"އޮމެގާ 3" އެކުލެވޭ ކަނޑުމަހާއި ފަރުމަސް ކާމީހުންގެ ޢުމުރު ދިގުވާކަން އެމެރިކާގައިކުރި އައު ދިރާސާއަކުން ހާމަވެއްޖެ އެވެ.

"ހެލްތް ނިއުސް" ގައި ޝާއިޢުކޮށްފައިވާ ދިރާސާ ގައިވާގޮތުން އުމުރު މައްޗަށްދާ މިންވަރަކަށް "އޮމެގާ 3" މާއްދާ ހަށިގަނޑަށް މުހިއްމު ވާމިންވަރު ބޮޑުވެ އެވެ. އުމުރުން 85 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ 2600 މީހުން ހިމަނައިގެން ހަވަޑް ޔުނިވަރސިޓީ ޕަބްލިކް ހެލްތާބެހޭ ފެކަލްޓީން ކުރި އެ ދިރާސާއިން ހާމަވެފައިވާ ގޮތުގައި 2600 މީހުންގެ ތެރެއިން ސިއްޙަތު އެންމެ ރަނގަނޅު ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ލެއިން އެކަށީގެންވާ މިންވަރަކަށް "އޮމެގާ 3" ފެނިފައިވެ އެވެ. އެމީހުންގެ ސިއްޙަތު ރަނގަނޅު ކަމުގެ ބެލެވިފައި ވަނީ އެ މާއްދާގެ ސަބަބުން ކަމަށް ވެސް އެ ދިރާސާކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި ޑރ. ރިޔޮޝް މުޒްފިރިޔާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މި 2600 މީހުންގެ ތެރެއިން އެމީހުންގެ ލެއިން "އޮމެގާ 3" ފެނިފައިވާމީހުންނަކީ އާންމުކޮށް ކަންނެއްޔާއި ކަޅުބިލަމަސްފަދަ ކަނޑުމަހާއިމާނިޔާ މަސްފަދަ "އޮމެގާ 3" ގިނައަދަދަކަށް އެކުލަވޭ ކަނޑުމަސް ކާމީހުންނެވެ. އެމީހުންގެ ލެއިން އެކަށީގެންވާ މިންވަރަށް "އޮމެގާ 3" ފެނުނު މީހުން އިތުރު 3 އަހަރަށް ރަނގަޅު ސިއްޙަތެއްގައި ދެމިތިބުމުގެ ފުރްސަތު އެބައޮތްކަން އެމީހުންގެ މެޑިކަލް ޗެކްއަޕްތަކުން ހާމަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޮމެގާ 3" ހަށިގަނޑުގައި އެކަށީގެންވާ މިންވަރަކަށް ހުރުމަކީ ކުއްލިއަކަށް މަރުވުމުގެ ފުރްސަތާއި ހިތާއި ނާރުތަކުގެ ބައްޔާއި ސްޓްރޯކް ޖެހުމުގެ ފުރްސަތު ވެސް ކުޑަކޮށްދޭ ކަމެއް ކަމަށް މީގެކުރިން ކޮށްފައިވާ މިބާވަތުގެ ދިރާސާތަކުންވެސް ހާމަވެފައިވެ އެވެ. އަދި ކަނޑުމަހުގެ ބައެއް ބާވްތަކާއި ފަރުމަހުގެ ގިނަ ބާވަތްތަކަކީ ހިތަށާއި ނާރުތަކުގެ ސިއްޙަތަށް ރަނގަނޅު ޕްރޮޓެއިންތަކާއި ފެޓީ އެސިޑް އެކުލެވޭ މަސްތައް ކަމަށާ މިބާވަތުގެ މަސް ކެއުމަށް ވެސް މިފަދަ ދިރާސާތަކުގައި ލަފާދީފައިވެ އެވެ.

"އޮމެގާ3" ހަށިގަނޑަށް ބޭނުންވާ މިންވަރަށް އަބަދުވެސް ހަށިގަނޑުގައި ހުންނަނަމަ ކުއްލިއަކަށް މަރުވުމާއި ސްޓްރޯކް ޖެހުންފަދަ ނުރައްކާތެރިކަންތައްތަކުން ސަލާމަތްވުމުގެ ފުރްސަތު 27 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުވާކަމަށް ވެސް އެފަދަ ދިރާސާތަކުން ހާމަވެފައިވެއެވެ. (ޔުނައިޓެޑް ޕްރެސް އިންޓަނޭޝަނަލް)