އެކުގައި އުފާވެރިކަމާއި އެކު ލޯބިލޯބި ހަޔާތެއް ވެއަތުކުރާން ބޭނުންވާ ނަމަ ދެ ބައިވެރިންގެ ވެސް އެކަކު އަނެކަކަށް ޓަކައި ކަންތައްތަކެއް ލިބިގަންނަން ޖެހެ އެވެ. އަދި ހަމަ އެހެންމެ ބައިވެރިޔާ އަށް ޓަކައި ކަންތައްތަކެއް ގުރުބާން ވެސް ކުރާން ޖެހެ އެވެ. މި ދެބައިގެ ބޭރުން ވެސް ބައިވެރިޔާ ނޭދުނަސް ތިބާގެ ފުށުގައި ހުރުން ކަމު ނުދާ ސިފަތަކެއް ހުރެ އެވެ. އެ ފަދަ ސިފަތަކުގެ ސަބަބުން ނުވަތަ ކަންތައްތަކުގެ ސަބަބުން ބައިވެރިޔާ ފޫހިވެ އެވެ. މި ފަހަރު މި ގެނެސްދެނީ މި ގޮތުން ފިރިހެންވެރިން ކޮންމެހެން ވެސް ދޫކޮށްލުން މުހިންމު ބައެއް ކަންތައްތަކެވެ.

1. ބައިވެރިޔާގެ ވާހަކަތައް ކަނުލައި އަޑުއަހާ މީހަކަށް ނުވުން
ދިރާސާތަކުން އެނގިފައިވާ ގޮތުގައި ފިރިހެނުންގެ ކިބައިގައި ހުންނަ އަންހެނުން އެންމެ ފޫހިވާ އެއް ސިފަ އަކީ އަންހެން މީހާ ދައްކާ ވާހަކަ ރަނގަޅަށް އަޑު ނޭހުމެވެ. ދެ މީހުން އެކުގައި ތިބެގެން ކުރިން ދުވަހަކު ދެއްކި ވާހަކައެއް އަލުން މުރާޖަޢާ ކުރާ އިރު ނުވަތަ އަލުން ދައްކާ އިރު، ފިރިހެން މީހާ ޢާންމު ގޮތެއްގައި ހަނދާން ހުންނާނީ އެ ދުވަހު އަންހެން މީހާ ދެއްކި ވާހަކައިގެ ފަހު ބައެވެ. މިހެން ދިމާވާ މައިގަނޑު ސަބަބަކީ ދެމީހުން ވާހަކައެއް ދައްކާ އިރު، ފިރިހެންމީހާގެ ސަމާލުކަން ގިނަ ފަހަރަށް އަންހެންމީހާ އަށް ނުހުންނާތީ އެވެ. ފިރިހެން މީހާގެ ސަމާލުކަން ހުންނަނީ ވަށައިގެން ހިނގާ ކަންތައްތަކަށެވެ. ނުވަތަ ކޮންމެވެސް އެހެން ކަމަކަށެވެ. އެކަމަކު ވެސް އިންނާނީ ނިކަން އަޑު އަހާ ކަމަށް ހެދިގެނެވެ. ފިސާރި ބޯވެސް ޖަހާނެ އެވެ. ހޫން ހޫން ވެސް ކިޔާނެ އެވެ. އެކަމަކު އެއީ އަދި އަންހެން މީހާ ދައްކާ ވާހަކަތަކަށް ހަގީގަތުގައި ސަމާލުކަން ދޭތީއެއް ނޫނެވެ.

2. ތުނބުޅި ބާލާ އިސްތަށިން ތަން މުޑުދާރުކުރުން
މިކަން މިވަރަށް ބުނެލުމުން ގިނަ ފިރިހެނުންނަށް އެނގޭނެ އެވެ. މި ނޫން ގޮތަކަށް މިކަން ކުރާ ފިރިހެނުން މަދު ކަމަށް ގިނަ އަންހެނުން ބުނެ އެވެ. އަދި ހަމަ އެހެންމެ ދިރާސާތަކުން ވެސް އެނގެ އެވެ. އާންމު ގޮތެއްގައި ފިރިހެނުން ތުނބުޅި ބާލަނީ ފާޚާނާގެ މޫނު ދޮންނަ ތަށި ކައިރީގަ އެވެ. އެ އިސްތަށިތައް ފައިބާނީ މޫނު ދޮންނަ ތަށި ތެރެ އަށެވެ. ބައެއް ފިރިހެނުން ސާފުކޮށްލަން ފެން ވެސް ބުރުއްސައިލާނެ އެވެ. އެކަމަކު ސާފުވިތޯ ބަލައެއް ނުލާނެ އެވެ. ގިނަ އަނެހެނުން ބޭނުންވަނީ ފިރިހެނުން ތުނބުޅިބާލައިގެން ރީތިކޮށް ތިބޭށެވެ. އެހެން ނަމަވެސް އެކަން ސާފުތާހިރުކަމާއި އެކު ކުރާށެވެ. މުޅި ތަނަށް އިސްތަށި ބުރުވާފައި ހުރީމާ ކަމަކު ނުދާނެ އެވެ.

