06 Apr 2013, 10:19
ރާއްޖޭގެ ސޮވްރިން ގެރެންޓީއާ އެކު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް އިންޑިއާގެ ދެ ބޭންކަކުން ނަގާފައިވާ 160 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނުގެ މައްސަލައިގެ އާބިޓްރޭޝަން މަރުހަލާ ފަށާފައިވާ ކަމަށް އިންޑިއާގެ "ދަ ފައިނޭންޝަލް އެކްސްޕްރެސް" އިން ބުނެފި އެވެ.
އިންޑިއާގެ ޖީއެމްއާރުން ހުޅުލޭ އެއާޕޯޓް ތަރައްގީ ކުރުމަށް ޓަކައި ކުރިއަށް ގެންދިޔަ 529 މިލިއަން އެމެރިކާ ޑޮލަރުގެ ޕްރޮޖެކްޓު ފައިނޭންސްކުރުމަށް ގާތްގަނޑަކަށް 358 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ނެގުމަށް ޖީއެމްއާރުން ވަނީ ނިންމާފަ އެވެ. އިންޑިއާގެ އެކްސިސް ބޭންކާއި އިންޑިއަން އޯވާސީސް ބޭންކު ގުޅިގެން އުފެއްދި ކޮންސޯޓިއަމެއްގެ ދަށުން، ރާއްޖޭގެ ސޮވްރިން ގެރެންޓީއާ އެކު ޖީއެމްއާރަށް ވަނީ 160 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދޫކޮށްފަ އެވެ.
ލޯނު ދޫކުރުމަށް އިންޑިއަން އޯވާސީސް ބޭންކާ އެކު ހެދި ކޮންސޯޓިއަމްގެ 84 އިންސައްތަ ހިއްސާވާ އެކްސިސް ބޭންކުން މިމައްސަލާގައި ކޮމެންޓެއް ކުރަން ދެކޮޅު ހަދާފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް އިން ބުނެ އެވެ.
އެކްސިސް ބޭންކުން ދޫކޮށްފައިވާ މިލޯނުގެ ސޮވްރިން ގެރެންޓާއަކަށް ރާއްޖެ ވުމުން، ޖީއެމްއާރާ އެކު ދިވެހި ސަރުކާރުން ހަދާފައިވާ އެގްރިމެންޓް އުވާލާ ހިސާބުން 160 މިލިއަން އެމެރިކާ ޑޮަލަރުގެ ލޯނުގެ ސަބަބުން އެކްސިސް ބޭންކަށް ލިބޭ ގެއްލުން ފޫބައްދަދޭން ޖެހެނީ ދިވެހި ދައުލަތުން ނެވެ.
އަދި އެގްރިމެންޓް އުވާލާތާ 60 ދުވަހުގެ ތެރޭގައި މިފައިސާ އެކްސިސް ބޭންކަށް ދައްކާނެ ކަމަށް ޖީއެމްއާރު އެގްރިމެންޓުގައި ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ވެސް ފައިނޭންޝަލް ޓައިމްސް އިން ބުނެ އެވެ.
އެ މައްސަލާގައި ދިވެހި ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ ޖީއެމްއާރު އެގްރިމެންޓަކީ "ވޮއިޑް އެބް އިނީޝިއޯ" އެގްރިމެންޓެއް ކަމުން، ޖީއެމްއާރު ނެގި ލޯނުގެ ފައިސާ ސަރުކާރުން ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން ވަނީ މިކަން މިގޮތަށް އެކްސިސް ބޭންކަން އަންގާފަ އެވެ.
އެކްސިސް ބޭންކުން ނެގި ލޯނުގެ މައްސަލަ އާބިޓްރޭޝަންގައި އޮތް އިރު، ދިވެހި ސަރުކާރުން ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން އުވާލުމުން، އެ މައްސަލަ ވެސް ވަނީ އާބިޓްރޭޝަންގެ މަރުހަލާގަ އެވެ.
ޖީއެމްއާރު އެގްރިމެންޓުގެ އާބިޓްރޭޝަންގައި ދިވެހި ސަރުކާރުން ނަގާފައިވާ ސްޓޭންޑަކީ "ވޮއިޑް އެބް އިނީޝިއޯ" ނުވަތަ ޖީއެމްއާރު އެއްބަސްވުމަކީ އެއެއްބަސްވުމަށް އަމަލުކުރެވެން ފެށިއިރު ވެސް ބާތިލްވެފައިވާ އެއްބަސްވުމެއް ކަމަށް ބުނެ އެވެ.
ޖީއެމްއާރުން މިމައްސަލާގައި ވަކާލާތުކުރަމުންދަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އަނބުރާ ހޯދުމަށް ނުވަތަ ބަދަލެއްގެ ގޮތުގައި 800 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ސަރުކާރުން ނަގައި ދިނުމަ ށެވެ.
މިދެ މައްސަލައާ އެކު، ހުޅުލޭ އެއާޕޯޓާ ގުޅޭ ޖުމްލަ ތިން މައްސަލައެއް އޮތީ އާބިޓްރޭޝަން މަރުހަލާގަ އެވެ.
ތިން ވަނަ މައްސަލައަކީ ޖީއެމްއާރުން އެއާޕޯޓް ޑެވެލޮޕްމަންޓް ފީގެ ގޮތުގައި އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން ނަގަން އުޅުނު ޓެކްސް ނުނެގޭނެ ކަމަށް ރާއްޖޭގެ ކޯޓުތަކުން ނިންމުމުން، އެ މައްސަލަ ސިންގަޕޫރުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ އެވެ.
މިތިން މައްސަލައިގެ ޝަރީއަތްތައް ވެސް ކުރިއަށް ދާނީ، އިނގިރޭސިވިލާތާއި ސިންގަޕޫރުގެ ކޯޓުތަކުގަ އެވެ.