މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޗެއާމަން ކަމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ އަހަރު އައްޔަން ކުރި ފަސީހު ޒާހިރު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ހަފްތާގަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބައެއް ފަސީހު ހާމައެއް ނުކުރައްވަ އެވެ.

އެމްޓީޑީސީގެ އޮފިޝަލަރު ވިދާޅުވީ ފަސީހު އިސްތިއުފާ ދެއްވީ އެމްޓީޑީސީން މިހާރު އޮޕަރޭޓް ކުރާ ކުލަބްފަރު ރިސޯޓުގެ މެނޭޖުމަންޓާއި އެމްޓީޑީސީއާ ދެމެދު ޖެހުނު މައްސަލައެއްގެ ތެރެއަށް ޓޫރިޒަމް މިނިސްޓްރީން ވަދެ، "ކަންތައްގަނޑެއް" ހިނގާފައި ވަނިކޮށް ކަމަށެވެ.

އެމްޓީޑީސީ ޗެއާމަން ކަމަށް ކުރިން ހަމަޖެއްސި މުހައްމަދު ރަޝީދު ވެސް އެ މަގާމަށް އައްޔަން ކުރިތާ މަހެއް ނުވަނީސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

އެމްޓީޑީސީގައި ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުންނަކީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަތީނާއި އަބްދުﷲ އަހުމަދާއި އިސްމާއިލް މިފްރާހެވެ. ޑިރެކްޓަރުންގެ ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ އަބްދުﷲ ލީމަން ޒާހިރާއި ޒަކަރިއްޔާ ހުސައިންއާއި އަހުމަދު ޝާކިރު އާއި އައިޝަތު ހުސައިން މަނިކުގެ އިތުރުން އަލީ މުހައްމަދެވެ.