07 Apr 2013, 09:20
ވޮޝިންޓަން (އެޕްރީލް 7): އެމެރިކާ ތަޖްރިބާކުރަން ރާވާފައިވާ ދުރުރާސްތާގެ މިސައިލެއް ތަޖްރިބާކުރުން އުތުރުކޮރެޔާގެ ހަނގުރާމައިގެ އިންޒާރުތަކާގުޅިގެން ފަސްކޮށްފި އެވެ.
މިކަން ކަށަވަރުކޮށް ދެއްވަމުން އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންގެ މަސްއޫލުވެރިއަކު ވިދާޅުވީ ކެލިފޯނިޔާގައި ކުރުމަށް ހަމަޖެހިފައިވާ މިމިސައިލް ތަޖްރިބާ ކުރުން ލަސްކޮށްލީ މިތަޖްރިބާގެ ސަބަބުން ކޮރެޔަން ޕެނިންސިއުލާގެ މަސްރަޙް އިތުރަށް ގޯސްވެ މިތަޖްރިބާގެ ސަބަބުން އުތުރުކޮރެޔާ އަށް ނުބައި މެސެޖެއް ދެވިދާނެކަމުގެ ބިރަށެވެ. މިމިސައިލް ތަޖްރިބާކުރުން ލަސްކުރުމުގެ އަމުރު ނެރުއްވީ އެމެރިކާގެ ދިފާޢީ ވަޒީރު ޗަކް ހެގްލް ކަމަށްވެ އެވެ. ހެގްލް މިގޮތަށް ނިންމެވީ މަސްލަޙަތަށާއި ބައިނަލްއަޤްވާމީ އަމްނާއި ސުލްޙައަށް ރިޢާޔަތް ކުރެއްވުމަށްފަހުގައި ކަމަށް ވެސް ނަން ހާމަކުރައްވަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.
"މިނުޓްމެން 3"ގެ ނަމުން ނަންދީފައިވާ މިމިސައިލަކީ މާކުރިއްސުރެ ވެސް ތަޖްރިބާކުރަން އެމެރިކާ ރާވާފައިވާ މިސައިލެއް ކަމަށް ޕެންޓަގަން އިން ބުނެ އެވެ. އުތުރުކޮރެޔާ މިފަހަކަށް އައިސް އެމެރިކާއަށާއި އެމެރިކާގެ ބައިވެރިޔާ ދެކުނު ކޮރެޔާ އަށް ދެމުން ގެންދާ ހަނގުރާމައިގެ އިންޒާރުތަކާގުޅިގެން ކޮރެޔަން ޕެނިންސިއުލާ ސަރަޙައްދަށާއި އެމެރިކާއަށް ވެސްވަނީ ނުތަނަވަސްކަން ވެރިވެފަ އެވެ.
އުތުރުކޮރެޔާގެ ސިފައިންގެ އެންމެ މަތީ ކޮމާންޑުން އިއްޔެ ބުނެފައި ވަނީ ނިއުކްލިޔާ ހަތިޔާރުން އެމެރިކާ އަށް ޙަމަލާދިނުމުގެ ރަސްމީ ހުއްދަ އެގައުމުގެ އެންމެމަތީ ލީޑާޝިޕުން މިހާރު ލިބިފައިވާ ކަމުގަ އެވެ. ނަމަވެސް އިތުރު ތަފްސީލެއްނުދެ އެވެ. އުތުރުކޮރެޔާގެ އިންޒާރުތަކާ ގުޅިގެން އެމެރިކާއިން ވަނީ މިސައިލް އައްޑަނައިގެ ނިޒާމެއް ގުއާމްގައި ރުކުރުވާލާފަ އެވެ. އަދި ނިއުކްލިޔާ ބޮން އަޅަންބޭނުންކުރާ ޒަމާނީ މަތިންދާބޯޓާއި ޢަސްކަރީ މަނަވަރުތައް ވެސް އެމެރިކާ ވަނީ ދެކުނު ކޮރެޔާއަށް ފޮނުވާފަ އެވެ. އުތުރުކޮރެޔާ އިން އެންމެ ފަހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެގައުމުގައި ތިބި ބޭރުގެ ޑިޕްލޮމޭޓުންގެ އާއިލާތައް ވެސް އެގައުމުން ބޭލުމަށް ބޭރުގައުމުތަކަށް ނަސީޙަތްތެރިވެފަ އެވެ. ނަމަވެސް އުތުރުގެ މިއިންޒާރުތަކަކީ ހަނގުރާމައެއް ފެށުމުގެ ޢަމަލީކަމެއްނޫން ކަމަށް އެމެރިކާ ވެސް ދެކެ އެވެ.
ވައިޓް ހައުސްއިން ބުނެފައި ވަނީ އުތުރުކޮރެޔާގެ އިންޒާރުތަކާއެކު ވެސް ކޮރެޔަން ޕެނިންސިއުލާގައި ހަނގުރާމައެއް ފެށުމުގެ ފުރްސަތު ކުޑަކަމުގަ އެވެ. އުތުރުކޮރެއާ އަށް ނުބައި މެސެޖެއް ދެވިދާނެ ކަމުގެ ބިރަށް ކުރިން ރާވާފައިވާ މިސައިލް ތަޖްރިބާއެއް ލަސްކޮށްލުމަށް އެމެރިކާ ނިންމި ނިންމުމަކީ މަސްރަޙު ހޫނުކުރަން އެމެރިކާ ބޭނުންނުވާ ކަމުގެ ހެއްކެތް ކަމަށް މުރާސިލުން ސިފަކުރެ އެވެ. (ނޫސްއެޖެންސީތއް)