ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީސް ތަމްސީލު ކުރައްވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުބާރުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުގައި ޑީއާރުޕީގެ ޕޮޒިޝަން ނިންމާނީ މާދަމާ ރައްޔިތުންގެ މަޖިލީހުގައި ކަމަށް އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާ ޑީއާރުޕީގެ ލީޑަރު ވިދާޅުވީ މާދަމާ މެންދުރު ފަހު 13:30ގައި ވޯޓު ނެގުމުގެ ކުރިން އެކަން ނިންމަވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ޑީއާރުޕީގެ 15 މެންބަރުން ތިއްބަވަ އެވެ.

އެމްޑީޕީ ފިޔަވައި އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު މިއަދު ސަން އަށް ވިދާޅުވީ އެ ތިން ބޭފުޅުންގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލާގައި އެ ޕާޓީން އަދި ވިޕެއް ނުނެރުއްވާ ކަމަށާއި ނަމަވެސް އެ ޕާޓީގެ ޕޮޒިޝަނަކީ އެ ބޭފުޅުންގެ އިތުބާރު އޮތް ކަމަށް ފާސްކުރުން ކަމަށެވެ. އަދި ވިދާޅުވީ މާދަމާ އެ ޕާޓީން ތުރީލައިން ވިޕެއް ނެރުއްވާނެ ކަމަށާއި އެ ވިޕާ ދެކޮޅަށް ވޯޓު ދެއްވިއަސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ނަމަވެސް މަހުލޫފު ވިދާޅުވީ އެ މައްސަލާގައި އެ ޕާޓީގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުމެއް ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލު ކުރައްވާ 21 މެންބަރުން ތިއްބަވަ އެވެ.

ޑިފެންސް މިނިސްޓަރު ނާޒިމު މިއަދު ސަން އަށް ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ޖެހޭ ވަރުގެ ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި "އިއްޒަތްތެރި ކޯލިޝަން މެންބަރުން" އޭނާގެ އިތުބާރު އޮތް ކަމަށް ފާސްކުރައްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.'

ހޯމް މިނިސްޓަރު ޖަމީލު އަދި ޖޭއެސްސީ މެންބަރު ގާސިމް އިބްރާހީމް ފޯން ނުނަންގަވާތީ އިތުބާރުގެ މައްސަލާގައި އެ ބޭފުޅުންގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްވަނީ، 77 މެންބަރުންގެ މަޖިލީހުގެ 39 މެންބަރުންގެ ވޯޓާ އެކު އެވެ.

އެ ބޭފުޅުންގެ އިތުބާރު ނެތް ކަމަށް މައްސަލަ މަޖިލީހަށް ވެއްދި އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 29 އެވެ.

ނާޒިމުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވެއްދީ، ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުވެ އެ ދެ ވުޒާރާގެ މަސައްކަތްތަކުގެ އަސާސީ ސިފަތައް މަސްހުނިކުރައްވާފައިވާ ކަމަށާއި އަދި ސަރުކާރު ބައިވެރިވާ މަދަނީ މުއާމަލާތްތައް ޝަރީއަތުން ބޭރުގައި ރޫޅާލުމަށް އަސްކަރީ ނުފޫޒުފޯރުވާފައިވާ ކަމަށް ބުނެ އެވެ.

ޖަމީލްގެ މައްޗަށް އިތުބާރުނެތް ކަމަށް ވެއްދި ސަބަބުތަކެއް ކަމަށް ބުނެފައި ވަނީ ރާއްޖޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއްކަން ކަށަވަރުކޮށްދިނުމުގެ ޒިންމާއަކީ ހޯމް މިނިސްޓަރު ސީދާ އުފުއްލަވަން ޖެހޭ ޒިންމާއެއް ކަމަށާއި އެ ޒިންމާ އަދާ ނުކުރައްވާ ކަމަށް ބުނެ އެވެ.

ގާސިމުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް އެމްޑީީޕީން ހުށަހެޅީ، ގާސިމަކީ ޖުމްހޫރީ ޕާޓީގެ ރައިޔާސީ ކެންޑިޑޭޓަށްވާ އިރު އެމަނިކުފާނު ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނެވުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ބުނެ އެވެ.