07 Apr 2013, 09:38
ރާއްޖެއަކީ އިޖްތިމާއީ ގިނަ މައްސަލަތަކެއް ދިމާވެފައިވާ ގައުމެކެވެ. ރާއްޖޭގައި ތަފާތު އެކިއެކި ކުށްތައް އިންތިހާ ދަރަޖައަކަށް އިތުރުވަމުންދާއިރު އެކަމުގެ އެންމެ ބޮޑު ސަބަބަކަށްވެފައި ވަނީ ގާނޫނުތަށް ތަންފީޒް ނުކުރެވުމެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ އެކަންކުރާ މީހާގެ އިތުރުން ދުމުގެ އަސަރު ޖެހޭ މީހާގެ ސިއްހަތަށް ވެސް ބޮޑެތި ނޭދެވޭ އަސަރުތަކެއްކުރާނެ ކަމަކަށްވާ އިރު ދުންފަތުގެ އިސްތިއުމާލް ނުކުރާ މީހުންނަށް މިވޭތުވެދިޔަ ތަނުގައި ދުންފަތުގެ ދުމުގެ ސަބަބުން ދިމާވެގެންދިޔަ ދަތިތަކުން ސަލާމަތް ވުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ. އެ ފުރުސަތު ލިބިގެންދިޔައީ ބޭނުންހާތާކު ދުންފަތުގެ އިސްތިއުމާލް ނުކުރެވޭގޮތަށް ފާސްކުރި "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަނޑައެޅުމު"ގެ ގަވާއިދަށް މިއަހަރުން ފެށިގެން އަމަލުކުރަން ފެށުމާއި ގުޅިގެންނެވެ. އެގަވައިދަށް އަމަލުކުރަން ފެށުމާއި ގުޅިގެން އެގަވައިދު މަދު ދުވަސްކޮޅަކަށް ތަންފީޒުވި ނަމަވެސް މިއަދު މިފެންނަ މަންޒަރުތަކުން އެ ގަވައިދުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭބާވައޭ ސުވާލު އުފެދެ އެވެ.
"ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަނޑައެޅުމު" ގަވައިދުގައި ބުނާގޮތުގެ މަތިން ބޭނުންހާތާކު ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ކުށެކެވެ. އެގޮތުން މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކުގައްޔާއި ކެފޭ ރެސްޓޯރެންޓްތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ހުއްދަ ލިބެނީ ވަކި އުސޫލެއްގެ މަތިންނެވެ. އަދި އެ ގަވާއިދަށް ބޯނުލަބާ ފަރާތްތަކަށް ހަރުކަށި އަދަބުތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ. މިއަހަރު ފެށުމާ އެކު އެ ގަވައިދަށް އަމަލުކުރަން ފެށިއިރު އޭރު ފެނިގެން ދިޔައީ އެ ގަވައިދަށް ގިނަ ބަޔަކު ބޯ ލެނބި މަންޒަރެވެ. އެގޮތުން ކެފޭ ހޮޓާ ފަދަ ތަންތަނުގައި ވެސް ދުންފަތުގެ އިސްތިއުމާލް ކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ކުރެވިފައިވާ ތަންތަނުގައި އެކަން ކުރަމުންދިޔަ އިރު އެތަނަކީ ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ތަންތަންކަން އަންގައިދޭ ލިޔުންތައް ހުރި ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް އޭރު އެއްވެސް ގޮތަކަށް ނުކުރޭވެސް ބުނެވިދާނެ އެވެ. ނަމަވެސް މިހާރު ފެނިގެން ދަނީ އެހެން މަންޒަރެކެވެ.
