19 Oct 2010, 07:27
ވަޒީރުންގެ މަޖިލީހާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ގޮތުން "އުނބަށް ޖެހި ވަޒީރުން"ގެ ނަމުގައި ޑީއާރުޕީން މިރޭ މުޒާހަރާއެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ޑީއާރުޕީގެ ނައިބުލީޑަރު އިބްރާހިމް ޝަރީފް ސަން އެފްއެމް އޮންލައިނަށް ދާދި ދެންމެއަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭ 8:45 ގައި މުޒާހަރާ ފެށުމަށް ހަމަޖެހިފައި ވަނީ ޑީއާރުޕީ އޮފީސް ދޮރުމަތިން ކަމަށެވެ.
"މިރޭ އަޅުގަނޑުމެން އޮފީސް ދޮރުމަތިން މުޒާހަރާ ފަށާނީ. ބައިވެރިން ބޭނުންވާ ދިމާލަކަށް އަޅުގަނޑުމެން ދާގޮތަށް މިއޮތީ. ކޮންމެ ދިމާލަކަށް ވެސް ދާން ޖެހިދާނެ." ޝަރީފް ވިދާޅުވި އެވެ.
މި މުޒާހަރާގައި ކޮންމެ ޕާޓީއެއްގެ ބޭފުޅަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތްކަމަށް ޝަރީފް ވިދާޅުވި އެވެ.
"ކޮންމެ ޕާޓީއެއްގެ ބޭފުޅުކު ވެސް ހަމަ ވަޑައިގަންނަވަންވީ" ޝަރީފް ވިދާޅުވި އެވެ.
މިއަދު މެންދުރު ޑީއާރުޕީ އޮފީހުގައި ބޭއްވި ނިއުސްކޮންފަރެންސްގައި އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ "އުނބަށް ޖެހި ވަޒީރުން"ގެ ނަމުގައި ބާއްވާ މުޒާހަރާގެ އަޑު ވަޒީރުންނާއި ރައީސުލް ޖުމްހޫރިއްޔާއަށް ވެސް އަޑުއިވޭނެ އެންމެ ކައިރިހިސާބަކަށް ދިއުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
"މުޒާހަރާ އޮންނާނީ މިރޭ 8:45 ހާކަންހާއިރު އާޓިފިޝަލް ބީޗު ސަރައްހަދުގައި. އެ ސަރަހައްދުގައި ގަޑިއެއްހާއިރު މަޑުކުރުމަށް ފަހު އަޅުގަނޑުމެން މަގުމައްޗަށް ނުކުންނާނީ. މިރޭ މީ ފުރަތަމަ މުޒާހަރާ. މުޒާހަރާތައް ނިންމާނެ ނުވަތަ ދިގުދަންމާނެ ވަކި މުއްދަތެއް އަދި ކަނޑައެޅިފައެއް ނެތް." މަހުލޫފް ވިދާޅުވި އެވެ.
"ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ކަންތައްތައް ވީހާވެސް ލަސްކުރެވޭތޯ. މިކަންތައް ދެން ނިމުނީމާ ދެން މަޖިލީހަށް ވައްދަފާނެ ވަޒީރުންނަށް ރުހުން ދޭނީ ގަނޑުކޮށްތޯ ނުވަތަ ނޫންތޯ؟ ދެން ވައްދަފާނެ ވަޒީރުންނަށް ރުހުން ނުލިބެއްޖެ ނަމަ ދެން ހަދާނީ ކިހިނެއްތޯ؟" މަހުލޫފް ވިދާޅުވި އެވެ.
ކޮންމެ ދުވަހަކު މި އޮންނަނީ ސުވާލާއި ޖަވާބުގެ ގަޑި މަޖިލީހަށް ޖަވާބު ދާރީވާން ވަޑައިގަންނަވާނެ ވަޒީރެއް ނެތް. ކޯޓުތަކުގައި ވެސް ވުޒާރާތަކާ ގުޅޭގޮތުން ޖަވާބުދާރީ ވާނެ ވަޒީރުންނެއް ނެތް.
މަހުލޫފް ވިދާޅުވީ ސްޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ޑީއާރުޕީން އިހުތިރާމް ކުރާކަމަށެވެ. އަދި ސްޕްރީމް ކޯޓުގައި އޮތް މައްސަލަ ވީހާ ވެސް އަވަހަކަށް އެ ކޯޓުން ނިންމައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.
