ދިވެހިރާއްޖޭހެ ސިއްހީ ދާއިރާއަށް އެންމެ ބޮޑަށް ދިމާވެފައި މައްސަލަ އަކީ ސިއްހީ ދާއިރާއަށް ބޭނުންވާ ގާނޫނުތައް ނެތުން ކަމަށާއި އެ ގާނޫނުތައް ނެތުމުން ސިއްހީ ހިދުމަތް ތެރިންގެ ފަރާތުން ލިބޭ ގެއްލުމުގެ ބަދަލް ލިބިދެވޭނެ މަގެއް ނެތް ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފި އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅުވައިގެން އެޗްއާރްސީއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކަމާއި އެކު ހިންގުމަށްޓަކައި ބޭނުންވާ ވަރަށް ގިނަ ގާނޫނުތަކެއް ނުހެދި ރައްޔިތުންގެ މަޖިލީހުގައި ތާށިވެފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ދަށްވެފައިވާ ކަމަށާއި ސިއްހީ ހިދުމަތް ހޯދުމަށް ގިނަ ދަތި ތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މީގެ އިތުރުން ރައްޔިތުން ސިއްހީ ހިދުމަތާއި ދޭތެރޭ އިތުބާރު ނުކުރުމާއި ސިއްހީ ހިދުމަތް ތެރިންގެ ފަރާތުން ލިބޭ ގެއްލުމުގެ ބަދަލް ލިބިދެވޭނެ މަގެއް ނެތް ކަމަށް ވެސް އެ ބަޔާނުގައި ފާހަނގަ ކޮށްފައިވެ އެވެ.

އެޗްއާރްސީއެމްގެ ބަޔަނުގައި ބުނެފައި ވަނީ ރާއްޖޭގެ ރައްޔިތުންގެ ސިިއްހީ ހައްގުތަށް ރައްކާތެރި ކޮށް ކަށްވަރު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕާޓީ ތަކުން ގިނަ މަސައްކަތްތަކެއް ކުރާން ޖެހޭ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު ގާނޫނު ތަކެއް ނުހެދިވާ ކަން ބަޔާނުގައި ފާހަނގަ ކޮށްފައިވެއެވެ. އެގޮތުން ސިއްހީ ސިޔާސަތު ތައް ކަނޑައަޅާ މައިގަނޑު ގާނޫނަކާއި އަދި މަސައްކަތުގެ މާހައުލުިގެ ސަލާމަތާއި ރައްކާތެރި ކަމާއި ބެހޭ ގާނޫނަކާއި އަދި ސިއްހަތާއި ގުޅުން ހުރި އެހެނިހެން މުހިންމު ގަވާއިދު ތައް ވަރަށް އަވަހަސް ވުޖޫދަށް އަންނަން ޖެހޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެޗްއާރްސީއެމްގެ ބަޔަނުގައިވާ ގޮތުން ކުރިއަށް ދުވަސްތަކުގައި މީހުން އެންމެ ގިނައިން ބަލިވުމާއި މަރުވުމުގެ ސަބަބެއް ކަމަށް ލޭގެ ޕްރެޝަރު މައްޗަށް ދިއުން ވާނެ ކަމަށް (އެޗްއާރްސީއެމް) އިން ބުނެފައިވެ އެވެ.

ދުނިޔޭގައި ވެސް އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަނގަ ކުރެވިފައި ވަނީ މީހުންގެ ލޭގެ ޕްރެޝަރު މައްޗަށް ދިއުން ކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްޢީއްޔާ ޑަބްލިޔުއެޗްއޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކުރިއަސް ދުވަސް ތަކުގައި މީހުން ބަލިވުމާއި މަރުވުމުގެ ސަބަބެއް ކަމަށް ލޭގެ ޕްރެޝަރު ވެގެން ދާނެ ކަމަށާއި އަދި ދިވެހިރާއްޖޭގައި ވެސް މިކަން އޮތީ މިގޮތަށް ކަމަށް ތަފާސްހިސާބް ތަކުން ދައްކާ ކަމަށް ވެސް އެޗްއާރްސީމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްއާރްސީމްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ދުނިޔޭގެ ފެންވަރެއްގައި ސިއްހަތު ދުވަހެއް ފަހަނގަ ކުރުމުގެ މަގުސަދަކީ އެއިރެއްގައި ދުނިޔޭގައި އާންމުވަމުންދާ ބަލިތަކުން ރައްކާތެރިވުމަށް ގައުމުތަކަށް ބާރުއަޅައި ޖަމާއަތާއި ފަރުދީ ފެންވަރެއްގައި މިފަދަ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އެގޮތުން މިއަދު ދުނިޔޭގައި ފާހަނގަ ކުރަމުންދާ ސިއްހަތު ދުވަހުގެ ޝިޔާރަކަށް ކަނޑައަޅާފައި ވަނީ "ލޭގެ ޕްރެޝަރު މައްޗަށް ދިއުން" މި ޝިޔާރެވެ.

ސިއްހަތު ދުވަހުގެ ޝިޔާރާއި ގުޅުވައިގެން އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ލޭގެ ޕްރެޝަރު މައްޗަށް ދިއުމަކީ މައުލޫމާތާއި ހޭލުންތެރިކަން އިތުރުކޮށްދީގެން ދުރުހެލި ވެވިދާނެ ސިއްހީ މައްސަލައެއް ކަމަށެވެ. އެހެން ކަމުން ދައުލަތުގެ ކަމާއި ބެހޭ މުއްސަސާތަކުން ރައްޔިތުންގެ ހައްގުތަކަށް އިސްކަންދީގެން މަސައްކަތް ތަކެއް ކުރާން ޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން އދ ގެ އާންމު ގަރާރާއި އިޖުތިމާއި އިގުތިސާދީ އަދި ސަގާފީ ހައްގުތަކާއި ބެހޭ މުއާހަދާގައި ވެސް ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ކަށަވަރު ކޮށްދިނުމަށް ބާރު އަޅާފައިވާކަން އެޗްއާރްސީއެންގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން އެ ގައުމެއްގެ ހާލަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް ސިއްހީ އެންމެހައި ހިދުމަތްތައް ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި އަދި ފަރުދީގޮތުން ސިއްހަތު ސަލާމަތުން ހުރުމަށް މަސައްކަތް ކުރުމާއި ޒިންމާދާރު ކަމާއިއެކު ސިއްހީ ހިދުމަތްތައް ލިބިގަނެ ބޭނުން ކުރުމަސް ބާރު އަޅާފައިވާކަން އެޗްއާރްސީއެމްގެ ބަޔާނުގައި ފާހަނގަ ކޮށްފައިވެއެވެ.