19 Oct 2010, 07:04
ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން، އެކުލަވާލި ރިޕޯޓް ހުށަހެޅުން މިއަދުގެ ޖަލްސާ އަށް އެޖެންޑާކުރުމަށް ފަހު، އެ ރިޕޯޓް ހުށަހެޅުން އެޖެންޑާ އިން ނެގުމުން މަޖިލީހުގެ ތަޅުން ނިޒާމީ މައްސަލަތަކުގައި ހޫނުވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓާލައިފި އެވެ.
މިއަދު ހެނދުނު 9 ޖެހިއިރު ފުރަތަމަ ޖަލްސާ ފެއްޓި ނަމަވެސް ކޯރަމް ގެއްލިގެން މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު 9:20 ގައި ޖަލްސާ މެދުކަނޑާލެއްވި އެވެ. އަދި އަލުން ކޯރަމް ހަމަވެގެން 9:45 ގައި ފެށި ޖަލްސާ ކުރިއަށް ނުގެންދެވިގެން ނިންމަވާލެއްވި 9:59 ގަ އެވެ. ޖަލްސާ ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، މިހާރު ކަންތައް ހުރިގޮތުން ޖަލްސާ ކުރިއަށް ގެންދެވެން ނެތިގެން މިއަދުގެ ޖަލްސާ ނިންމަވާލެއްވީކަމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމުގައި އަމަލު ކުރާ، މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) އާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން އެ ކަމަށް އަސަރުކުރާ ފަދަ އެއްވެސްކަމެއް މަޖިލީހުގައި ކުރިއަށް ނުގެންދިއުމަށް އެ ކޯޓުން އިއްޔެ ނެރުނު އަމުރު، އަމީން އާއްމު އަހުމަދު މުހައްމަދު މިއަދުގެ ޖަލްސާއަށް އިސްވުމުން، ޑީއާރުޕީގެ މެންބަރުން ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވި އެވެ.
އެ ބޭފުޅުން ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިމެންދެން މަޖިލީހުގެ އެހެން އެއްވެސްކަމެއް ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަންވާ ކަމަށާއި އެކަމަށް ކިޔަމަންވުމުގެ ގޮތުން ކޯޓުން ވަކި ގޮތެއް ނިމެންދެން މަޖިލިސް ކުރިއަށް ނުގެންދެވުމަށް ވެސް އެ މެންބަރުން މަޖިލީހުގެ ރައީސަށް ދަންނަވަމުން ގެންދެވި އެވެ.
މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް ވިދާޅުވީ، މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ އިން އުނިކުރެވިގެން ނުވާނެކަމަށެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާފައި ވަނީ މަޖިލީހުން ގަބޫލުކުރާ، އެޓާނީ ޖެނެރަލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި، ރައްޔިތުންނަށް ޖަވާބުދާރީވުމެއްނެތި ރައްޔިތުންގެ ފައިސާ އެކި ގޮތްގޮތަށް ހަރަދު ކުރައްވަމުން ގެންދަވާ ވަޒީރުންނަށް އެކަމުގައި ދެމި ތިބެވޭ ގޮތަށް އޮވެގެންނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، ސިވިލްސާވިސް މުވައްޒިފުންގެ މުސާރައިގެ މައްސަލަ ވެސް ކޯޓުގައި ދިގުދެމިގެން ގޮސްފައިވާ އިރު މި މައްސަލަ ވެސް ދިގު ދެމިގެން ދިއުމުގެ ބިރު އޮތުން ބަލަހައްޓައިގެން ތިބެވެންނެތް ކަމަށެވެ. އަދި ވަޒީރުން ތިއްބެވި އޮފީހުން އެމީހުން ނެރެންވީ ކަމަށާއި، އެ ވަޒީރުން "ގައުމު ދަވައިލަންދެން" ދެ އަހަރު ތިން އަހަރު ބަލަހައްޓައިގެން ތިބެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖުތާޒް ވިދާޅުވީ، ވަޒީރުނަން ރުހުން ދިނުމުގެ މައްސަލައަކީ މަޖިލީހުގެ ހުރިހާ ކަމަކާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ އަށް ގޮތެއް ނުނިމެނީސް އެއްވެސް މައްސަލައެއް މަޖިލީހުގައި ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށާއި އެކަމަށް ގޮތެއް ނިމެންދެން މަޖިލިސް ޖެހޭނީ ހުއްޓައިލަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިލިމާފަންނު ދާއިރާގެ އަހްމަދު ނިހާން ހުސެއިންމަނިކު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) އާ ބެހޭ ގޮތުން ކޯޓުން ނެރެފައިވާ އަމުރުގެ ސަބަބުން އެ ގަވާއިދު ގަބޫލު ލުކުރާކަން އެނގިގެން ހިނގައްޖެ ކަމަށެވެ. އަދި ގައުމަށް ދިމާވެގެން މިއުޅޭ ކަމަކީ، "ބުއްދި ފިލާފައި ހުރި ރައީސެއްގެ ކިބައިން ސަލާމަތް ނުވެވިގެންއުޅޭ މައްސަލަ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ ވިދާޅުވީ މަޖިލީހުން ފާސްކުރާ ބައެއް ގާނޫނުތައް ތަސްދީގު ނުކުރައްވާ ކަމަށާއި ތަސްދީގު ކުރައްވާ ގާނޫނުތަކަށް ސަރުކާރުން އަމަލު ކުރައްވަމުން ނުގެންދަވާކަމަށެވެ. އަދި ވަޒީރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާބައެއް ނޫން ކަމަށާއި އެހެންކަމުން ކޯޓުގެ އަމުރަށް ކިޔަމަންވުމަށް މަސައްކަތް ހުއްޓާލަންވީ ކަމަށް ވިސާމް ވިދާޅުވި އެވެ.
މެންބަރުންގެ ނިޒާމީ ނުކުތާތަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވި، ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަށް މަޖިލީހުން ބޯލަބަން ޖެހޭނެ ކަމަށެވެ. އަދި ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ވަކިގޮތެއް ނުނިންމެނީސް އެ މައްސަލައާ ބެހޭ އެއްވެސް ކަމެއް މަޖިލީހުން ކުރިއަށް ނުގެންދަވާނެ ކަމަށް ޝާހިދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ. ނަމަވެސް މެންބަރުން ފުލުފުލުގައި ނިޒާމީ މައްސަލަ ނަންގަވައި އަޑުގަދަ ކުރައްވަމުން ގެންދެވި އެވެ. އަދި ޖަލްސާ ނިންމަވާލެއްވިކަން އިއުލާން ކުރެއްވި އިރު ވެސް ގިނަ އަދަދެއްގެ މެންބަރުން ނިޒާމީ މައްސަލައަށް އެދިވަޑައިގަންނަވަމުން ގެންދެވި އެވެ.
ރިއާސަތުން މިއަދުގެ ޖަލްސާ ނިންމަވާލެއްވިކަން އިއުލާން ކުރެއްވީ މާދަމާ އެ މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ކަން އިއުލާންކުރެއްވުމަށް ފަހު އެވެ.