07 Apr 2013, 11:27
މާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނެއްގެ ހާލު ސީރިއަސްވުމުން އިތުރުފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވާލައިފި އެވެ.
އިއްޔެރޭ 10:30 ހާއިރު ތަސްކަލޫސާ ކައިރީ ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު، އުމުރުން 24 އަހަރުގެ، ޒުވާނަކު ވަނީ އިއްޔެ ފަތިހު ސްރީލަންކާ އަށް ގެންގޮސްފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު ވިދާޅުވީ އަނިޔާ ލިބިފައިވަނީ އެމީހާގެ ބޮލަށް ކަމަށެވެ. އަދި އޭނާ ރާއްޖޭން ބޭރަށް ފޮނުވާލިއިރު ވަރަށް "ކްރިޓިކަލް" ކަމަށް ޒީނަތު ވިދާޅުވި އެވެ. ނަމަވެސް ބޮލަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ޒީނަތު ނުދެއްވައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ދެ ސައިކަލު ވެސް ދުއްވާން ތިބި ދެމީހުންނަށެވެ. އަދި އެ އެކްސިޑެންޓް ހިނގިއިރު ދެ ސައިކަލުގެ ވެސް ފަހަތުގައި މީހަކު އިން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ނަމަވެސް އެ ކްސިޑެންޓް ހިނގާން މެދުވެރިވީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެއެވެ. ފުލުހުން ބުނީ އެކަން ބަލަމުން އަންނަ ކަމަށެވެ.