06 Apr 2013, 00:23
ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ރާއްޖޭގައި ނޭޝަނަލް ހެލްތު ސާވިސް އެއް ޑީއާރްޕީގެ ވެރިކަމެއްގައި ގާއިމް ކުރައްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
"އެނގި ހާމަވަނީ" މި ނަމުގައި ޣިޔާސުއްދީން ސްކޫލްގައި ޑީއާރްޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ ރާއްޖެ ކަހަލަ ކުދި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ގައުމެއްގައި ޕްރައިވެޓް ހެލްތް އިންޝުއަރެންސް ސްކީމެއް އެންމެ އެދެވޭ ގޮތެއްގައި ނުހިންގޭނެ ކަމަށެވެ. އެހެންކަމުން އެކަށީގެންވާ ސިއްޙީ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ނޭޝަނަލް ހެލްތު އިންޝުއަރެންސް ސްކީމެއް ގާއިމް ކޮށް ދައުލަތުގެ ބެލުމުގެ ދަށުން ހިންގަން ޖެހޭނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"ރާއްޖޭގެ ކަހަލަ ކުދި އާބާދީ ތަކެއްގެ މައްޗަށް ބެހިފައިވާ ގައުމެއްގައި ޕްރައިވެޓް ހެލްތް ކެއާ އެކަށީގެންވާ ގޮތެއްގައި ހުރިހައި ރަށެއްގައި ތަރައްގީ ވެގެނެއް ނުދާނެ. ރާއްޖޭގެ ހުރިހައި ރަށަކަށް ސިއްޙީ ޚިދުމަތް ފޯރުކޮށް ދެންޏާ އެކަން ކޮށްދޭން ޖެހޭނީ ދައުލަތު ޒިންމާ ނަގައިގެން ދައުލަތުގެ ބެލުމުގެ ދަށުން ކުރާ ކަމެއްގެ ގޮތުގައި. އެހެން ވީމަ އަޅުގަނޑުމެން ޑީއާރްޕީން ގަބޫލު ކުރާ ގޮތުގައި ރާއްޖޭގައި ސިއްޙީ ނިޒާމް އެންމެ އެކަށީގެންވާ ގޮތެއްގައި ބައްޓަން ކުރެވޭނީ ރާއްޖޭގައި ނެޝަނަލް ހެލްތް ސާވިސްއެއް ގާއިމް ކޮށްގެން. އެއީ ދައުލަތުގެ ސީދާ ބެލުމުގެ ދަށުން ދައުލަތް މެދުވެރިވެގެން ސިއްޙީ ޚިދުމަތްދޭ ތަންތަން،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީ ވިދާޅުވީ ރާއްޖޭގައި ފުރިހަ ސިއްޙީ ޚިދުމަތެއް ފޯރުކޮށް ދިނުމަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ސިއްޙީ ޚިދުމަތްދޭނެ އެކަށީގެންވާ ތަންތަން ގާއިމް ކުރަންޖެހޭނެ ކަމަށެވެ.
ފައިސާ ނެތިގެން ސިއްޙީ ޚިދުމަތް ނުލިބިފައި ތިބެންޖެހުމަކީ ޑީއާރްޕީން ގަބޫލުކުރާ ސިޔާސަތެއް ނޫން ކަމަށާއި ރައްޔިތުންގެ އަތުގައި ފައިސާ ނެތް ނަމަވެސް ދައުލަތުގެ ފަރާތުން ރައްޔިތުން ބޭނުންވާ ސިއްޙީ ޚިދުމަތް ފޯރުކޮށް ދޭންޖެހޭނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ޑީއާރްޕީ އަކީ ހުސް ވައުދުވާ ޕާޓީއެއް ނޫން ކަމަށާއި ޑީއާރްޕީން ރައްޔިތުންނަށް ވާނީ ފުއްދޭނެ ވަރުގެ ވައުދުތައް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި އެޕާޓީގެ މެނިފެސްޓޯ ތައްޔާރު ކުރާނީ ރައްޔިތުންގެ ކައިރިއަށް ގޮސް ރައްޔިތުންގެ އަޑުއަހައި ރައްޔިތުން އެދޭގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ޑީއާރްޕީގެ ރިޔާސީ މިނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ނިމޭނެ ކަމަށާއި އަންނަ މަހުން ފެށިގެން ޑީއާރްޕީގެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު އަހްމަދު މޫސާ އާއި ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު ޒުބައިރު އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހްމަދާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝަފީއުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު އަހްމަދު މުހައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.