ޅ.ކުރެންދޫން ފުރައިގެން އެއަތޮޅު އޮޅުވެލިފުއްޓަށް ދަތުރު ދިޔަ ކުރެންދޫ ސްކޫލްގެ ގާލް ގައިޑް ކުދިންތަކެއް ގޮވައިގެން ދަތުރު ދިޔަ ދޯންޏެއް ދިޔަވަމުން ދަނިކޮށް ސަލާމަތްކޮށްފި އެވެ.

ކުރެންދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ރަމީޒު ވިދާޅުވީ އެ ދޯނި ދިޔަވާން ފެށީ މިދިޔަ ހުކުރު ދުވަހު އެރަށު ސްކޫލްގެ 28 ގާލްގައިޑުންނާއި ސްކޫލްގެ ބައެއް ޓީޗަރުންނާއި ގައިޑްގެ އޮފިޝަލުންގެ އިތުރުން ބެލެނިވެރިންތަކެއް ގޮވައިގެން އެ އަތޮޅު އޮޅުވެލިފުއްޓަށް ދަތުރު ގޮސް އިއްޔެ ހަވީރު އެނބުރި ރަށަށް ދިޔަ މަގުމަތީގައި ކަމަށެވެ. އަދި އެވަގުތު އެ އެރަށުން ހަތަރު ދޯނި އެސަރަހައްދަށް ގޮސް އެކުދިން ސަލާމަތްކޮށްގެން ރަށަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" ދޯނި ދިޔަވާން ފެށުމާ އެކު އެދޯނި ވަނީ ކުރެންދޫ ކައިރީގައި އޮތް ފަޅުރަށެއް ކައިރިއަށް ވައްދާފައި، އެ ހާދިސާ ހިނގުމާ އެކު ކުރެންދޫން އެސަރަހައްދަށް ދިޔަ ހަތަރު ދޯނީގައި އެ ދޯނީގައި ތިބި މީހުންނާއި ކުދިން ސަލާމަތް ކުރީ، އެއަށްފަހު ދިޔަ ވަމުން ދޯނި ރަށަށް ގެންދިޔައީ ކޯސްޓްގާޑުގެ އެހީއާ އެކު،" ރަމީޒު ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ ވިދާޅުވީ އެހާދިސާ ހިނގުމާ އެކު އެސަރަހައްދަށް އެމްއެންޑީއެފްގެ ކޯސްގާޑު ދިއުމަށް ފުރި ކަމަށާއި ކޯސްގާޑު ދިޔަ އިރު ދިޔަވަމުން ދިޔަ ދޯނި"ޅޮސްއަލަފުށްޓަށް" ވައްދާފައިވާ ކަމަށެވެ. އެ ދޯނިން ދަތުރު ކުރި ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ނޫނީ އެހެން ހުރިހާ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ އަލީ ވިދާޅުވީ ދިޔަވަމުން ދިޔަ އެ ދޯނީގައި ސަލާމަތީ ވަސީލަތްތައް ނެތުމުގެ އިތުރުން އެދޯނި ދުއްވަން ހުރި ކައްޕިގެ ލައިސަންސް ވެސް ނެތް ކަމަށެވެ. އަދި އެ މައްސަލަ އެމްއެންޑީއެފާއި ކޯސްޓްގާޑާއި ފުލުހުން ބަލަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" ކޯސްޓްގާޑު ދިޔަ އިރު އެ ރަށުން އެހެން ދޯންޏެއް ވެސް އެސަރަހައްދުގައި ހަރަކާތްތެރިވޭ، އެ ދޯނީގައި ތިބި މީހުން ވަނީ އެރަށުން ދިޔަ ދޯންޏަށް ނަގައިފައި، ދިޔަވަމުން ދިޔަ ދޯނީގައި ސަލާމަތީ ވަސީލަތްތައް ހަމައަށް ނެތް، ދުއްވަން ހުރީވެސް ލައިސަން ނެތް ކައްޕި އެއް،" އަބްދުﷲ އަލީ ވިދާޅުވި އެވެ.

ދިގު މިނުގައި 60 ފޫޓުގެ އެ ދޯންޏަކީ ސަންޑެގެއް އަޅައިގެން ހަދާފައިވާސަފާރީއެއް ފާޑުގެ ދޯންޏެކެވެ. އެ ދޯނި އެ ސަރަހައްދުން ކުރެންދޫއަށް ގެންގޮސްފައިވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށުންނެވެ.