19 Oct 2010, 07:35
އަންނަ އަހަރުގެ ފެބްރުއަރީގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމާ މެދު ޑީއާރްޕީގެ އެއްވެސް ޝަކުވާއެއް މިހާރު ނެތް ކަމަށާއި ހަމައެކެނި މައްސަލައަކީ އައްޑު އަތޮޅަކީ އެއް ރަށުގެ ގޮތުގައި ގެޒެޓް ކޮށްފައިވާ މައްސަލަ ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސާ ބައްދަލު ކުރެއްވުމަށް ފަހު ކޮމިޝަންސްގެ އޮފީސް ކުރިމަތީގައި ހުންނަވައިގެން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ތަސްމީން ވިދާޅުވީ ކޮމިޝަންގެ މެންބަރުންނާ ބައްދަލު ކުރެއްވެވީ ރަށްތައް ގެޒެޓް ކޮށްފައި އޮތް ގޮތުން 75 ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވޭނެ ކަމަށް ހީފުޅުކުރެއްވިފައި އޮއްވައި އަންނަ އަހަރުގެ ފެބްރުއަރީ ފަހެއްގައި އިންތިހާބު ބާއްވަން ނިންމެވުމުން އެކަމަކުގެ ފަހަތުގައިވާ ސިއްރަކީ ކޮބައިތޯ ބެއްލެވުމަށް ކަމަށެވެ.
ތަސްމީން ވިދާޅުވީ ކޮމިޝަންގެ ރައީސާ ބައްދަލު ކުރެއްވުމުން އެކަން ރަނގަޅަށް ސާފުވެވަޑައިގެންފައިވާ ކަމަށާއި މިހާރު ތާރީހުގެ ޝަކުވާއެއް ނެތް ކަމަށެވެ.
"އަޅުގަނޑަށް (ކޮމިޝަނުން ވިދާޅުވެދެއްވި) ސަބަބުތައް ގަބޫލު ކުރެވޭ. މިހާރު ޑީއާރްޕީން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް، އައްޑޫގެ މައްސަލަ ފިޔަވައި،" ތަސްމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ތާރީހުގައި އިންތިހާބު ބޭއްވި ނަމަވެސް ތަނަވަސް އަޣުލައބިއްޔަތަކުން ޑީއާރްޕީން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.
ތަސްމީން ވިދާޅުވީ އައްޑު އަތޮޅަކީ ސީޓީއެއްގެ ގޮތުގައި ކަނޑައަޅައި ގެޒެޓް ކުރެއްވުމުން އެކަމާ ޑީއާރްޕީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި އެއީ ބޮޑު މައްސަލައެއް ކަމަށެވެ.
ތަސްމީން ވިދާޅުވީ މިހާރުގެ ނަތީޖާއަކަށް ވާނީ ހަ ރަށް ހިމެނޭ އައްޑު އަތޮޅުގައި އޮންނާނީ އެންމެ ރަށު ކައުންސިލަކާއި އަތޮޅު ކައުންސިލެއް ކަމަށާއި އެކަން ސަރުކާރުން ބަދަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ޑީއާރްޕީން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށާއި ސަރުކާރާ ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.
‹އަޅުގަނޑަށް ސަބަބުތައް ގަބޫލު ކުރެވޭ. މިހާރު ޑީއާރްޕީން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް، އައްޑޫގެ މައްސަލަ ފިޔަވައި›
"އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް އަޅުގަނޑުމެން ސަރުކާރުގައި ދަންނަނަވާނަން. އަދި އެކަމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ތަސްމީން ވިދާޅުވި އެވެ. "އަޅުގަނޑުމެނަށް އަޅުގަނޑުމެންގެ ގާނޫނީ ބޭފުޅުންނަށް ގަބޫލު ކުރެވެނީ ގާނޫނު އޮތް ގޮތުން މާލެ ފިޔަވައި އެހެން ސޓީއެއް ގާއިމު ކުރެވޭނީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ ގާއިމު ކުރެވުނީމާ އެ ތަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ތަންތަނުގައި ކަމަށް. އެހެންވީމާ މާލެ ފިޔަވައި އެހެން ސިޓީއެއް ގާއިމު ކުރުމުގެ ފުރުސަތެއް ގާނޫނަކު ނެތެ. އައްޑުއަކީ ސީޓީއެކޭ ވިދާޅުވިޔަސް ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމުގެ ބޭނުމަކަށް އެއްވެސް އެހެންތަނެއް އަދި ސިޓީއަކަށް ނުހެދޭނެ،"
ޕޯޓްސް ބިލްޑިން ކުރިމަތީގައި ތަސްމީން ނޫސްވެރިންނަށް އިންޓަވިއު ދެއްވަނިކޮށް އެތަނުގެ ކައިރިޔަށް މީހަކު ގޮސް ހުތުރު ބަހުން ތަސްމީނާ ދިމާ އަށް ހަޅޭއްލަވާއި ތަސްމީނަށް ވެރިކަން ލިބިވަޑައި ނުގަންނަވާނެ ކަމަށާއި ތަސްމީނަކީ ބޮޑު ދަރަނިވެރިއެއް ކަމަށް ގޮވައި ހުތުރު ބަހުން ތަސްމީނަށް މުހާތަބުކޮށްފައިވެ އެވެ. އެމީހާ ހަޅޭއްލެއްވެވި އިރު ތަސްމީން ހުންނެވީ އިންޓަވިއު ދެއްވުން ހުއްޓާލައްވައި އެމިހާއާ ދިމާއަށް ހިނިފުޅުވަޑުވައިގެންނެވެ. އެމީހާ އެތަނުން ދުރަށް ގެންދިޔައީ ޑީއާރްޕީގެ އޮފިޝަލުންތަކެކެވެ.