ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ބ. އަތޮޅު ތުޅާދޫ ވޯޓު ފޮއްޓެއް ނުބަހައްޓާ ކަމަށާއި ނަމަވެސް ވޯޓުގެ ނަތީޖާ އައި އިރު އެ ރަށުގެ ނަތީޖާ ވެސް އައި ކަމަށް ބުނެ އެ ޕްރައިމަރީގައި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ވާދަ ކުރައްވައިގެން ބަލިވެވަޑައިގަތް އުމަރު ނަސީރު ވިދާޅުވި ނަމަވެސް އެ ރަށުގައި ވޯޓު ފޮއްޓެއް ބެހެއްޓި ކަމުގެ ފުރިހަމަ ހެކި އެބަހުރި ކަމަށް ޕީޕީއެމްގެ އިންތިޚާބު ކޮމެޓީގެ މުގައްރިރު މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ބޭއްވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ޕްރައިމަރީގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވީ އެ މައްސަލަތައް ބަލާ ކޮމެޓީއަކީ ސުލޫކީ ކޮމެޓީ ކަމަށެވެ. ނަމަވެސް އެ ބޭފުޅުން އަމިއްލަ ހިތްހަމަޖެހުމަށް ޓަކައި އެ ދެކެވުނު ވާހަކަތަކާ ގުޅޭ ބައެއް ކަންކަން ބެއްލެވި އިރު އޭގެ ތެރެއިން ބައެއް ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"އެ މައްސަލަތައް ބައްލަވާނީ ސުލޫކީ ކޮމެޓީން. އެހެން ނަމަވެސް އަޅުގަނޑުމެން ކޮމެޓީގެ ފަރާތުން މި ބެލީ ބައެއް ބޭފުޅުން މީޑިއާތަކުގައި ވިދާޅުވެފައި ހުރި ބައެއް ކަންކަމާއި އުފައްދާފައި ހުރި ބައެއް ސުވާލުތައް އަޅުގަނޑުމެން އިތުރަށް ދިރާސާ ކުރީ. މިސާލަކަށް ދަންނަވާ ނަމަ ވޯޓޮ ފޮށި ނުބަހައްޓައޭ އެ ބުނާ ބ. އަތޮޅު ތުޅާދޫގައި ވޯޓޮފޮށި ބެހެއްޓިކަން އަޅުގަނޑުމެންނަށް ސާބިތު ހެކި ވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ ބ. ތުޅައިދު އަށް ވޯޓު ފޮށި ގެންދިޔައީ ވޯޓުލާން އޮތް ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އަދި ކުރީން އިއުލާނު ކޮށްފައިވާ ގޮތަށް ވޯޓު ފޮށި ބެހެއްޓީ ވެސް އެ ރަށު ސްކޫލްގައި ކަމަށެވެ.

އޭނާ ވިދާޅުވީ ޕްރައިމަރީގެ ވޯޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ބޮޑެތި ޝަކުވާތަކެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ތޮލާލް ވިދާޅުވީ ޖުމްލަ ހުށަހަޅާފައި ވަނީ ނުވަ ޝަކުވާ ކަމަށާއި އޭގެ ތެރޭގައި ހުރީ ވޯޓުލާން ދިޔަ ބައެއް މީހުންގެ ތެރޭގައި ލިސްޓުގައި ނަން ނެތިގެން ވޯޓު ނުލެވުނު މައްސަލަތަކެއް ކަމަށެވެ.

ތޮލާލް ވިދާޅުވީ އިންތިޚާބުގެ ކަންކަން ހިނގާ ދިޔަ ގޮތާ މެދު ދެ ކެނޑިޑޭޓުން ވެސް ހިތްހަމަޖެހޭކަން ހާމަ ކުރައްވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ އިންތިޚާބު ނިމިގެން ދިޔައީ ވަރަށް އިންސާފުވެރިކަމާއި އަދި ދެފުށް ފެންނަ ގޮތަށް ކަމަށެވެ.