މިއަދު ފެންނަ މަންޒަރުތަކައް ބަލާއިރު ގަވައިދާ ހިލާފަށް ދުންފަތުގެ އިސްތިއުމާލް ކުރާ ފަރާތްތަކާމެދު ފިޔަވަޅު ނޭޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މިހާރު އެ ގަވައިދު ވުޖޫދަށް ނާންނައިރު ފަދައިން ބޭނުންއިރަކު ބޭނުންތާކު ދުންފަތުގެ އިސްތިއުމާލް ކުރާތަނެވެ. އަދި ކެފޭ ހޮޓާ ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުމަށް ވަކިކޮށްފައި ހުރި ތަންތަން މިހާރު ނަގަމުންދާއިރު އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ގިނަ ބޯޑުތައް ވެސް ނެތޭ ބުނެވިދާނެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލްކޮށްގެން ޝަކުވާ ހުށައެޅި ނަމަވެސް އެކަން ވެސް ވަނީ ބޭކާރު ކަމަކަށެވެ. އުފެދޭ ސުވާލަކީ އެގާނޫނު ތަންފީޒުވުން ހުއްޓުނީބާވަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި އެ ގަވައިދު މިހާތަނަށް ތަންފީޒު ކުރުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަންފީޒީ އިދާރާތަކުން ކުރަން ޖެހޭ މަސައްކަތްތައް އެންމެ އަކަށީގެން ވާގޮތަކަށް ނުގެންދެވުން ކަމަށެވެ. އޭނާ ވިދާޅުވީ އެމުއައްސަސާގެ ފަރާތުން ބައެއް ކެފޭ ހޮޓާތައް ޗެކްކޮށް އެ ގަވައިދަށް އަމަލުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވާ ވަރަކަށް ހުދު އަޅުގަނޑުމެންގެ ސައިޑުން ވެސް މަސައްކަތެއް ކުރިއަކަށް ނުގެންދެވޭ، އަޅުގަނޑު ގަބޫލް ކުރެވެނީ އެކަންތައްތައް އަދި ހައްލުވެގެންދާނެ ކަމަށް، އަޅުގަނޑުމެން މިހާރު ވެސް މިދަނީ އެ ގަވައިދު ތަންފީޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން،" ހަސަން މުހައްމަދު ވިދާޅުވި އެވެ.
އެ ގަވައިދަށް އަމަލުނުކުރާ ފަރާތްތައް ޖޫރިމަނާކުރުމުގެ ބާރު ފުލުހުނަށް ލިބިދޭ އިރު ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓުރޯލް އަށް ވަނީ އެ ގަވައިދާ ހިލާފްވާ ކެފޭ ރެސްޓޯރެންޓަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ލިބިފަ އެވެ. އަދި އާންމުތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ ސަރަހައްދުތައް ވަކިން އެނގޭނެ ގޮތަށް ބޯޑް ހަރުކުރުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. ހަސަން މުހައްމަދު ވިދާޅުވީ އެ ގަވައިދަށް އަމަލުނުކޮށްގެން ފުލުހުން އެއްވެސް ފަރާތެއް ޖޫރިމަނާކޮށްފައިވާކަން މިހާތަނަށް އެނގެން ނެތް ކަމަށެވެ. އަދި ޖޫރިމަނާ ކުރުމަށް ބޭނުންވާނެ ހުރިހާ ލިޔެކިޔުން ފަދަ ތަކެތި ފުލުހުނަށް ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ގަވައިދު ތަންފީޒް ކުރުމުގައި ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތު އެކައުންސިލް އިންވެސް ނުއުފުލާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ގަވައިދު އިސްލާހުކޮއްގެން ނަމަވެސް އެ ގަވައިދު ތަންފީޒް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ގަވައިދު ބުނާ ގޮތުން ނަމަ މީހުން ވަދެ ނުކުމެވާދޮރާށިތަކާއި ސަރުކާރުގެ ހުރިހާ އިދާރާތަކާއި މުސްކުޅިން ބަލަހައްޓާ ތަންތަނާއި އެތާގައި އޮންނަ ހާމަ ބިންތަކާއި ކުޑަ ކުޑަކުދިންގެ ޕާކްތަކާއި އެކުދިން އާންމުކޮށް މުނިފޫހިފިލުވުމަށް ގޮސް އުޅޭ ތަންތަނާއި ފެރީތަކާއި ފެރީ ޓާމިނަލްތަކުގަޔާއި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ތެރެއިން އެއާކޯން ކޮށްފައިވާ ތަންތަނާއި ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރެންޓްގެ އިތުރުން ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެ ގަވާއިދުގައި މަނާކޮށްފައިވާ އަދި އެއާ ހިލާފަށް އަމަލުކޮށްފި ނަމަ އަދަބުލިބޭ ކަންކަމެވެ. ނަމަވެސް ހިތާމައަކީ ގަވައިދުގައި ކިތަންމެ ރީތިކޮށް ސާފްކޮށް އެންމެންގެ ފައިދާއަށް ޓަކައި އެގޮތަށް ލިޔެފައިވީ ނަމަވެސް އެކަންތައްތައް ތަންފީޒު ނުކުރެވޭތީ އެވެ.
