07 Apr 2013, 09:14
އަލްމާއަތާ (އެޕްރީލް 7): ކަޒަޚިސްތާނުގައި މިދިޔަ ހުކުރު ދުވަހު ފެށުނު އީރާނުގެ ނިއުކްލިޔާ ވާހަކަތަކުގެ ދެ ވަނަ ބުރުވެސް ނާކާމިޔާބުވެގެން އިއްޔެ ނިމިއްޖެ އެވެ.
ދުނިޔޭގެ ބޮޑު ފަސްބާރާއި ޖަރުމަނުވިލާތް ހިމެނޭ 5+1 ގްރޫޕާއި އީރާނާ ދެމެދު ކުރިޔަށްދިޔަ މިވާހަކަތައް ނާކާމިޔާބުވީ އީރާނުން ކުރިޔަށްގެންދާ ޔޫރޭނިޔަމް ފައްކާކުރުމުގެ މައްސަލަ ޙައްލުކުރުމަށް އެގައުމުން ހުށަހެޅި ހުށަހެޅުން ގަބޫލުކުރުމަށް އެގްރޫޕްގައި ހިމެނޭ ހުޅަނގުގެ ބާރުތަކުން ދެކޮޅު ހެދުމުން ކަމަށް މި ވާހަކަތަކުގައި ބައިވެރިވި އީރާނުގެ ވަފްދުގެ ވެރިޔާ ސަޢީދުޖަލީލީ ވިދާޅުވި އެވެ.
މިވާހަކަތައް ނާކާމިޔާބުވުމަށް ފަހު ކަޒަޚިސްތާނުގެ ޔުނިވަރސިޓީއެއްގައި ތަޤްރީރުކުރައްވަމުން ޖަލީލީ ވިދާޅުވީ އީރާނުގެ ނިއުކްލިޔާ ޙައްގުތަކަށް ހުޅަނގުން އިންކާރުކޮށް އަދި އީރާނުގެ ނިއުކްލިޔާ މައްސަލަ ސިޔާސީ ކަމަކަށް ހަދާ ނަމަ މިމައްސަލަ ދުވަހަކު ވެސް ޙައްލުނުވާނެ ކަމުގަ އެވެ. އިއްޔެގެ ވާހަކަތައް ފެށުނީ އީރާނުގެ މަސްއޫލުވެރިޔާ ސަޢީދު ޖަލީލީއާއި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ކެޓްރިން އެޝްޓަންގެ ބައްދަލުވުމަކުންނެވެ.
5+1 ގްރޫޕްގައި ހިމެނޭ ހުޅަނގުގެ ބާރުތައް ތުހުމަތުކުރާގޮތުން ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް އީރާނުން ކުރިޔަށް ގެންދަނީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ބޭނުމުގަ އެވެ. ނަމަވެސް އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމުގެ އެއްވެސް ހެއްކެތް ހުޅަނގުގެ ބާރުތަކަށް މިހާތަނަށް ދެއްކިފައެއްނުވެ އެވެ. އީރާން ބުނާ ގޮތުން ޔޫރޭނިޔަމް ފައްކާކުރުމަކީ ސުލްޙަވެރި ގޮތުގައި ނިއުކްލިޔާ ހަކަތަ ބޭނުންކުރުން ހުއްދަކުރާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޕްރޮޓެކޯލްތަކުގެ ދަށުން އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް އެގައުމަށް ވެސް ލިބިގެންވާ ހައްޤެކެވެ. ނަމަވެސް ހުޅަނގުގެ ބާރުތަކުން ގެންދަނީ އީރާނުގެ މިޙައްޤަށް އިންކާރުކުރަމުންނެވެ.
ޔޫރޭނިޔަމް ފައްކާކުރުމުގެ މައްސަލާގައި އީރާނުން އައު ހުށަހެޅުންތަކެއް ހުށަހަޅާފައިނުވާ ކަމަށް ހުޅަނގުގެ މަސްއޫލުވެރިއަކު އިއްޔެ ވިދާޅުވި ނަމަވެސް މިވާހަކަތަކުގައި ބައިވެރިވާ ރަޝިޔާގެ ވަފްދުގެ މަސްއޫލުވެރިއަކު ވިދާޅުވީ އިންޓަނޭޝަނަލް އެޓަމިކް އެނަޖީ އެޖެންސީން ސާފުކުރަން ބޭނުންވެފައިވާ އެތަށް ކަމެއް އިއްޔެވަހަކަތަކުގައި އީރާނުން ސާފުކޮށްދީފައިވާ ކަމުގަ އެވެ. އަދި ޔޫރޭނިޔަމް ފައްކާކުރުމުގެ މައްސަލާގައި ވެސް އައު ހުށަހެޅުމެއް އީރާނުން ހުށަހަޅާފައިވާ ކަމުގަ އެވެ. (ނޫސްއެޖެންސީތައް)