06 Apr 2013, 09:26
ދިވެހިންގެ މިނިވަންކަން ގެއްލިގެން ދަނީ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެއީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
"އެނގި ހާމަވަނީ" މި ނަމުގައި ޣިޔާސުއްދީން ސްކޫލްގައި ޑީއާރްޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ދިވެހީންގެ މިނިވަންކަމާއި ގައުމިއްޔަތު ގެއްލިގެންދާ ކަމަށް ރައްޔިތުންގެ ތެރެއިން ބަޔަކު "ވަރަށް ވަރުގަދަޔަށް ޕޯޑިއަމްތަކުގައި" ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. ނަމަވެސް އެއީ ގަތެއް ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ދިވެހީންގެ މިނިވަންކަމާއި ގައުމިއްޔަތު ގެއްލިގެން ނުދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ދިވެހިންގެ މިނިވަން ކަމަށް އަރައިގަންނަން އެކިފަހަރު މަތިން އެކިއެކި ފަރާތްތަކުން މަސައްކަތް ކުރިކަން އެއީ ތާރީޚު ހެކިދޭ ކަމެއް ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް ހިތްވަރުގަދަކަމާ އެކު ދިވެހީން މިނިވަންކަން ދިފާއު ކުރެއްވި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ވާހަކަ މިހާރު އެތަން މިތަނުގައި ޕޯޑިއަމް ފުނޑުފުނޑުވެގެންދާ ވަރަށް ބައެއް ފަރާތް އެބަ ދައްކާ. އަޅުގަނޑުމެންގެ މިނިވަންކަން ދެ ފަހަރެއްގެ މަތިން ގެއްލިގެން ދިޔަ. ބިދޭސީންގެ އަތްދަށަށް ދިޔަ. އެއް ފަހަރު ޕޯޗްގީޒުން އެނެއް ފަހަރު ހޮޅިން. ބައްލަވާ ޕޯޗްގީޒުންގެ އަތްދަށް އަޅުގަނޑުމެންގެ މިނިވަން ދިޔަތާ 17 އަހަރު ތެރޭ އަނބުރާ ހޯދާފިން. ދެން ހޮޅިން މާ ކުޑަ ދުވަސް ކޮޅެއް. ދިވެހިންނަކީ ހިތްވަރު ގަދަ ކެރޭ ބައެއް. މިހާރު އަޅުގަނޑުމެން ދިވެހިންނަކީ ދުނިޔޭގެ އެހެން ގައުމު ތަކެކޭ އެއްފަދައިން ބައިނަލްއަގުވާމީ ދުނިޔޭގައި ފައިހަމަކޮށްގެން ތިބޭ ބައެއް. އދ. އެހެރީ. ދުނިޔޭގެ އިސްލާމީ ބޮޑެތި ގައުމުތަކުގައި އެހަރަ އަޅުގަނޑުމެންގެ ދިދަ ވިހުރެނީ. ދިވެހިރާއްޖެ އޮތީ ބައިނަލްއަގުވާމީ ދުނިޔޭގައި ކުދި ގައުމު ތަކުގެ ލީޑަރެއްގެ ގޮތުގައި. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ނިކުމެ މި ބުނަނީ އަޅުގަނޑުމެންގެ މިނިވަންކަން ގެއްލެނީއޭ. ރާއްޖެއިން ބޭރު ބައެއްގެ އަތް ދަށަށް ދަނީއޭ. އަޅުގަނޑުމެންގެ ރާއްޖެއެއް ނުދޭ ބޭރު ބައެއްގެ އަތްދަށަށް. ނުދޭ އިނގޭތޯ. އެއަށް ވުރެ މާ ހިތްވަރުގަދަ ބައެއް [އަޅުގަނޑުމެންނަކީ]. މަދު ބަޔަކު މި ދައްކާ ވާހަކައެއް މި ދައްކަނީ އަޅުގަނޑުމެންގެ ހިތުގައި ބިރުވެރިކަން