މީގެ ދެދުވަހެއް ކުރިން ފެށިގެން މީޑިޔާގައި އެންމެ ވަރުގަދައަށް ދެކެވެމުން އައި ވާހަކައަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އަދި އެންމެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގު (ފުޓްބޯޅައިގެ މަޝްހޫރު ނަމުން ނަމަ "ދަގަނޑޭ" ނުވަތަ "ދަގޭ") އަށް އިނގިރޭސި ޕްރިމިއާލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން ޝައުގުވެރިކަން ފާޅުކުރި ވާހަކަ އެވެ.

ފުޓްބޯޅަ ދަނޑުގައި ގައުމީ ފެންވަރުގަޔާއި އަދި ބައިނަލްއަގްވާމީ ފެންވަރުގައި އަޝްފާގު ހޯދާފައިވާ ކާމިޔާބުތަކާއި ދައްކުވައި ދީފައިވާ ފުޓްބޯޅައިގެ މޮޅު ހުނަރުތަކުގެ ސަބަބުން، އޭނާއަކީ ރާއްޖޭގެ އިތުރުން ރާއްޖެ ހިމެނޭ އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގެ ބޮޑެތި ކުލަބުތަކުންނާއި އަދި ވިލާތުގެ ކުލަބުތަކުން ވެސް ބަލައިގެންފައިވާ އާދަޔާ ހިލާފުއަދި އެފަދަ ބައެއް ކުލަބުތަކުން އަޝްފާގު ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހުނަރުވެރި އަދި ރާއްޖޭގައި އުފެދުނު އާދަޔާ ހިލާފު މޮޅު ފުޓްބޯޅަ ކުޅުންތެރިއެއް ކަމާ މެދު ދެބަސްވާނޭ ހަމަ އެންމެ ރައްޔިތަކު ވެސް މިރާއްޖެއަކު ނުހުންނާނެ ކަމީ ޔަގީން ކަށަވަރު ކަމެކެވެ. އެހެން ކަމުން ދުނިޔޭގައި ފުޓްބޯޅައަށް އެންމެ ބޮޑު ހޭދައެއް ކުރަމުންގެންދާ އިނގިރޭސިވިލާތުގެ ޕްރިމިއާލީގުގެ ކުލަބަކުން އަޝްފާގު ހޯދަން ޝައުގުވެރިކަން ފާޅުކޮށްފި ކަމަށް ބުނެފި ނަމަ އެޔަކީ ގަބޫލު ނުކުރެވޭ ވަރުގެ ހައިރާން ކުރުވަނިވި ވާހަކައެއް ނޫނެވެ. މި ސަރަހައްދުގެ ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކާއި ސަރަހައްދުގެ ބޮޑެތި ފުޓްބޯޅަ ކުލަބުތަކުގެ ކޯޗުންގެ ނަޒަރުގައި ވެސް ދަގަނޑޭއަކީ އާދަޔާ ހިލާފު ހުނަރުތަކެއް ލިބިގެންވާ، މޮޅު ފުޓްބޯޅަ ކުޅުންތެރިއެކެވެ.

މިހާރު އުމުރުން 27 އަހަރުގެ އަޝްފާގު ފުޓްބޯޅަ ދަނޑުން އެންމެ ފުރަތަމަ ވިދަންފެށީ އިންޓަސްކޫލް ފުޓްބޯޅަ މުބާރާތުގެ ތެރެއިންނެވެ. އޭރު މަޖީދިއްޔާ ސްކޫލުން އިންޓަސްކޫލް މުބާރާތުގައި ބައިވެރިވާ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ފުރަތަމަ ފަހަރަށް ކުލަބް ލެވެލް ފުޓްބޯޅައިން ފެނުނީ 2001 ވަނަ އަހަރުގެ ކުލަބު ވެލެންސިޔާއިންނެވެ. އުމުރުން އެންމެ 16 އަހަރުގައި ވެލެންސިޔާގެ ފުލް ޓީމުން ޖާގަ ހޯދުމަށް ފަހު އަޝްފާގު (ދަގަނޑޭ) ވަނީ އޭގެ ދެއަހަރު ފަހުން ރާއްޖޭގައި ފުޓްބޯޅައަށް ޝައުގުވެރިވާ އެންމެންގެ ހިތްތަކުން ޖާގަ ހޯދައި ރާއްޖޭގެ އެހެނިހެން ފުޓްބޯޅަ ކުލަބުތަކުން އެކުޅުންތެރިޔަކު ހޯދުމަށް އެންމެ ބޮޑަށް ބޭނުންވި ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދާފަ އެވެ. އެގޮތުން 2003 ވަނަ އަހަރު ކުލަބު ވެލެންސިޔާ އަށް 36 ލަނޑު ކާމިޔާބު ކޮށްދީގެން އެ އަހަރު އެންމެ ގިނަ ލަނޑު ޖެހިކުޅުންތެރިޔާގެ އިތުރުން އުމުރުން 18 އަހަރުގައި ސީޒަންގެ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމް ދަގަނޑޭ އަށް ލިބުނެވެ. އަދި އޭގެފަހުން 2004 ވަނަ އަހަރު 37 ލަނޑު، 2005 ވަނަ އަހަރު 34 ލަނޑު ކުލަބަށް ކާމިޔާބުކޮށްދީގެން އޭނާ ވަނީ ވެލެންސިޔާގައި ހުރެގެން ޖެހިޖެހިގެން ތިން ފަހަރު މަތިން ސީޒަންގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.

