭ އިރު ހަތަރު ޓަނުގެ ޓުރެކެއް 848ރ. އަށް ގެންގޮސްދޭ އިރު 2.2 ޓަނުން ދަށުގެ ޓުރެކެއް ގެންގޮސްދެނީ 636ރ. އަށެވެ. އަދި ކާރެއް 583ރ. އަށް ގެންގޮސްދޭ އިރު މޮޓޯ ސައިކަލެއް ގެންގޮސްދެނީ 159ރ. އަށެވެ. އަދި ފޯކްލިފްޓެއް 636ރ. އަށް ގެންގޮސްދޭ އިރު ކޮންކުރީޓް މިކްސާގެ ބޮޑު މެޝިނެއް 848ރ. އަށް އަދި އޭގެ ކުޑަ މެޝިނެއް 318ރ. އަށް ގެންގޮސްދެ އެވެ. އަދި އެކްސްޓަވޭޓަރެއް 1060ރ. އަށް ގެންގޮސްދޭ އިރު ކެރޭނެއް ގެންގޮސް ދެނީ 2544ރ. އަށެވެ. އަދި 20 ފޫޓޫގެ ޓުރެއިލާއެއް 1272ރ. އަށް ގެންގޮސްދޭ އިރު 40 ފޫޓުގެ ޓުރެއިލާއެއް ގެންގޮސްދެނީ 2544ރ. އަށެވެ.
އެމްޕީއެލްގެ ސީއީއޯ މުހަންމަދު ލަތީފު ވިދާޅުވީ އެހިދުމަތް ތައާރަފް ކުރެވުމާ އެކު ކޮޅުވެއްޓިއެއްގައި ތިލަފުއްޓަށާއި ހުޅުމާލެ އަށް ފަސޭހަކަމާ އެކު މުދަލާއި ވެހިކަލް ގެންގޮސްގެނެވޭނެ ކަމަށެވެ. އަދި އެ ހިދުމަތުގެ ސަބަބުން އެމްޕީއެލް އަށް މާބޮޑު ފައިދާއެއް ނުވި ނަމަވެސް ރައްޔިތުނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށާއި އެ ހިދުމަތް މާލެ ކައިރި އެހެން ރަށްރަށަށް ދިނުމަށް ވިސްނަމުންދާ ކަމަށް ވިދާޅުވި އެވެ.