3. ޒިނާންތެރިކަމަށް ސަމާލުކަން ނުދިނުން
ދިރާސާތަކުން އެނގި ސާބިތުވާ ގޮތުގައި އަންހެނުން ފިރިހެނަކު އިޚުތިޔާރު ކުރާ އިރު، ފިރިހެނުންގެ ހެއާ ސްޓައިލް އާއި، ހެދުން ލައި އުޅޭ ގޮތާއި އަރާފައި ހުންނަ ބޫޓު ނުވަތަ ފައިވާނަށް ދާންދެން ބަލަ އެވެ. ހެދުން ލުމާއި ޒީނަތްތެރިވުމުގައި އަންހެން މީހާ ގަޔާވާ ކުލަތައް ބޭނުން ކުރެވޭ ނަމަ ކާމިޔާބު ވާލެއް އަވަސް ވާނެ އެވެ. މިސާލަކަށް އަލަށް ދެމީހުން ބައްދަލުވާ އިރު ލުމަށް އެންމެ އެކަށީގެންވާ އެއް ކުލަ އަކީ ކަޅު ކުލަ އެވެ. އޮޅިގެން ނަމަވެސް ޕިންކް ކުލަ ލައިގެން ނުދައްޗެވެ. އޭރުން ނުބައި މާނައެއް ނެގުން ވެސް އެކަށީގެންވެ އެވެ. ގައިން މީރުވަސް ދުވުމަކީ ކޮންމެހެން ވެސް މުހިންމު ކަމެކެވެ. އެހެން ކަމުން މީރުވަސް ދުވާ ސެންޓު އަދި އެ ނޫންވެސް ކޮސްމެޓިކްސް އަބަދުވެސް ބޭނުން ކުރާށެވެ.

4. ނުދަންނަ މީހުނާ މެދު ގޯސްކޮށް މުޢާމަލާތް ކުރުން
ބައެއް ފިރިހެނުންގެ ކިބައިން ފެންނަ އަންހެނުން ވަރަށް ގަޔާ ނުވާ ސިފަ އެކެވެ. ބައެއް އަންހެނުން އެ ވަގުތުގައި އެކަން ހާމަ ނުކޮށްފާނެ އެވެ. އާންމު ގޮތެއްގައި މި ހާލަތު އެންމެ ގިނައިން މެދުވެރިވާނީ ދެމީހުން އެކުގައި ރެސްޓޯރެންޓެއް ފަދަ ތަނަކަށް ގޮސް އުޅޭ އިރު އެވެ. އެ ތަނުގައި ޚިދުމަތް ދޭން ތިބޭ ވެއިޓަރުން ފަދަ މުވައްޒަފުންނާ މެދު އިހާނެތިކޮށް މުއާމަލާތް ކުރުމަކީ ވަރަށް ގިނަ ފަހަރަށް ދިމާވާ ކަމެކެވެ. ދެފަހަރަކު އެކައްޗެއް އަހައިލައިފި ނަމަ ރުޅި އައިސްގެން ބަވައިގަތުން ފަދަ ކަންތައްތައް ވެސް ބައެއް ފިރިހެނުންގެ ފަރާތުން ފެނެ އެވެ. ފިރިހެނުން މިހެން ކަންތައް ކުރަނީ ކޫލް ވާން ވެގެން ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ ބައިވެރިޔާގެ ކުރިމަތީގައި މޮޅުވާން ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު ގަބޫލު ކުރާށެވެ. މި ފަދަ އަމަލުތައް އަންހެން ވެރިން ކޫލް ކަންތައްތަކުގެ ގޮތުގައި ބަލައެއް ނުގަނެ އެވެ. އަދި އެއީ އެ މީހުން ދެކޭ ގޮތުގައި މާ މޮޅު ކަމެއް ވެސް ނޫނެވެ. ފިރިހެނާގެ މި ފަދަ އަމަލުތަކުގެ ސަބަބުން އަންހެނުން ލަދު ގަނެ އެވެ. އަދި ފިރިހެން މީހާ އަކީ މީހުނަށް އިހުތިރާމާއި ގަދަރު ނުކުރާ މީހެއްގެ ގޮތުގައި ދެކެވެން ފަށަ އެވެ. އެންމެ ރަނގަޅު ގޮތަކީ ނުދަންނަ މީހުނާ މުޢާމަލާތް ކުރާ އިރު ވެސް މަޑުމައިތިރި ކަމާއި ހިތްހެޔޮ ކަމާއި އެކު ވާހަކަ ދެއްކުމެވެ. އޭރުން އަންހެން މީހާގެ ކުރިމަތީގައި ފިރިހެންމީހާގެ ގަދަރު އުފުލޭނެ އެވެ.