އަދި 2005 ވަނަ އަހަރު އިންޑިޔާގެ ކަރާޗީގައި ބޭއްވުނު ސަރަހައްދީ ފުޓްބޯޅަ މުބާރާތް "ސާފް ގޯލްޑް ކަޕް"ގައި އަޝްފާގަށް ގައުމީ ޓީމުން ފުރުސަތު ލިބި އެފަހަރުގެ މުބާރާތުގައި އަޝްފާގުވަނީ މޮޅު ކުޅުމެއް ދައްކައި ގައުމީ ޓީމު އެމުބާރާތުގެ ސެމީފައިނަލާ ހަމައަށް ގެންދިއުމުގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދިޔަ 2008 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުކޮށްދިނުމުގައި ދަނގަޑޭގެ ރޯލް ވަރަށް ބޮޑެވެ. އެމުބާރާތުގައި ދަނގަޑޭ ވަނީ "މޯސްޓް ވެލިއުބަލް ޕްލޭޔާ"އަށް ހޮވިފަ އެވެ. އަދި އެފަހަރު ގޯލްޑޮޓްކޮމް އިން ހޮވި ސަރަހައްދުގެ އެންމެ މޮޅު 10 ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ ވަނީ ހޮވާފަ އެވެ. ގައުމީ ޓީމުގައި ދަގަނޑޭ ސާބިތުކޮށްދެމުންއަދި މޮޅުކުޅުމާއި ލީޑަޝިޕް ރޯލްގެ ސަބަބުން 2009 ވަނަ އަހަރު އޭނާގެ އަތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ބޭންޑު އަޅުވައި ލެވުނެވެ. އަދި އޭގެ ފަހުން ވެސް އޭނާ ދައްކުވައިދިން މޮޅު ހުނަރުގެ ސަބަބުން ބިދޭސީ ލޯތަކުން އޭނާ އަށް ފާރަލަމުން ގެންދިޔަ އެވެ.

ދަގަނޑޭ ދެން ފެނިގެން ދިޔައީ ރާއްޖޭގެ ފުޓްބޯޅަ ކުލަބަކުން މިހާތަނަށް ސަރަހައްދީ ފެންވަރުގައި އެންމެ ރަނގަޅު ކާމިޔާބީއެއް ހާސިލްކޮށްފައިވާ، ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ އެއް ކުލަބު ކަމުގައިވާ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުންނެވެ. ދެހާސް ފަސް ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިންވަނައާ ހަމައަށް ދަތުރު ކުރި ނިއުރޭޑިއެންޓާ ދަގަނޑޭ ގުޅުނީ 2006 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށެވެ. އެ އަހަރުގެ އޭއެފްސީ ކަޕްގައި އެހާ ރަނގަޅު ނަތީޖާ ތަކެއް ނިއުއަށް ނުނެރެވުނު ނަމަވެސް ދަގަނޑޭވަނީ އެފަހަރު ވެސް ނިއުއިން ހޯދި ހުރިހާ ކާމިޔާބީއެއްގައިހެން ބޮޑު ހިއްސާއެއް އަދާކޮށްފަ އެވެ. އަދި އެފަހަރު އޭނާ ނިއުގައި ހޭދަކުރި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެކުލަބަށް 40 ލަނޑު އޭނާވަނީ ކާމިޔާބުކޮށްދީފަ އެވެ.

އަޝްފާގުގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ އަށް އެންމެ ރަނގަޅު ހުށަހެޅުން ފެނިގެންދިޔައީ 2005 ވަނަ އަހަރު އެވެ. އެގޮތުން އޭނާ އަށް އެފަހަރު، ޔޫރަޕް ފުޓްބޯޅައިގައި މަޝްހޫރު ނަމެއް ކަމަށްވާ ޕޯޗްގަލްގެ ފުޓްބޯޅައިގެ ބާރެއް ކަމަށްވާ ބެންފިކާއިން ޝައުގުވެރިކަން ފާޅުކުރި އެވެ. އެހެން ނަމަވެސް އެފަހަރު ވެސް ދަގަނޑޭ އޭނާގެ އާއިލާއާއި ރައްޓެހިންނާއި ގައުމު ދޫކޮށްފައި ދާކަށް ހިޔާލެއް ނުކުރި އެވެ.

އޭއެފްސީ ކަޕުގައި ނިއުރޭޑިއެންޓުގައި އަޝްފާގު ދައްކުވައިދިން މޮޅު ކުޅުމާއި އަދި ރާއްޖޭގެ ގައުމީ ޓީމުގައި އޭނާ ދައްކައިދެމުން ގެންދިޔަ މޮޅުކުޅުމުގެ ސަބަބުން ބިދޭސީ ލޯތަކުގައި ދަގަނޑޭ ގެންދިޔުމު ޝައުގުވެރިކަން އިންތިހާ އަށް ފެނިގެން ދިޔަ އެވެ. އެގޮތުން 2007 ވަނަ އަހަރު އޮކްޓޫބަރު މަހުގައި މެލޭޝިޔާގެ ސުޕަލީގުގައި ކުޅޭ، ބުރޫނާއީގެ ކުލަބެއް ކަމަށްވާ ބުރޫނާއީ ޑީޕީއެމްއެމް އެފްސީ އަށް ކުޅުމުގެ ފުރުސަތު ދަގަނޑޭ އައި އަދި ރާއްޖޭގައި އުފެދު އެހާމެ މޮޅު އަނެއް ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހީމް ފަޒީލް (އޮއްޕޮ)އަށް ލިބިގެން ދިޔަ އެވެ. ޑީޕީއެމްއެމް އެފްސީގައި ދަގަނޑޭ ހޭދަކުރި ދުވަސްތަކުގައި މެލޭޝިޔާ އަދި ބުރޫނާއީގެ ކުޅިވަރު ހަބަރުތަކުގެ ފަލަ ސުރުހީއިން ދަގަނޑޭ ވަނީ ޖާގަ ހޯދާފަ އެވެ. އެހެން ނަމަވެސް އާއިލާއާ ދުރުގައި ހުންނަންޖެހުމާއި އެންމެ ކުޑައިރުއްސުރެން އެކުގައި އުޅުނު ގާތް ރަހުމަތްތެރިންނާއި އެކުވެރިންނާ ދުރުގައި ދުވަސްތައް ހޭދަކުރަން ޖެހުން ވެގެންދިޔައީ ދަގަނޑޭގެ "ބަލިފަޔަށެވެ". އެހެން ކަމުން ޑީޕީއެމްއެމް އެފްސީ އާ އެކު ހަދާފައިވާ ކޮންޓްރެކްޓް މާގިނަ ދުވަސްތަކެއް ނުވަނީސް ނިމުމަކަށް ގެނެސް 2008 ވަނަ އަހަރު ދަގަނޑޭ ވަނީ އޭރު ރާއްޖޭގައި ބޮޑު ހަރަދުތަކެއް ކުރަމުން ފެންވަރު ރަނގަޅު ޓީމެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އައި ވީބީ ސްޕޯޓްސްއާ ގުޅިފަ އެވެ.

ކުލަބުގެ ކެޕްޓަން ބޭންޑު އަޅައިގެން ވީބީގައި ހޭދަކުރި ފުރަތަމަ ސީޒަން މާބޮޑު ކާމިޔާބެއް ނެތި ނިންމާލިނަމަވެސް ޖެހިގެން އައި 2009 ވަނަ އަހަރު އޭނާ ވަނީ އެކުލަބަށް 33 ލަނޑު ކާމިޔާބުކޮށްދީ އެ އަހަރުގެ ދިވެހި ލީގު ވީބީއަށް ހޯދައިދީފަ އެވެ. އަދި ޖެހިގެން އައި 2010، 2011 ވަނަ އަހަރުގެ ދިވެހި ލީގުގެ އިތުރުން 2010 ވަނަ އަހަރުގފެ ގައުމީ މުބާރާތް ވީބީއަށް ކާމިޔާބު ކުރުމުގައި ދަގަނޑޭ ވަނީ މުހިއްމު ރޯލެއް އަދާކޮށްފަ އެވެ. އަދި ހަމަ އެހެންމެ ދަނގަޑޭވަނީ ޖެހިޖެހިގެން ތިންފަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހާސިލްކޮށްފަ އެވެ. ދެންފެނިގެން ދިޔައީ ރާއްޖޭގައި އެދުވަސްވަރު ތިބި އެންމެ މޮޅު ކުޅުންތެރިން ހިމެނިގެން ކުރިއަށް ގެންދިޔަ ވީބީ ތެރޭގައި މައްސަލަ ޖެހެން ފެށިތަނެވެ. އަދި އެ މައްސަލަ ތަކުގެ ތެރޭގައި އޭރު ވީބީއަށް ކުޅުނު ބައެއް ކުޅުންތެރިން އެކުލަބު ދޫކޮށް ބޮޑެތި އެހެން ކުލަބުތަކާ ގުޅެންފެށި އެވެ. އެގޮތުން ދަނގަޑޭ އަނެއްކާ ވެސް ފެނިގެން ދިޔައީ އޭނާގެ ކުރީގެ ކުލަބު ކަމަށްވާ ނިއުއިންނެވެ. އަދި ކާމިޔާބެއް ހާސިލުނުވެ، އަހަރު ދުވަސްތަކެއް އޭރު ގުނަމުންދިޔަ ނިއުއަށް ދަގަނޑޭ ގުޅުމާއެކު އިތުރު ޖޯޝެއް ގެނެސްދީ، އޭނާއާއި އެކުލަބާއަލަށް ގުޅުނު މޮޅުކުޅުންތެރިންގެ އެހީގައި ނިއުއިން ވަނީ، 2012 ވަނަ އަހަރުގެ ދިވެހި ލީގުގެ އިތުރުން ހުސްވި އަހަރުގެ ގައުމީ މުބާރާތްވެސް ކާމިޔާބު ކޮށްފަ އެވެ.

މިފަހަރު އަނެއްކާ ވެސް ދަނގަޑޭގެ އަޑު ގަދަވެގެން މިދިޔައީ މިހާރު ކުރިއަށްދާ އޭއެފްސީ ކަޕްގައި ނިއުރޭޑިއެންޓް ހިމެނޭ ގްރޫޕް އެފްގައި އޭނާ ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުންނެވެ. ނިއުރޭޑިއެންޓް ގްރޫޕް ސްޓޭޖްގައި މިހާތަނަށް ތިންމެޗު ކުޅެ ޖުމުލަ 8 ލަނޑު ކާމިޔާބު ކޮށްފައިވާ އިރު އޭގެތެރެއިން ފަސް ލަނޑު ކާމިޔާބުކޮށް ދަގަނޑޭ މިހާރު ވެސް އުޅެނީ އެމުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގަ އެވެ. އަދި ހުސްވި މަހުގެ 13 ވަނަ ދުވަހު އިންޑޮނީޝިޔާގެ ޕާސިބޯއާ ދެކޮޅަށް ނިއުރޭޑިއެންޓު ރަށުން ބޭރުގައި ކުޅުނު މެޗުގައި ކާމިޔާބު ކުރި ހަތް ލަނޑުގެ ތެރެއިން ފަސް ލަނޑު އެމެޗުގައި ކާމިޔާބުށް ދަނގަޑޭވަނީ ކުލަބުތަކަށް ފުޓްބޯޅަ ކުޅުންތެރިން ހޯދުމަ މަސައްކަތްކުރާ އޭޖެންޓުންގެ ލޮލުގައި ނިކަން ރަނގަޅަށް އަޅައިގެންފަ އެވެ.

ކުރިން ބަޔާންކުރެވުނު ހުރިހާ ވާހަކަތަކަކަށް ބަލާއިރު ދަގަނޑޭ ފަދަ ހުނަރުވެރި ކުޅުންތެރިޔަކު ޓެސްޓުކޮށްލަން ނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރަކުން ޝައުގުވެރިކަން ފާޅުކުރުމަކީ ނުވުމަށްވުރެ "ވުން" ގާތް ކަމެކެވެ. ދަގަނޑޭއަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއިން ޝައުގުވެރިކަށް ފާޅުކުރި ހަބަރު ސޯޝަލްމީޑިޔާތަކުގައި ފެތުރިގެން ދިޔައީ އިއްޔެގެ ވަގުތެއްގަ އެވެ. އެހެން ނަމަވެސް އޭއެފްސީ ކަޕުގައި ބަރުމާގެ ޔަންގޮން ޔުނައިޓެޑާ ވާދަކުރި މެޗަށް ފަހު ރޭގެ ވަގުތެއްގައި މާލެއައި ނިއުގެ ފޯވަޑް ދަގަނޑޭ ވަނީ ފޭސްބުކާއި ޓްވިޓާގައި އޭނާއާ ދޭތެރޭގައި ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ.

