ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހުޅުވައިލައިގެން މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބާ އެޓޯލް ފުޓްބޯލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

މުބާރާތް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) ބުނީ، ބ. އަތޮޅަށް ހުޅުވާލައިގެން މިދިޔަ އަހަރު ތައާރަފުކުރި ބާ އެޓޯލް ފުޓްބޯލް ޗެލެންޖް މިއަހަރު ބާއްވަން ނިންމައިފައި ވަނީ ޖަމްބޭގެ އަމިއްލަ ފިހާރަ ޔޫ ސްޕޯޓްސްގެ އެހީއާ އެކު ކަމަށާއި އެގޮތުން މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު މިހާރު ވާނީ ހުޅުވާލައިފައި ކަމަށެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކަމަށް ޖަމްބޭ ބުންޏެވެ.

"މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ބައެއް ރަށްތަކުން މިހާރު ވެސް ޝައުގުވެރިކަން ފާޅުކޮށްފި. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުބާރާތުގައި ބައިވެރިވުމަށް އެދި ދައުވަތު ދޭނަން. މުބާރާތް އޮންނާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި." މިއަހަރުގެ ދިރާގު ދިވެހި ލީގުގައި ވީބީ އައްޑޫ އެފްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރުން ޖަމްބޭ ބުންޏެވެ.

ޖަމްބޭ ބުނީ، މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ބ. އަތޮޅުގައި ހުނަރުވެރި މޮޅެތި ޒުވާން ފުޓްބޯޅަ ކުޅުންތެރިން އުފައްދައި، ރާއްޖޭގެ ފަސްޓް ޑިވިޝަނުން އެ އަތޮޅުގެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަޕް ޓީމަށް ކުރީއަހަރަށް ވުރެ ރަނގަޅު ފައިސާގެ އިނާމް ދެވޭނެ ކަމަށް އޭނަ ބުންޏެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ބ އަތޮޅުގެ ހަ ރަށަކުން ވަނީ ބައިވެރިވެފަ އެވެ. އެފަހަރުގެ މުބާރާތުގައި ޕެނަލްޓީ ޖަހައިގެން އޭދަފުށީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ގޮއިދޫ އެވެ.

ބ. އަތޮޅު އޭދަފުއްޓަކީ ކޮންމެ އަހަރުކުވެސް ތަފާތު ފުޓްބޯޅަ މުބާރާތްތައް ބާއްވަމުން އަންނަ ފުޓްބޯޅައިގައި މުޅި ރާއްޖެއަށް ވެސް މަޝްހޫރު ރަށެކެވެ. އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ފުޓުބޯޅަ ޓީމަކީ ކުރީން ދިވެހި ފުޓުބޯޅައިގައި ވަރަށް ވިދާލި ޓީމެކެވެ. އެ ޓީމު ވަނީ ނުވަދިހައިގެ ކުރީކޮޅު ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ވާދައެއް ކޮށްފަ އެވެ. އަދި އޭދަފުށްޓަކީ މިހާރު ވެސް ދިވެހި ފުޓްބޯޅައިގައި މަތީ ފެންވަރުގެ އެތައް ކުޅުންތެރިންނެއް އެ ރަށަކަށް ނިސްބަތްވާ ރަށެކެވެ. އެގޮތުން އެރަށުން ވަނީ ފާއިތުވި އަހަރުތަކުގައި އަދި މިހާރު ވެސް ފުރަތަމަ ޑިވިޝަނަށް މޮޅު އެތައް ކުޅުންތެރިން ނެރެދީފަ އެވެ.


ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު ފާހަގަ ކޮށްލެވޭ އޭދަފުށީގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ނިއުގެ މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި މާޒިޔާގެ ޝާފިއު އަހުމަދު (ޝާފީ) އާއި ނިއުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި ބީޖީގެ މުހައްމަދު ޝައްފާޒު (ސައްޕޭ)ގެ އިތުރުން މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) ހިމެނެއެވެ.