އުފައްދަން،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 1965ގައި ރާއްޖެ މިނިވަން ވެގެން ދިޔުމާ އެކު ރާއްޖެ އަކީ ބައިނަލްއަގުވާމީ ދުނިޔޭގައި މަސައްކަތް ކުރެވޭ ވަރުގެ ގާބިލުކަން ހުރި ގައުމެއް ނޫންކަމަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ބައްދަލު ވުމުގައި ފަރަންސޭސިވިލާތުން ބުނި ކަމަށާއި ނަމަވެސް މިއަދު ރާއްޖެ އަކީ ބޭރު ދުނިޔޭގައި ނުފޫޒު ގަދަ ގައުމެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ދިވެހީންގެ މިނިވަންކަން ގެއްލިގެންދާ ކަމަށް ވަކާލާތު ކުރާ ފަރާތްތަކުން ސިޔާސީ މަގުސަދުތަކެއް ހާސިލު ކުރުމަށް ޓަކައި ދިވެހީންގެ އަތުން އިސްލާމްދީން ވެސް ގެއްލެން ފަށައިފިކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދާ ކަމަށާއި ނަމަވެސް 900 އަހަރު ފާއިތުވެގެން ދިޔަ އިރު ދިވެހީންގެ އަތުން ނުގެއްލި އޮތް އެއްޗެއް މިއަދު ގެއްލިގެން ނުދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ރާއްޖެ އިން އިސްލާމްދީން ފޮހެލުމަށް އެއްވެސް ބަޔަކު މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުވެގެން ނުދާނެ ކަމަށް ވެސް މަޖިލީހުގެ ރައީސް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ދައްކާ ވާހަކަ އެއް ރާއްޖެ އިން އިސްލާމްދީން ފޮހެވިގެން ދަނީއޭ. ދިވެހިރާއްޖޭގެ 900 އެތަށް އަހަރުވީ އިސްލާމީ ތާރީޚުގައި މިއަދަށް ވުރެ ގިނައިން މިސްކިއްތައް ރާއްޖޭގައި ހުރި ދުވަސް ވަރެއް ނެތް. އެ މިސްކިތްތަކަށް ވަކި ގިނައިން އަރާ ދުވަސް ވަރެއް މިނޫނީ ވަކި ނެތް. ރާއްޖޭގައި އިސްލާމީ އިލްމުވެރިން މިއަށް ވުރެ ގިނަ ޒަމާނެއް މި ނޫނީ އަޅުގަނޑުމެން ދެކިފަ އެއް ނެތް. އެކަމަކު މި ކިޔަނީ އިސްލާމްދީން އަޅުގަނޑުމެން ދޫކޮށްފަ ގާދޫ ކަނޑުން ނިކުމެގެން ދަނީއޭ. އަޅުގަނޑު ދަންނަވާނީ ރާއްޖެއަކުން އިސްލާމްދީން ދުއްވަ އެއް ވެސް ނުލެވޭނޭ ފޮހެ ވެސް ނުލެވޭނޭ. ފޮހެލަން ބަޔަކު މަސައްކަތް ކުރިއަސް ވާނީ ބާތިލް ކަމަކަށޭ އެކަން ކާމިޔާބެއް ނުވާނެއޭ. މި ގޮތަށް މި ދައްކާ ވާހަކަ ތަކަކީ ސިޔާސީ މަގުސަދުތަކެއް ހާސިލް ކުރުމަށްޓަކައި ދައްކާ ވާހަކަތަކެއް. އަޅުގަނޑުމެންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ވާހަކަތަކެއް. މަދު ބަޔަކު މިގޮތަށް ދައްކާ ވާހަކަތަކަކަށް އަޅުގަނޑުމެންގެ ތެރޭގައި ޖާގަ އެއް ނޯންނާނެ. އަޅުގަނޑުމެންނަކީ އިންޑިއާ ކަނޑުގައި އޮތް ފަޚުރުވެރި އިސްލާމީ ވަރުގަދަ ކިއްލާ އެއް،" ޝާހިދު ވިދާޅުވި އެވެ.