ދިރާގު ދިވެހި ލީގުގައި މިސީޒަންގައި ކުޅުނު އެންމެ ހަމަނުޖެހުން ބޮޑު މެޗުން ވީބީ އައްޑޫ އެފްސީ އެކެއް ސުމަކުން ބަލިކޮށް ބީޖީ ސްޕޯޓްސް ލީގު ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފި އެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ފަސް ރަތްކާޑު ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނިޓުގައި ބީޖީއަށް ކުރި ހޯދައިދިނީ ވީބީގެ ކުރީގެ ކެޕްޓަން އަޝްހަދު އަލީ (އަޑުބަރޭ) އެވެ. އެނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމި ދެވަނަ ހާފު ފެށިގެން މެޗުގެ އޮއިވަރު ހޫނުވަމުންގޮސް މެޗުގެ ފުރަތަމަ ރަތްކާޑު ދައްކާފައިވަނީ މެޗުގެ 74 ވަނަ މިނިޓުގައި ބީޖީގެ ފަރުހާދު އިސްމާއިލް އަށެވެ. ފަރުހާދަށް ރެފްރީ ރަތްކާޑުދެއްކީ ކުރިން ރީނދޫ ކާޑެއް ދައްކާފައިވަނިކޮށް އޭނާ މެޗުގެ ވަގުތު ނަގާލަން މަސައްކަތްކުރާ ކަމަށް ބުނެ ދެވަނަ ރީނދޫކާޑެއް ދެއްކުމަށް ފަހުގައެވެ.

އެހިސާބުންފެށިގެ 10 މީހުންނާއެކު ކުޅެމުން އައި ބީޖީއާއި ވީބީގެ ކުޅުންތެރިންގެ ތެރޭގައި ހަމަނުޖެހުން ބޮޑުވާން މެދުވެރިވީ، މެޗުގެ 80 ވަނަ މިނިޓު ހިސާބުގައި، އަޑުބަރޭއާ ވީބީގެ އިސްމާއިލް މުހައްމަދާ ދެކުޅުންތެރިންގެ ދެމެދުގައި ބޯޅަ އަތުލުމަށް ކުރި މަސައްކަތުގައި ތަޅާފޮޅުމެއް ހިނގުމުގެ ސަބަބުންނެވެ. އެހިސާބުން ދެޓީމުގެ ސަޕޯޓަރުންނާއި އޮފިޝަލުން ދަނޑުމައްޗަށް އަރައިގަތުމުން އެ ހަމަނުޖެހުންގަނޑު މައިތިރިކުރުމަށްޓަކައި އެތަނުގައި ތިބި ގިނައަދަދެއްގެ ފުލުހުންވެސް ދަނޑުމަށްޗަށް އެރިއެވެ. އަދި ހަމަނުޖެހުންގަނޑު މައިތިރި ވުމުން ރެފްރީ ވަނީ ބީޖީގެ އަޑުބަރޭއާއި، އަހްމަދު ރިލްވާން (ރިލޭ) އަދި ވީބީގެ ވިކްޓާ ބްރެނިމިރޯއަށް ރަތްކާޑު ދައްކާފައެވެ. އެހިސާބުން އަނެއްކާވެސް ހަމަނުޖެހުން ބޮޑުވީ، ރެފްރީ ވީބީގެ އިތުރު ކުޅުންތެރިއަކަށް ރަތްކާޑު ނުދައްކައި ދޫކޮށްލުމުން ބީޖީގެ އޮފިޝަލުން މައްސަލަ ޖެއްސުމުންނެވެ. އެވަގުތު މެޗު އޮފިޝަލުން ރެފްރީޒްރޫމަށް ދިއުމަށްފަހު އެނބުރި އައިސް މެޗު ފެށީ ކުރިން ހިނގި ހަމަނުޖެހުމާއި ގުޅިގެން ވީބީގެ ހަސަން ފައިރޫޒަށް ރަތްކާޑެއް ދެއްކުމަށް ފަހުއެވެ.

މިއަދުގެ މެޗުބަލަން ދަނޑުގައި ތިބި ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން ބުނެފައި ވަނީ މިއަދުގެ މެޗުގައި ހިނގި ހަމަނުޖެހުންތައް އެފްއޭއެމްއިން ރަނގަޅަށް ތަހްގީގުކޮށްފިނަމަ އަދިވެސް ބައެއް ކުޅުންތެރިންނާއި އޮފިޝަލުންނަށް ބޮޑެތި ސަސްޕެންޝަން ތަކެއް އަންނަން ޖެހޭނޭ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ސިފަކުރި ގޮތުގައި މިއަދުގެ މެޗުގެ ހަމަނުޖެހުން ބޮޑުވާން މެދުވެރިވީ ރެފްރީއަށް ބައެއްކަހަލަ ނިންމުންތައް ގޯސްކޮށް ނިންމިފައި ވުމާވެސް އެކުގައެވެ.

އިޓަލީގެ ކޯޗު ފަބިއޯ ލޮޕޭޒްގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުން ބީޖީ މޮޅުވުމުން އެކުލަބު މިހާރު އޮތީ ކުޅުނު ކުޅުނު ފަސްމެޗުން ހަ ޕޮއިންޓު ހޯދައިގެން ލީގު ތާވަލުގެ ހަތަރުވަނައިގަ އެވެ. އަދި މިއަދުގެ މެޗުން ވީބީ ބަލިވުމުން އެކުލަބަށް ފަސްމެޗުން ލިބުނު ދެ ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަތްވަނައިގައެވެ.

ދިރާގު ދިވެހި ލީގުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަ ކުރާނީ ތާވަލުގެ ހަވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބާއި ތާވަލުގެ ފުލުގައި އޮތް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.