ދަގަނޑޭގެ ހުނަރު ދައްކާލުމަށް ޓްރަޔަލްއަކަށް މެންޗެސްޓާ ސިޓީއަށް ދާން އުޅޭވާހަކަ ރާއްޖޭގެ ލޯކަލް މީޑިޔާއާއި ސޯޝަލްމީޑިޔާގައި ފެތުރިގެންދިޔަ އަޑުތަކުގެ ހަގީގަތް ބެލުމަށް "ސަން" އިން ކުރި މަސައްކަތުން ދަގަނޑޭގެ އާއިލާގެ މެންބަރެއްގެ ފަރާތުން އެނގުނީ އެ ފުރުސަތަކީ މެންޗެސްޓާ ސިޓީގެ ފުޓްބޯޅަ އޭޖެންޓެއް މެދުވެރިވެގެން، ދަގަނޑޭ އަށް ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު ހޯއްދަވައި ދެއްވި ފުރުސަތެއް ކަމަށެވެ. އެހެން ނަމަވެސް ސަންއިން ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު، މުހައްމަދު ހުސައިން ޝަރީފު (މުންދު)އަށް ގުޅާލުމުން އެމަނިކުފާނު ވިދާޅުވީ އެކަމާ ބެހޭގޮތުން އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނޫން ކަމަށެވެ. އެހެން ނަމަވެސް މުންދު އެވާހަކަ ތެދު ނުކުރައްވާތާނގައި ދޮގެއްވެސް ނުކުރަށްވަ އެވެ.

"އެއީ ދަގަނޑޭގެ އަމިއްލަ ޕްރައިވެސީ ހިމެނޭ ކަމެއް. ދަގަނޑޭ އެވާހަކަ ދައްކަން ބޭނުން ނުވާއިރު އަޅުގަނޑު ބޭނުމެއްނުވޭ އެއްވެސް ހާލަތެއްގައި ތިކަމާ ބެހޭ ގޮތުން މީޑިޔާގައި އެއްޗެއް ދަންނަވާކަށް. އެންމެން ވެސް ދަންނާނެ ދަގަނޑޭ އަކީ ރާއްޖޭގައި އަދި މި ސަރަހައްދުގައި ވެސް އުފެދުނު ހުނަރުވެރި މޮޅު ކުޅުންތެރިއެއްކަން." މުންދު ވިދާޅުވި އެވެ.

ސާކުގެ ސަރަހައްދުގެ ފުޓުބޯޅައިގައި އިންޑިޔާ ނަގައިފައި އެންމެ ކާމިޔާބު ޓީމަކީ ދިވެހިރާއްޖޭގެ ގައުމީ ޓީމު ކަމަށް ވިޔަސް، މިއަށް ވުރެ ކުރިޔަށް ދިއުމަށާއި މިހާރު އޮތް ހާލަތުން ދަށަށް ނުވެއްޓުމަށް ދިވެހި ކުޅުންތެރީންނަށް ޔޫރަޕުގެ ކުލަބުތަކުން ފުރުސަތު ލިބުމަކީ މުހިންމުކަމެއް ކަމަށް ފުޓުބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އިންޑިޔާގެ ބައިޗުން ބުޓިޔާ ޔޫރަޕުގައި ކުޅޭން ފެށި ފަހުން މިހާރު ރާއްޖެ ފިޔަވައި މި ސަރަހައްދުގެ އެހެން ހުރިހާ ގައުމެއްގެ ކުޅުންތެރީން ވެސް މިހާރު ޔޫރަޕުގެ ލީގުތަކުގައި ދަނީ ކުޅެމުންނެވެ. ރާއްޖޭގެ ކުޅުންތެރިޔަކަށް މިހާ ތަނަށް އެ ފުރުސަތު ލިބުނީ އަލީ އަޝްފާގު (ދަގަނޑޭ)އަށް ކަމަށް ވާއިރު، ދަގަނޑޭ އެ ފުރުސަތުގެ ބޭނުން ކުރުމަކީ ގައުމަށް ޓަކައި ވެސް ދަގަނޑޭ ކުރާން ޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.