ބައިނަލް އަޤުވާމީ ތަފާސްހިސާބު ހަފްތާ މިއަދު ދިވެހި ރާއްޖޭގައި ފާހަގަކުރަން ފަށައިފި އެވެ.


ރާއްޖޭގައި ތަފާސްހިސާބު ހަފްތާ ފާހަގަ ކުރުމަށް ހަމަޖައްސާފައި ވަނީ މި މަހު 19 އިން 26 ގެ ނިޔަލަށެވެ. ބައިނަލް އަޤުވާމީ ތަފާސްހިސާބާ ބެހޭ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަސް ކަމުގައި އދ. އިން ވަނީ ހަމަޖައްސައިފަ އެވެ. ދުނިޔޭގެ ތަފާސްހިސާބާ ބެހޭ ދުވަހުގެ ޝިއާރަކީ "އިތުބާރު ހުރި ތަފާސްހިސާބު- ދެމެހެއްޓެނިވި ތަރައްޤީއަށް އޮތް މަގު" މި އެވެ.


ތަފާސް ހިސާބާ ބެހޭ ހަފްތާ ފެށުމުގެ ގޮތުން މިއަދު މާލެ އާއި އަތޮޅުތަކުގައި ތަފާސްހިސާބާ ބެހޭ ތަފާތު ބެނާތައް ދެމުމަށް ހަމަޖެހިފައިވެ އެވެ. އަދި މިރޭ ދި ޓީވީ ޚަބަރު ތެރެއިން ޕްރޮގުރާމުގައި މި ދުވަހުގެ ހަރަކާތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ.


މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ "ސްޓެޓިސްޓިކަލް އިޔާ ބުކް އޮފް މޯލްޑިވިސް 2010 ރިޕޯޓު" އިފްތިތާހު ކުރުމެވެ. އެ ރިޕޯޓު އިފްތިތާހު ކޮށްދެއްވުމަށް ހަމަޖެހިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.


ބުރާސްފަތި ދުވަހު ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިން (ޑީއެންޕީ) އިން އިންތިޒާމުކޮށްގެން  "ސްޓެޓިސްޓިކްސް ކޯޑިނޭޓް" މީޓިނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.


އަންނަ ހުކުރު ދުވަހު ހަވީރު ހަތަރެއް ޖަހާއިރު ސްޓެޓިސްޓިކްސް ފެއާއެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އެ ފެއާ ނިމޭނީ ހޮނިހިރު ދުވަހު ރޭގަނޑު 11 ޖަހާއިރު އެވެ.