07 Apr 2013, 12:57
ކީރިތި ގުރުއާނުގައި ނަންގަނެވިފައިވާ ދެ މިސްކިތުގެ ތެރެއިން ފަލަސްތީނުގެ އަލްއަޤްޞާ މިސްކިތާ ބެހޭ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމަށް ނިންމައިފި އެވެ. އެ ކޮންފަރެންސް ބޭވުމަށް ނިންމީ ދިވެހި ސަރުކާރުން ފަލަސްތީނު ސަރުކާރާއެކު މަޝްވަރާކޮށްގެންނެވެ.
ފަލަސްތީނުގެ އަލްޤުދުސްގައި ހުންނަ އަލްއަޤްޞާއާ ބެހޭ ގޮތުން މައުލޫމާތު ބަދަލުކޮށް، މަޝްވަރާތައް ކުރުމަށް ކޮންފަރެންސެއް ބާއްވާނެ ކަން އިއުލާން ކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ޑރ. މަޙުމޫދު އަލް ޙައްބާޝް އާއި ރާއްޖޭގެ އިސްލާމިކް މިނިސްޓަރު އައް ޝައިޚު މުހައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ބޭއްވެވި ނިއުސް ކޮންފަރެންސެއްގަ އެވެ.
އިސްލާމިކް މިނިސްޓަރު ޝައިޚު ޝަހީމު ވިދާޅުވީ އަޤްޞާއާ ބެހޭ ކޮންފަރެންސްގައި މަތީ ފެންވަރުގެ އިލްމުވެރިން ބައިވެރި ވެވަޑައިގަންނަވާނެ ކަމަށާއި އެގޮތުން އަޤްޞާގެ މުފްތީ އަދި މަސްޖިދުލް އަޤްޞާގެ އިމާމު ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގެންފައި ވާނެ ކަމަށެވެ.
ކޮންފަރެންސް ބާއްވާނެ ތާރީޚަކާއި އެކޮންފަރެންސްގައި ބައިވެރިވާނީ ކޮންކޮން ބައެއްކަން ކަނޑައެޅުން ފަދަ ކަންތައްތައް ކަނޑައަޅައި، ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އިސްލާމިކް މިނިސްޓްރީއާއި ފަލަސްތީނު އެމްބަސީ ގުޅިގެން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމު އަދި ވިދާޅުވީ ކޮންފަރެންސްގެ ބޭއްވުމުގެ މަގުސަދަކީ އަޤްޞާ މިސްކިތުގެ މަތިވެރިކަމާއި މުހިއްމުކަން ފާހަގަކޮށް، މުސްލިމުންގެ ހިތްތަކުގައި އެ މިސްކިތަށް އޮންނަ ލޯބި އިތުރުކުރުން ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ހިތްތަކުގައި ވެސް އަދި އެހެން މުސްލިމުންގެ ހިތްތަކުގައި ވެސް މަސްޖިދުލް އަޤްޞާއަށް އޮންނަ ލޯބި އިތުރުކޮށް ދިރުވުން،" ޝަހީމު ވިދާޅުވި އެވެ.
ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރާއި ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި އެއްބަސްވެވަޑައިގެންފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ޤުދުސްގެ ޔުނިވަސިޓީގައި ދިވެހި ދަރިވަރުންނަށް ތައުލީމު ހާސިލުކުރެވޭނެ ފުރުސަތު ތަނަވަސްކޮށް ދިނުމާއި އަޤްޞާ މިސްކިތަށް ޒިޔާރަތްކުރުމުގައި ދިވެހިންނަށް ކުރިމަތިވާ ދަތިތައް ފިލުވައި ދިނުމާއި 10 މީހުން ހިމެނޭ ރާއްޖޭގެ ވަފުދެއް ޤުދުސްއަށް ގެންދިއުން ހިމެނެއެވެ.
ޤުދުސަށް ޒިޔާރަތްކުރާ 10 މީހުންގެ ވަފުދު އެކުލަވާލާނީ އިލްމުވެރިންނާއި ކިޔަވާކުދިންނާއި އާއްމުން އަދި ނޫސްވެރިން ހިމެނޭ ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ޑރ. މަޙުމޫދު އަލް ޙައްބާޝް ރާއްޖެ ވަޑައިގެންނެވީ އަމިއްލަފުޅަށް އިސްނަންގަވައިގެންނެވެ.