މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ)ގެ ރައީސް އަކަށް އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މުހަންމަދު ހޮއްވަވައިފި އެވެ.

ޝީ ބިލްޑިންގައި ރޭ ބޭއްވި އެ ޖަމްއިއްޔާގެ އަހަރީ އާންމު ޖަލްސާގައި އަބްދުﷲ މުހަންމަދު ރައީސް ކަމުގެ މަގާމަށް ހޮވިވަޑައިގެންނެވީ އެ މަގާމަށް އެހެން ބޭފުޅަކު ވާދަ ނުކުރެއްވުމުންނެވެ. އެ ޖަމިއްޔާގެ ނިމިދިޔަ ދައުރުގެ ރައީސް މުހައްމަދު ޖަނާހު އަލީ ޖެހިޖެހިގެން ދެ ދައުރުފުރިހަމަ ކުރައްވާފައިވުމުން އޭނާއަށް އެ މަގާމަށް މިފަހަރު ވާދަނުކުރެއްވުނެވެ.

މަސީގެ ނައިބު ރައީސުންގެ މަގާމަށް މި އަހަރު ވެސް ހޮވިވަޑައިގެންނެވީ ކުރިން އެ މަގާމު ފުރުއްވަމުން ގެންދެވި ދެ ބޭފުޅުންނެވެ. އެއީ އަލާއު އަލީ އާއި އަދުނާން ހަލީމެވެ. އަލާއު އާއި އަދުނާން ފިޔަވައި އިތުރު ބޭފުޅަކު އެ މަގާމަށް ވާދައެއް ނުކުރައްވަ އެވެ. ހަޒާދާންރު ކަމަށް މުހައްމަދު ޖިލްވާޒް ޖައުފަރު އިންތިހާބު ކުރި އިރު، އެ ދެ މަގާމަށް ވެސް އިތުރު ބޭފުޅަކު ވާދައެއް ނުކުރައްވަ އެވެ.

އެ ޖަލްސާގައި މަސީގެ އެގްޒެކްޓިވް ބޯޑަށް ހަ ބޭފުޅަކު ވަނީ ހޮއްވަވާފަ އެވެ. ހަ ބޭފުޅުން ކުރިމަތިލުމުން އިންތިހާބަކާ ނުލައި މަސީގެ ބޯޑު މެންބަރު ކަމަށް ހޮވީ ފަޔާޒް މަންސޫރު އާއި ހަސަން ޝަމީމް އާއި ސައުދުއްﷲ ހިލްމީގެ އިތުރުން އިބްރާހިމް މުއްތަލިބާއި މުހައްމަދު ސައީދުގެ އިތުރުން މަސީގެ ކުރީގެ ރައީސް މުހައްމަދު ޖަހާނު އެވެ.

ރޭގެ ޖަލްސާގައި ވަނީ އެ ޖަމްއިއްޔާގެ އަހަރީ ރިޕޯޓް ފާސްކުރުމުގެ އިތުރަށް މާލީ ހިސާބުތައް ވެސް ފާސްކޮށްފަ އެވެ. އަދި މި އަހަރަށް ލަފާކޮށްފައިވާ އެ ޖަމްއިއްޔާގެ ބަޖެޓް ވެސް ވަނީ ފާސްކޮށްފަ އެވެ.

އެ ޖަމިއްޔާގެ ނިމިދިޔަ ދައުރުގެ ރައީސް ޖަނާހު ރަށުން ބޭރުގައި އުޅުއްވާތީ، ރޭގެ ޖަލްސާއަށް ވަޑައިނުގެންނެވުމުން އޭނާގެ ހިތާބެއް ވަނީ އަހަރީ ޖަލްސާއަށް އިއްވާފައެވެ. އެ ހިތާބުގައި ޖަނާ ވިދާޅުވީ ދެ ވަނަ އިންޑަސްޓުރީއަކަށް މަސީ ވެގެންދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި މަސީގެ އޮފީހެއް ބިނާ ކުރުމަށް ބިމެއް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ދެ ދައުރުގެ ރައީސްކަން ކުރެއްވުމުގެ ސަބަބުން އެޖަމިއްޔާގެ ރައީސް ކަމަށް ކުރިމަތި ނުލެއްވުނު ނަމަވެސް އެޖަމިއްޔާއަށް ހިދުމަތް ކޮއްދޭނެ ކަމަށް ޖަނާ ވިދާޅުވި އެވެ.