06 Apr 2013, 14:04
މޯލްޑިވްސް އިސްލާމިކް ބެންކު (އެމްއައިބީ)ގެ ހިދުމަތް ކޮންމެ މަހެއްގެ ވެސް ފުރަތަމަ ހޮނިހިރު ދުވަހު ދިނުމަށް ނިންމައިފައިވާކަމަށް އެ ބެންކުން ބުނެފިއެވެ.
އެމްއައިބީއިން މިއަދު ބުނީ ކޮންމެ މަހެއްގެ ފުރަތަމަ ހޮނިހިރު ދުވަހު އެ ބެންކު ހުޅުވުމަށް ނިންމާފައިވަނީ އެބެންކުގެ ހިދުމަތް ހޯދަމުން ދާ ކަސްޓަމަރުންގެ އަދަދު އިތުރުވަމުންދާތީ ކަސްޓަމަރުނަށް ފަސޭހަ ގޮތެއް ހަމަޖައްސައިދިނުމުގެގޮތުން ކަމަށެވެ. އަދި ބުނީ ކޮންމެ މަހެއް ފެށޭ ހޮނިހިރު ދުވަހެއްގެ 10:00 އިން 2:00 އަކަށް އެބެންކުގެ ހިދުމަތްދޭނެ ކަމަށެވެ.
އިސްލާމިކް ބެންކުން ހޮނިހިރު ދުވަސްތަކުގައި އެބެންކުގެ ހިދުމަތްތައް ދޭއިރު ދިނުމަށް ނިންމާފައިވާ ހިދުމަތްތަކަކީ އެކައުންޓް ހުޅުވައިދިނުމުގެ ހިދުމަތާއި ފައިސާ އާއި ޗެކް ޖަމާކޮށްދިނުމާއި އަމިއްލަ އެކައުންޓުން ފައިސާ ދޫކުރުމުގެ ހިދުމަތުގެ އިތުރުން އަދި އޭޓީއެމް އެޕްލިކޭޝަން ބަލައިގަތުމުގެ ހިދުމަތް ކަމަށެވެ.
އެމްއައިބީ އަކީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭންކިންގެ ހިދުމަތް ދޭން ފެށި ބެންކުއެވެ. އެބެންކުގެ ހިދުމަތް 2011 ވަނަ އަހަރު ރާއްޖޭގައ ފަށާފައިވާއިރު އެބެންކަކީ ޖިއްދާގައި ހުންނަ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) ގެ 85 ޕަސެންޓް އަދި ދިވެހި ސަރުކާރުގެ 15 ޕަސެންޓް ހިއްސާވާ ބެންކެކެވެ.