07 Apr 2013, 11:29
ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި މަޔޯކާ ބައްދަކުރި މެޗުގައި ބާސާގެ ފޯވަޑް ސެސް ފަބްރިގާސް ކާމިޔާބު ކުރި ހެޓްރިކާއެކު މަޔޯކާ އަތުން ފަހެއް ސުމަކުން ބާސާ މޮޅުވެއްޖެއެވެ.
ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ލަޔަންލް މެސީ ނެތްތަން ފޫބައްދައިދެމުން މެޗުގެ ފުރަތަމަ ލަނޑު ފަބްރިގާސް ކާމިޔާބު ކޮށްފައިވަނީ 20 ވަނަ މިނިޓުގައެވެ. އޭގެ ދެ މިނިޓުފަހުން އެލެކްޒިސް ސަންޗޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށް ބާސާގެ ނަތީޖާ ދެގުނައަށް އިތުރު ކޮށްފައެވެ. ބާސާގެ ތިންވަނަ ލަނޑު މެޗުގެ 37 ވަނަ މިނިޓުގައި ކާމިޔާބު ކުރީ ފަބްރިގާސްއެވެ. އަދި އޭގެ ދެމިނިޓުފަހުން ސަންޗޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަތަރެއް ސުމަކަށް ބަދަލުކޮށްފައެވެ. ފަބްރިގާސް އޭނާ މެޗުގައި ކާމިޔާބު ކުރި ތިންވަނަ ލަނޑު އަދި ބާސާގައި ހެދި ފުރަތަމަ ހެޓްރިކް ކާމިޔާބު ކުރީ ދެވަނަ ހާފުގެ ފުރަތަމަ މިނިޓުގައެވެ.
ރޭގެ މެޗުން ފަސޭހަ ކަމާއެކު ތާވަލުގެ ފުލުގައި އޮތް މަޔޯކާއަތުން މޮޅުވެ ލީގު ތާވަލުގެ އެއްވަނައިގައި 78 ޕޮއިންޓާއެކު ބާސާ އޮތީ، ތާވަލުގެ ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށްވުރެ 13 ޕޮއިންޓު ކުރީގައެވެ.
ލިވާ ޓްރާންސް ޕްލާންޓް ސާޖަރީއަކަށްފަހު ކުޅުމާ ދުރުގައި މަސްތަކެއް ހޭދަކުރުމަށްފަހު ރޭގެ މެޗުގެ 70 ވަނަ މިނިޓުގައި ބާސާގެ ތަރި އެރިކް އަބިދާލް ވަނީ ރޭގެ މެޗުގައި ކުޅެފައެވެ. އަބިދާލް އެނބުރި އައުމުން ބާސާގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ އެކަމާ ވަރަށްބޮޑަށް އުފާ ފާޅުކޮށްފައެވެ. އަދި ރޭގެ މޮޅަށްފަހު ފަބްރިގާސް ބުނީ ރޭގެ މެޗަކީ އަބިދާލް އަށްޓަކައި ހާއްސަކުރި މެޗެއްކަމަށެވެ.
ބާސެލޯނާއަށް ކުރިއަށް އޮތީ ޗެމްޕިއަންސް ލީގުގެ މެޗެކެވެ. ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ފްރާންސްގެ ޕީއެސްޖީއާ ބައްދަލުކުރާ މެޗު އޮންނާނީ ބުދަ ދުވަހުގެރޭގައެވެ. ފުރަތަމަ ލެގުގައި ފުރާންސްގައި ޕީސްއެސްޖީއާ އެކު ކުޅުނު މެޗުން 2-2 ކުން އެއްވަރުވި ނަމަވެސް އަވޭ ގޯލްގެ ގޮތުން ސެމީފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑީ ބާސާއަށެވެ.