5. ދެމީހުންގެ ޕްރައިވެޓް ވަގުތުގައި މޯބައިލް ފޯނު ބޭނުންކުރުން
ފޯނަކީ ދެ މީހުންވެސް ބޭނުންކުރާން ޖެހޭނެ އެއްޗެއް ކަމަށް ގަބޫލު ކުރަމާ ހިނގާށެވެ. މިއަދުގެ މުޖުތަމައުގައި މަސައްކަތުގެ މާހައުލާއި އެ ނޫން ވެސް ކަންކަން ހުރި ގޮތަށް ބަލާ އިރު، ފޯނާއި ނުލައި އުޅުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ. އަދި އެހެން އުޅެން ދިމާކޮށްފި ނަމަ ކޮންމެ ފަދަ ގެއްލުމެއް ވެސް ލިބިދާނެ އެވެ. އެހެން ނަމަވެސް ބައިވެރިޔާ އާއި އެކު ހޭދަ ކުރާ ވަގުތު ތަކުގައި މުހިންމު ބޭނުމެއްގައި ނޫނަސް ފޯނު ބޭނުން ކުރުމަކީ ވަރަށް ގިނަ ފިރިހެނުންގެ އާދަ އެކެވެ. އެއް ބަޔަކު ގޭމް ކުޅޭނެ އެވެ. އަނެއް ބަޔަކު ޓުވީޓާގައި ނުވަތަ ފޭސް ބުކުގައި ތިބެފާނެ އެވެ. ރައްޓެހިންނަށް މެސެޖު ކުރުމުގަ އާއި އިންސްޓަގަރާމަށް ފޮޓޯ ލާން ވެސް އެއް ބަޔަކު ފޯނުގައި ތިބެފާނެ އެވެ. މި ވަގުތުގައި އެއްކަލަ އަންހެން ކުއްޖާ އިންނާނީ "ވައި" ވެފަ އެވެ. ފިރިހެނުން ނިކަން ވިސްނަމާ ހެއްޔެވެ. ދެމީހުން އެކުގައި ރޭގަނޑުގެ ކެއުމަކަށް ގޮސް މުޅި ރޭ އެއްކޮށް އަންހެން ކުއްޖާ ފޯނުން ސަލާމަތް ނުވެގެން އުޅޭ ނަމަ އުނދަގުލެއް އަޅެ ނުވާނެ ހެއްޔެވެ؟

6. ގަޑިއަށް ކަމޭ ނުހިތުން
ދިރާސާތަކުން އެނގޭ ގޮތުގައި ގަޑިއަށް ކަމޭ ނުހިތުމަކީ އަންހެނުން ވަރަށް ފޫހިވާ ކަމެކެވެ. އަންހެން ކުއްޖާ އާއި ބައްދަލުވާން ވަގުތު ހަމަޖައްސާފައި އޭގެ އެއްގަޑި އިރު ފަހުން ހާޒިރު ވުމަކީ ބައެއް ފިރިހެނުންގެ އާދައެކެވެ. އެ ވަގުތު އަންހެން ކުއްޖާ ކޫސަނި ޝަކުވާއެއް ކޮށްލުން ފިޔަވައި އެހެން މާބޮޑު ކަމެއް ނުކޮށްފާނެ އެވެ. އެކަމަކު ފިރިހެނުން ގަބޫލު ކުރާށެވެ. ގަޑިއަށް ފަރުވާތެރި ނުވުމަކީ އަންހެނުން ދެކޭ ގޮތުގައި ފިރިހެނުންގެ ޒިންމާދާރުކުޑަކަން ދައްކައިދޭ ކަމެކެވެ. އަދި ހަމަ އެހެންމެ އެގޮތަށް ފިރިހެނުން އަމަލު ކުރަނީ އަންހެން ކުއްޖާ އަށް ގަދަރު ނުކުރާތީ ކަމަށް ވެސް އަންހެނުން ގަބޫލު ކުރެ އެވެ. ވީމާ، ޒަރޫރީ ސަބަބަކާ ހުރެ ގަޑިއަށް ނުދެވޭ ނަމަވެސް، އެކަން ކުރިޔާލާ އަންގައިލުމަށް އާދަ ކުރާށެވެ. މި މޯބައިލް ޒަމާނުގައި މީ ފިސާރި ފަސޭހަ ކަމެކެވެ.

ފިރިހެނަކަށްވެ ހުރެ މަށަށް މިހާރު ވެސް މާ ގިނަ ވާހަކަދެއްކިއްޖެ އެވެ. އަހަރެން ވެސް ބައިވެރިޔާ އެދޭ ފަދަ ފިރިހެނަކަށް ވާން ބޭނުން ނަމަ ޖެހޭނީ މިކަންކަން ފުރިހަމަ ކުރާށެވެ.