ރާއްޖޭގެ ސެޓެލައިޓެއް ލޯންޗުކޮށް އޮޕަރޭޓްކުރުމަށް އިންޑިއާ އިން ޝައުގުވެރިވާ ކަމަށާއި މިމަހުގެ ތެރޭގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ހިންދުސްތާން ޓައިމްސް" އިން ބުނީ މިމަހުގެ 15 އަދި 16 ވަނަ ދުވަހު މިނިސްޓަރު ނާޒިމް އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދިފާއީ އެއްބާރުލުމުގެ އިތުރުން ސެޓެލައިޓް ލޯންޗުކުރުމާއި އޮޕަރޭޓްކުރުމަށް ހުޅުވާލާފައިވާ ބިޑާ ގުޅޭ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފައިވާ ކަމަށެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބިޑަށް ހުޅުވާލާފައި ވަނީ ރާއްޖޭގެ ބޭނުންތަކަށް ތައްޔާރުކުރާ ސެޓެލައިޓެއް ފަރުމާކޮށް، ލޯންޗުކުރުމުގެ އިތުރުން ސެޓެލައިޓްގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށެވެ. ބިޑަށް ހުޅުވާލުމަށް ފަހު، މިދިޔަ ޖެނުއަރީ 31ގެ ނިޔަލަށް މުއްދަތު ހަމަވި ނަމަވެސް، ކޭމްއިން ވަނީ ބިޑުގެ މުއްދަތު އިތުރުކޮށްފަ އެވެ.

ހިންދުސްތާން ޓައިމްސް އިން ބުނެފައި ވަނީ ޑިފެންސް މިނިސްޓަރު ނާޒިމް ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް، ސެޓެލައިޓް ލޯންޗުކުރުމުގެ އެހީތެރިކަން ހޯދުމަށް ޗައިނާއާ އެކު މަޝްވަރާކޮށްފައިވާ ކަމަށާއި ޗައިނާ އިން މިކަމަށް ޕޮޒިޓިވް ޖަވާބެއް ދީފައިވާ ކަމަށެވެ.