ސްޕެއިން ޕްރިމޭރާ ޑިވިޝަންގައި ރެއާލް މެޑްރިޑާއި ލެވެންޓޭ ބައްދަލު ކުރި މެޗުގައި ލެވެންޓޭ ލަނޑެއް ކާމިޔާބު ކޮށްފައި ވަނިކޮށް ފަހަތުން އަރައި ފަހެއް އެކަކުން ރެއާލް މޮޅުވެއްޖެއެވެ.

ރެއާލް މެޑްރިޑްގެ ބާނަބިއު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު މެހެމާނުންގެ ޓީމުން ކާމިޔާބު ކުރީ މެޗުގެ 31 ވަނަ މިނިޓުގައި މިގުއެލް މިޝޭލް އަލްފޮންސޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އެހެން ނަމަވެސް އޭގެ ފަސްމިނިޓު ފަހުން ރެއާލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ގޮންޒާލޯ ހިގުއާއިން އެވެ. އަދި އޭގެ ތިން މިނިޓުފަހުން ރެއާލްއަށް ލިބުނު ޕެނަލްޓީއަކުން ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކަކާއެވެ. ރެއާލްއަށް އެ ކުލަބުގެ ތިންވަނަ ލަނޑު މެޗުގެ 84 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ކުރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި މެޗުގެ ބާކީ އޮތް ފަސް ވަރަކަށް މިނިޓު ތެރޭގައި ރެއާލްގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެސުޓް އޫޒިލްއެވެ.

ރޭގެ މެޗުން ފަސޭހަކަމާއެކު މޮޅުވެވުނު ނަމަވެސް ލީގު ތާވަލުގައި ރެއާލް އޮތީ ތާވަލުގެ ކުރީގައި އޮތް ބާސާއަށް ވުރެ 13 ޕޮއިންޓު ފަހަތުގައެވެ. އެހެން ނަމަވެސް އެކުލަބު އޮތީ ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވުރެ ހަތަރު ޕޮއިންޓު ކުރީގައެވެ.

ފައިދާ ތިން ލަނޑާއެކު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ތުރުކީގެ ގަލަތަސަރާއީއާ ރެއާލް ކުޅުމަށް ހަމަޖެހިފަވާ މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭގައެވެ. ރޭގެ މޮޅާއެކު ރެއާލްވަނީ ޗެމްޕިއަންސް ލީގުގެ އަވޭ މެޗަށް ފުރިހަމައަށް ތައްޔާރު ވެފައެވެ.