ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވި އުމަރު ނަސީރު، އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ޖަލްސާއެއް ބާއްވައި، އަދި އެޖަލްސާގައި ހަގީގަތާ ޚިލާފް ވާހަކަތަކެއް ދައްކަވައިފައިވާ ކަމަށްބުނެ ޕަބްލިކްގައި މާފަށް އެދުމަށް އޭނާއަށް ދިން މުހުލަތު ހަމަވި އިރު ވެސް މާފަށް އެދިފައިނުވާތީ އޭނާއާ މެދު އަޅާނެ ފިޔަވަޅެއް ދެ ދުވަސް ތެރޭގައި ނިންމާނެ ކަމަށް އެޕާޓީގެ ސުލޫކް ކޮމެޓީން ބުނެފި އެވެ.

ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސްކަން ކުރައްވާފައިވާ އުމަރު ނަސީރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާ ބެހޭ ގޮތުން ހަގީގަތާ ހިލާފަށް ވާހަކަ ދައްކާފައިވާތީ އާންމުނަށް އެނގޭނެ ގޮތަށް އޭނާ މާފަށް އެދުމަށް އެޕާޓީ ކައުންސިލުން ދިން މުއްދަތު މިއަދު ހެނދުނު 10:00 ހަމައަށް ވަނީ ހަމަވެފަ އެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ މުގައްރިރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ކައުންސިލުން ނިންމާފައިވާ ގޮތަށް އުމަރު ނަސީރު މާފަށް އެދިވަޑައިގެންފައި ނުވާތީ އޭނާއާ މެދު އަޅާނެ ފިޔަވަޅެއް ކަނޑައަޅާދިނުމަށް އެދި ކޮމެޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އަޒީޒު ވިދާޅުވީ އެކޮމެޓީން ދެ ދުވަހެއްގެ ތެރޭގައި އުމަރު ނަސީރާއި މެދު އަޅާނެ ފިޔަވަޅެއް ކަނޑައެޅުމަށް ފަހު ޕާޓީ ކައުންސިލަށް ހުށަހަޅާނެ ކަމަށެވެ.

" އަޅުގަނޑުމެން ދެ ދުވަހެއްގެ ތެރޭގައި ނިންމާނަށް އުމަރު ނަސީރާއިމެދު އަޅާނެ ފިޔަވަޅަކާ މެދު. އަޅުގަނޑުމެން އަޅާ ފިޔަވަޅެއް އަޅާނީ އަސާސީ ގަވާއިދަށް ރިޔާއަތްކުރުމަށް ފަހު އޭގައިވާ އެންމެ މަސްލަހަތުހުރި ގޮތަށް،" އަޒީޒު ޖަމާލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުލޫކީ ކޮމެޓީން އަޅަން ނިންމާ ފިޔަވަޅެއް ތަންފީޒު ކުރާނީ ޕާޓީ ކައުންސިލުން ކަމަށާއި ސުލޫކީ ކޮމެޓީން ނިންމާ ނިންމުމެއް އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ސުލޫކީ ކޮމެޓީން އަޅަން ނިންމާ ފިޔަވަޅެއް ތަންފީޒް ކުރާނީ ޕާޓީ ކައުންސިލަށް. ޕާޓީ ކައުންސިލަށް އެ ފިޔަވަޅަކީ އެންމެ ރަނގަޅު ފިޔަވަޅެއް ނޫން ކަމަށް ބެލެވިއްޖެ ނަމަ އެބަ އޮތް ފުރުސަތު، އިސްތިއުނާފް ކޮމެޓީއަށް އެނިންމުން ހުށަހެޅުންވެސް،"

ޕީޕީއެމް ޕްރައިމަރީއަށް ފަހު އުމަރު ނަސީރު އޭނާގެ ސަޕޯޓަރުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ޕްރައިމަރީ އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ވަނީ ތުހުމަތު ކުރައްވާފަ އެވެ. އެގޮތުން އުމަރު ވިދާޅުވެފައިވަނީ ވޯޓު ފޮށި ނުބަހައްޓާ ރަށްރަށުގެ ނަތީޖާ ވެސް ނެރެފައިވާ ކަމަށާއި ވޯޓުދީފައިވާ ވޯޓުކަރުދާސްތައް ބައެއް ފޮށިތަކުން ނަގާފައިވާ ކަމަށާއި އަދި ބާކީ ހުރި ހުސްކަރުދާހުގައި ޔާމީނަށް ފާހަގަ ޖަހައި ވޯޓު ފޮށްޓަށް އަޅައިފައިވާ ކަމަށެވެ.

މީގެ އިތުރުން އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވާހާރަ ކޮށްލުމުގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ ކުއްޖަކު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީން އަރިހުގައި ޕީޕީއެމް އޮފީހުގައި އިންދައި ދުށް ކަމަށް އުމަރު ވިދާޅުވެފައިވާކަން ޕީޕީއެމްއިން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ އިތުރުން ޔާމީންއާ އެކު ބޮޑެތި ގޭންގު ގުރޫޕްތައް އޮތްކަމަށް ވެސް އުމަރު ތުހުމަތު ކުރައްވައިފައިވެ އެވެ.