މާލެ އާއި ހުޅުމާލެ އިން ފްލެޓްތައް ގަންނަ ފަރާތްތަކަށް ދޫކުރުމަށް "ހޯމް ލޯން"ގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ތެރޭގައި ތައާރަފްކުރި ހޯމް ލޯން ދައްކަން ޖެހޭ މުއްދަތު 20 އަހަރަށް އިތުރުކޮށް ބަދަލުތަކެއް ގެނެސްފި އެވެ.

ބީއެމްއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ބޭންކުގެ މާކެޓިން ޑިރެކްޓަރު ރިއްފުއަތު މުހައްމަދު ވިދާޅުވީ އެލޯން ނަގާ ފަރާތްތަކަށް ލުއި ގޮތެއް ހަމަޖައްސައި ދިނުމުގެ ގޮތުން އެ ލޯނަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ގެނެސްފައިވާ މައިގަނޑު ބަދަލުތަކަކީ ލޯން ދައްކަން ޖެހޭ މުއްދަތު 20 އަހަރަށް އިތުރުކޮށްދިނުމާއި މަހެއްގެ މައްޗަށް ދައްކަން ޖެހޭ އަދަދު ލޯނަށް އެދޭ ފަރާތުގެ މަހެއްގެ އާމްދަނީގެ 40 ޕަސެންޓަށް އިތުރުކުރުން ކަމަށެވެ.

ކުރިން ލޯން އަނބުރާ ދައްކަން ޖެހެނީ 15 އަހަރު ދުވަހުގެ ތެރޭގަ އެވެ.

"ހޯމް ލޯނަށް ދޫކުރެވޭ އެންމެ ބޮޑު އަދަދެއްގެ ގޮތުގައި ހަމަޖެހިފައި ވަނީ ލޯނަށް އެދޭ ފަރާތުގެ އަހަރީ އާމްދަނީގެ ތިން ގުނައަށްވާ އަދަދު. އަދި އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކެއް އެކުގައި މިލޯނަށް އެދި ހުށައެޅޭނެ،" ރިއްފަތު ވިދާޅުވި އެވެ.

ހޯމް ލޯނުގެ އިންޓަރެސް ރޭޓަކަށް 11 ޕަސެންޓް ދައްކަން ޖެހޭ އިރު އެ ލޯނު ނަގާ އިރު އެ ގަންނަ ފުލެޓެއްގެ 20 ޕަސެންޓް ދައްކަން ޖެހެ އެވެ. އަދި މިހާރު ގަނެފައި ހުރި ފްލެޓްތަކުގެ 20 ޕަސެންޓް ދައްކާފައިވުމުން އެލޯން ލިބޭނެ އެވެ. އަދި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ކޮންމެ ދިވެއްސަކަށް ވެސް އެ ލޯން ނެގޭ އިރު އިތުރު މީހުންނާ ގުޅިގެން ވެސް އެލޯން ނެގެ އެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބޭންކްގެ މެނޭޖަރު މާކެޓިން މަބުރޫކާ އަމީލް ޖަލީލް ވިދާޅުވީ ލޯނަށް އެދޭ ޕުރޮމޯޝަން ދުވަސްވަރު ލޯނަށް އެދުމުގެ ސަބަބުން އެއްވެސް ފީއަކާ ނުލައި ފަސޭހަކަމާ އެކު ލޯން ލިބިގެންދާނެ ކަމަށެވެ. އެގޮތުން މި އަހަރުގެ މޭ މަހުގެ ނިޔަލަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.