‹މި މައްސަލައަކީ ރައްޔިތުންނާ ވަރަށް ގުޅުން އޮތް މުހިންމު މައްސަލައެއް. ސުޕުރީމް ކޯޓުން ވެސް ވީހާވެސް އަވަހަކަށް މި މައްސަލަ ނިންމައިދޭނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން›
ޑީއާރުޕީގެ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރު ތުލުސްދޫ ދައިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ވަޒީރުން އައްޔަން ކުރައްވާފައި ނެތުމުގެ ސަބަބުން ތަފާތު އުނދަގޫތަކަކާ މަޖިލީހުގައި ވެސް ކުރިމަތިވަމުން އަންނަ ކަމަށެވެ.
"ކޮންމެ ދުވަހަކު މި އޮންނަނީ ސުވާލާއި ޖަވާބުގެ ގަޑި މަޖިލީހަށް ޖަވާބު ދާރީވާން ވަޑައިގަންނަވާނެ ވަޒީރެއް ނެތް. ކޯޓުތަކުގައި ވެސް ވުޒާރާތަކާ ގުޅޭގޮތުން ޖަވާބުދާރީ ވާނެ ވަޒީރުންނެއް ނެތް. މިސާލަކަށް ޑިފެންސް މިނިސްޓްރީގައި ވެސް ހުންނަންވާނެ އެ މިނިސްޓްރީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވެސް ޖަވާބު ދާރީވާނެ މިނިސްޓަރެއް ނެތް."
ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދިނުމުގައި މިހާރު އަމަލު ކުރަމުން އަންނަ، އެ މަޖިލިހުގެ ގަވާއިދު 171 ވަނަ މާއްދާގެ (ވ) އާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނިމެންދެން ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ މައްސަލަ އަށް އެއްވެސް އަސަރު ކުރާނެ ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ މައްސަލައެއް މިއަދު ރައްޔިތުން މަޖިލީހުގައި އެޖެންޑާ ކޮށްފައި ވީނަމަވެސް ސްޕްރީމް ކޯޓުގެ އަމުރުގެ ސަބަބުން ރައްޔިތުންގެ މަޖިލީސް ފެށީ އެ މައްސަލަ އެޖެންޑާއިން އުނި ކުރުމަށް ފަހުގައި އެވެ. އެހެންކަމުން މިއަދު ރައްޔިތުންގެ މަޖިސް ހޫނުވެ މަޖިލީސް ހުއްޓައިލި އެވެ.
ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަސައްކަތްތަކަށް ހުރަސް އަޅާ ކަމަށް ބުނެ ރައީސް ނަޝީދުގެ ކެބިނެޓުގެ ހުރިހާ މިނިސްޓަރުން އެއްފަހަރާ އިސްތިއުފާ ދެއްވީ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ. ކުދި ބަދަލުތަކަކާ އެކު ރައީސް ނަޝީދުގެ އައު ކެބިނެޓު އެކުލަވާލީ ޖުލައި މަހުގެ 7 ވަނަ ދުވަހު އެވެ. ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރެއްވި ބޭފުޅުންގެ ނަންފުޅުތައް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވީ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެތައް ދުވަހެއްގެ މަތީން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުން މަޖިލީހުގައި އެޖެންޑާ ކުރި ކަމުގައި ވިއަސް މިއަދާ ހަމައަށް ވެސް ރައްޔިތުން މަޖިލީހުގައި ވަނީ އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ނުވެފައި އެވެ.
އާ ގާނޫނު އަސާސީ 2008 ވަނަ އަހަރު ވުޖޫދަށް އައިފަހުން ދެ ފަހަރަކު ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވެ އެވެ. ފުރަތަމަ ފަހަރު ރުހުން ދިނީ ގަނޑުކޮށެވެ. ނަމަވެސް އޭގެ ފަހުން ބަންޑާރަނައިބު ކަމަށް ހުސްނުއްސޫދު އައްޔަން ކުރެއްވުގަޔާއި ހޯމް މިނިސްޓަރު ކަމަށް މުހައްމަދު ޝިހާބު އައްޔަން ކުރެއްވުމުގައި ވޯޓު ނަގާފައި ވަނީ ވަކިވަކިންނެވެ. އަދި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި ވަނީ ވަޒީރުންނަށް ރުހުން ދޭން ޖެހޭނީ ވަކިވަކިން ކަމަށެވެ.