މާލެ ސިޓީ ކައުންސިލްގައި ހިމެނޭ ޑީއާރްޕީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އެގަވައިދަށް އަމަލުކުރުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލްއިން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްފައިވާ ކަމަށެވެ. އަދި އެ ގަވައިދަށް އަމަލުކުރަންފެށިތާ ފުރަތަމަ ދުވަސްވަރު އެ ގަވައިދަށް މީހުން ވަރަށް ރަނގަޅަށް އަމަލުކުރަން ފެށި ކަމަށާއި މިހާރު އެގަވައިދަށް އަމަލު ނުކުރަނީ ފުލުހުންގެ ޒިންމާއެއް ކަމަށްވާ ޖޫރިމަނާ ނުކުރާތީ ކަމަށް ސުޖާއު ވިދާޅުވި އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަޑައެޅުމުގެ ގަވައިދުގެ ދަށުން މީގެ ކުރިން ދުންފަތުގެ އިސްތިއުމާލް ކުރެވޭހާ މިނިވަންކޮށް އެ ކަންކުރުމަށް ހުރަސްތަކަކާ ކުރިމަތިވުމުން އެކަމަކީ ދުންފަތުގެ އިސްތިއުމާލްކުރާ ފަރާތަކުން ހިތްހަމަނުޖެހޭ ކަމަކަށް ވެގެނެއް ނުވާނެ އެވެ. ސަބަބަކީ އެ ގާނޫނުގެ ދަށުން ދުންފަތުގެ ބޭނުންތާކު ދުންފަތުގެ އިސްތިއުމާލް ނުކުރެވުނު ނަމަވެސް ދުންފަތުގެ އިސްތިއުމާލް ކުރުމަށް ހުރަސް ނާޅާތީ އެވެ. އަދި ހަމައެހެންމެ އެ ގަވައިދުގެ ސަބަބުން ދުންފަތުގެ ދުމުން ސަލާމަތް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެން ދިއުމަކީ އެގަވައިދުގެ މުހިންމުކަން ހާމަވާ ހެއްކެކެވެ. ނަމަވެސް ހިތާމައަކީ މިފަދަ ގިނަގުނަ ގަވައިދުތަކެއް ގާނޫނުތަކެއްގެ ދަށުން އައި ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ އެ ގާނޫނުތަކާއި ގަވައިދުތައް ރާއްޖޭގައި ތަންފީޒް ނުވާތީ އެވެ. އަދި އެކަމުގެ ނޭދެވޭ އަސަރު ދަނީ އާންމުންނަށް ވަރަށް ވެސް ބޮޑަށް ކުރަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް ވިދާޅުވި ގޮތުގައި "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަޑައެޅުމު"ގެ ގަވާއިދަށް އަމަލުނުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަލު އެޅުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމަށް އެ މުއައްސަސާއިން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
"ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަނޑައެޅުމު،" ގަވައިދުގައި އެންމެހާ ފަރާތްތަކެއްގެ ފައިދާ އަށް ޓަކައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ތަންތަނާއި އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުމުން އަދަބު ދޭނެ ކަމަށް ބުނެފައިވީ ނަމަވެސް މިއަދާ ހަމައަށް ކަންތައްތައް ހިނގާފައި އޮތް ގޮތުން އެ ގަވައިދަކީ ކުރިއަށް އޮތް ތަނުގައި ތަންފީޒްނުވެ ބޭކާރު ގަވައިދަކަށް ވެގެންގޮސް އެފިކަސީ ގެއްލިފައިވާ ގަވައިދަކަށްވުން ދުރެއް ނޫނެވެ. ހުރިހާ ވެސް މައްސަލައަކީ އެގާނޫނުގައިވާ އަދަބުތައް ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ތަންފީޒް ނުކުރެވުމެވެ.