06 Apr 2013, 17:38
އެމްޑިޕީ އިން މި އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އެ ޕާޓީން ގެސްޓް ހައުސް ވިޔަފާރީގެ ސިޔާސަތުހާމަކޮށްފި އެވެ.
ލ. ގަމުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ސިޔާސަތު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެމްޑީޕީގެ ރިޔާސި ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީގެ އިސްވެރިންވަނީ އެސިޔާސަތު އިފްތިތާހު ކުރުމަށް މިއަދު ހަވީރު ހަފްލާތަކެއް ބާއްވާފަ އެވެ.
ގެސްޓް ހައުސް ވިޔަފާރީގެ ސިޔާސަތު ހާމަކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އިން މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށާއި އަދި އެ އަށް ފަހު ގެސްޓްހައުސްގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ހިލޭ އެހީ އާއި ބިން ދޫކުރައްވާނެ ކަމަށެވެ. އަދި އެމްޑިޕީގެ އަމާޒަކީ ޓޫރިޒަމްގެ ވިޔަފާރީގެ ސަބަބުންވާ ލިބޭ ފައިދާ ސީދާ ރައްޔިތުނަށް ކުރާނެ ގޮތް ހެއްދެވުން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ސީދާ ޓޫރިޒަމްގެ ވިޔަފާރީގެ ފައިދާ ރައްޔިތު މީހާ އަށް ކުރާވަރަށް އެ ވިޔަފާރި ކުރިއެރުވުން. އަޅުގަނޑުމެންގެ ރާއްޖޭގެގެ ރަށްރަށުގައި ދިރުއުޅޭ ނިކަމެތި ހުރިހާ ރައްޔިތުނަށް ވެސް މިވިޔަފާރީގެ ސީދާ ހަގީގީ ފައިދާ ލިބޭނެ މިންވަރަށް މި ވިޔަފާރި ކުރިއެރުވުން. ރާއްޖޭގެ ރަށްރަށުގައި ގެސްޓުން ދިރިއުޅެމުންދިޔަ ނަމަ ނުހަނު ރަނގަޅު ފުރުސަތުތައް ފަހިވެގެންދާނެކަން އަޅުގަނޑުމެން އެންމެނަށް ވެސް މިއޮތީ ފެންނަން. އާދައިގެ ގާޑިޔަލުގެ ވިޔަފާރި ފިހާރައަކަށް ބަދަލުވެގެންދާކަން އަޅުގަނޑުމެނަށް ފެންނަން އެބަހުރި، 5000 ރުފިޔާގެ ވިކުރާ 25000 ރުފިޔާގެ ވިކުރާ އަށް ބަދަލުވެގެންދާކަން ވަރަށް ސާފްކޮށް ފެންނާން އެބަހުރި،" ނަޝިދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ގެސްޓުހައުސްގެ ވިޔަފާރި އައުމާ ގުޅިގެން ރަށްރަށުގެ އުމުރާނީ ތަރައްގީ އިތުރުވާނެ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި 22800 ޓޫރިސްޓު އެނދު ހުރި އިރު އެމްޑީޕީގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އެ އަދަދު ދެ ގުނަޔަށް އިތުރުކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އިތުރު 25000 ޓޫރިސްޓު އެނދު އުފެއްދުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެއާޕޯޓުން ވެސް މިހާރަށް ވުރެ ފަސޭހަ ފުރުސަތުތަކެއް ޓޫރިސްޓުނަށް ދޭން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރެއްގައި އަމިއްލަ ފަރާތްތަކަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ހަވާލުކުރާނެ ކަމަށާއި ކުރިން އެއާޕޯޓް ހިންގި ޖީއެމްއާރަކީ އެކަމަށް އެންމެ އެކަށީގެންވާ ކުންފުނި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.