06 Apr 2013, 09:30
މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން ރާއްޖެ އިން ދެއްކި ވާހަކަތައް ގިނަ އެެވެ. ދުނިޔޭގެ އެކި އެކި ސަމިޓްތަކުގައި އެކަމާ ރާއްޖެ އިން އަޑުއުފުލި އެވެ. ކޯޕަންހޭގަން ސަމިޓާއި ރިއޯ ސަމިޓާއި ދޯހާ ސަމިޓްގައި ވެސް ރާއްޖޭން އަޑު އުފުލި އެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަ ކުރެވޭނެ ގޮތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ ރާއްޖޭން އަބަދުވެސް ދައްކާ ވާހަކައެކެވެ. ނަތީޖާއަކީ ބައިނަލް އަގުވާމީ މުޖުތަމައުގެ އަޅާލުން ކޮންމެވެސް ވަރަކަށް ނަމަވެސް ރާއްޖެ އަށް ލިބުމެވެ. ޔޫރަޕިއަން ޔޫނިއަންއާއި އޮސްޓްރޭލިއާ ސަރުކާރާއި ވޯލްޑްބޭންކްގެ އެހީގައި ގާއިމްކުރި "ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑް" (ސީސީޓީއެފް) އަކީ އެކަމުގެ ހެއްކެކެވެ.
ބައިނަލް އަގުވާމީ ފަރާތްތަކުން މިފަދަ އެހީތެރިކަން ރާއްޖެ އަށް ދިނީ ރާއްޖެއަކީ ނަތީޖާ ނެރޭ ގައުމަކަށް ވާނެ ކަމުގެ އުއްމީދުގަ އެވެ. ނަމަވެސް މަސައްކަތްތައް ކުރިއަށް ގޮސްފައި ވަނީ އުއްމީދު ކުރިވަރަށް ވުރެ ލަހުން ކަމަށް ޔޫރަޕިއަން ޔޫނިއަނުން ދެކެ އެވެ.
ސީސީޓީއެފް ފޭސް ދޭއްގެ މަސައްކަތްތައް ފެށުމަށް ޓަކައި އެފޭސްގައި ހިންގާނެ ޕްރޮގްރާމްތައް ފަރުމާ ކުރުމަށް ކަމާ ގުޅޭ އެންމެހާ ދާއިރާތަކާ އެކު އެންވަޔަރްމެންޓް މިނިސްޓްރީން ބޭއްވި މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަަަމުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށާއި ސްރީލަންކާ އަށް ކަނޑައަޅާފައިވާ ޑެލިގޭޝަންގެ ކައުންސިލަ މިނިސްޓަރު ވިލީ ވެންޑެން ބާގް ވިދާޅުވީ ފުރަތަމަ ފޭސްގެ ނަތީޖާ އަށް ބަލައިގެން ދެ ވަނަ ފޭސްގެ ޕްރޮގްރާމްތައް ފަރުމާ ކުރުމަށް އީޔޫއިން އުއްމީދު ކުރި ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދުކުރީ ފުރަތަމަ ފޭސްގެ ޕްރޮގްރާމްތަކުގެ ފިލާވަޅު ލިބިގެން ދެ ވަނަ ފޭސްގެ ޕްރޮގްރާމްތައް ރާވަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭރު ރޭވި މަޝްރޫއުތައް ފުރިހަމައަށް ހިނގަން ފެށީ މިހާރު ކަމަށެެވެ. އެގޮތުން ޓެންޑަ ޕްރޮސެސް ކުރިއަށް ގޮސް އެއްބަސްވުންތަކުގައި ސޮއިކުރަމުންދާ ކަމަށާ އެހެން ނަމަވެސް އެއީ މިފޭސްގެ ޕްރޮގްރާމްތަކަށް ފިލާވަޅު ލިބިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ މުސްތަގުބަލުގައި މަޝްރޫއުތައް މިއަށް ވުރެ އަވަހަށް ހިންގޭނެ ގޮތްތަކެއް ރާއްޖޭން ހޯދަން ޖެހޭ ކަމަށެވެ.
ފޭސް ދޭއްގެ މަސައްކަތްތައް އަވަސްުކުރުމަށް ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ވެސް އޭނާ ވަނީ ވިދާޅުވެދެއްވާފަ އެވެ. އެގޮތުން އުއްމީދުތައް މާ މަތި ނުކޮށް، ކުރެވޭނެ ވަރުގެ ކަންތައްތަކާ އުޅުމުގެ މުހިއްމުކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަނެއް ކަމަކީ ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން އިތުރު ކުރުމެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ރާއްޖޭން އަޑު އުފުލާއިރު ރާއްޖޭން އެކަމަށް ކުރާ މަސައްކަތް މިހާރަށް ވުރެ އަވަސް ވާން ޖެހެ އެވެ.