ޔޫރަޕްގެ މުއްސަނދި ގައުމުތަކުން ކުރިއަރަމުން އަންނަ ފަގީރު ގައުމުތަކަށްދޭ އެހީތައް 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު ވަރަށް ބޮޑަށް ކުޑަވެގެން ގޮސްފައިވާ ކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފި އެވެ.

އިޤްތިސާދީ އެއްބާރުލުމާ އަދި ތަރައްޤީއާ ބެހޭ ޖަމްޢިއްޔާ، އޮގަނައިޒޭޝަން ފޯރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް (އޯއީސީޑީ) އިން ނެރުނު ރިޕޯޓެއް ބުނާ ގޮތުން ޔޫރަޕްގެ މުއްސަނދި ގައުމުތަކުން ފަށާފައިވާ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން ފަގީރު ގައުމުތަކަށް އެހީގެ ގޮތުގައި ދޭ މާލީއެހީގެ މިންވަރު ފާއިތުވި އަހަރު ޕަސެންޓަށް ދަށްވެފައިވާ ކަމުގަ އެެވެ. ދުނިޔޭގެ މުއްސަނދި ގައުމުތަކުގެ ލިސްޓްގައިވާ ޔޫރަޕްގެ ގިނަގައުމުތަކަކީ ފާއިތުވި ހަތަރު ވަރަކަށް އަހަރު ތެރޭގައި އިޤްތިސާދީ ވަރަށްބޮޑު ހީނަރުކަމެއްގެ ތެރޭގައި އުޅެންޖެހިފައިވާ ގައުމުތަކެކެވެ. އިޤްތިސާދީ ހީނަރުކަމާ އެކު ފާއިތުވި ދެ އަހަރު ތެރޭގައި މިގައުމުތަކުން ވަނީ ބަޖެޓް ވަރަށް ބޮޑަށް ކުޑަކޮށް ޚަރަދުކުޑަކުރުމުގެ ހަރުކަށި ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފަ އެވެ.

ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރަމުން ގެންދާ ގައުމުތަކުގެ ތެރޭގައި އިޓަލީއާއި ސްޕޭނާއި އިނގިރޭސިވިލާތާ އަދި ފަރަންސޭސިވިލާތް ޚާއްސަގޮތެއްގައި ފާހަގަ ކޮށްލެވެ އެވެ. މި ހަތަރު ގައުމުގެ އިޤްތިސާދީ ދުވެލި މަޑުޖެހުމާ އެކު އިޤްތިސާދީ ހީނަރުކަން ތަޙައްމަލް ކުރަންޖެހުމުގެ ސަބަބުން މިގައުމުތަކުން ފަގީރުގައުމުތަކަށްދޭ އެހީތައް ވެސް ވަނީ ވަރަށްބޮޑަށް ކުޑަކޮށްލާފަ އެވެ. ދުނިޔޭގެ މުއްސަނދި 31 ގައުމެއް ބައިވެރިވާ އޯއީސީޑީގެ ރިޕޯޓް ބުނާ ގޮތުން ޔޫރަޕްގެ މުއްސަނދި ބައެއް ގައުމުތަކުން ތަންފީޒުކުރަން ފަށާފައިވާ ޚަރަދު ކުޑަކުރުމުގެ މި ސިޔާސަތުތަކުގެ ސަބަބުން ފަގީރު ގައުމުތަކުގެ އިޤްތިސާދަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

ޚަރަދު ކުޑަކުރުމުގެ ނުވަތަ އޮސްޓިރިޓީ ސިޔާސަތުތަކެއް ޔޫރަޕްގެ މުއްސަނދިި ގައުމުތަކަށް ތަންފީޒުކުރަން މަޖްބޫރުވެފައި ވަނީ އެގައުމުތަކުގެ އިޤްތިސާދީ ދުވެލި މަޑުޖެހި ލިބޭ އާމްދަނީ މަދުވަމުން ދިޔުމުގެ ސަބަބުން ކަމަށްވާ އިރު ކައިރިމުސްތަޤްބަލެއްގައި ޔުރަޕްގެ މުއްސަނދި ގައުމުތަކަށް އިޤްތިސާދީ ހީނަރުކަމުން ސަލާމަތްނުވެވޭނެ ކަމަށް އިޤްތިސާދީ ލަފާކުރުންތައް ބުނެ އެވެ.

އޯއީސީޑީގެ ރިޕޯޓް ބުނާގޮތުން ފަގީރު ގައުމުތަކަށް ހިލޭއެހީގެ ގޮތުގައާއި ލޯން އެހީގެ ގޮތުގައި ދޭ އެހީތައް ފާއިތުވި ދެ އަހަރު ތެރޭގައި އެންމެ ބޮޑަށް ކުޑަކޮށްލާފައި ވަނީ އިޓަލީއާއި ސްޕޭނާއި އިނގިރޭސިވިލާތާ އަދި ފަރަންސޭސިވިލާތުންނެވެ. ނަމަވެސް މުއްސަނދި ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ޔޫރަޕްގެ ކުދި ގައުމުތައް ކަމަށްވާ ޑެންމާކް، ލަކްސަންބާގް، ހޮލެންޑް، ނޯވޭ އަދި ސްވިޑްން އިން އެގައުމުތަކުގެ ގައުމީ އާމްދަނީގެ ތެރެއިން ސުމެއް ޕޮއިންޓް އިންސައްތަ ފަގީރު ގައުމުތަކަށް އެހީދިނުމަށް ހޭދަކޮށްފައިވާ ކަމަށް މިރިޕޯޓް ބުނެ އެވެ.

މިއީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރަމުން ނުގެންދާ ހަތަރު ގައުމެވެ. އަނެއްކޮޅުން ދެކުނު ކޮރެޔާއާއި ޗައިނާއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އާއި ގަތަރާއި ތުރުކީ ކުވައިތު އަދި ސައޫދީ އަރަބިޔާ އަށް ލިބޭ އާމްދަނީ ފާއިތުވި އަހަރުތަކުގައި އިތުރުވެ އެގައުމުތަކުގެ މުއްސަނދިކަން ބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންކަމުން ފަގީރު ގައުމުތަކަށް ޔޫރަޕުން ދޭ އެހީތައް ކުޑަވެފައިވީ ނަމަވެސް މި ހަތް ގައުމުން ފަގީރުގައުމުތަކަށް ދެމުންގެންދާ އެހީތައް އިތުރުކޮށްފައިވާ ކަމަށް އިޤްތިސާދީ ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސިީތައް)